ޚަބަރު

ފަނޑިޔާރުންނަށް އިންޒާރެއް ނުދެން، ބޭއަދަބީ ބަހެއް ވެސް ނުބުނަން: އަބްދުއްރަހީމް

މަރިޔަމް ޝަހުދާ

ފަނޑިޔާރުންނަށް އިންޒާރުދީ އެބޭފުޅުންނަށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަނޑިޔާރުންނަށް އިންޒާރުދީ ބޭއަދަބީ ގޮތަށް ވާހަކަ ދެއްކެވިކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، އެފަދަ އަމަލެއް އެއްގޮތަކަށް ވެސް ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ކަމެއްގައި އޭނާއަށްވުރެ ކުރިން ހާޒިރުކުރަން ޖެހޭނީ އެމްޑީޕީގެ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

''ނޫން. ނުކުރަން އެއްގޮތަކަށް ވެސް. އެއަށްވުރެ ބޮޑަށް، އަޅުގަނޑަށްވުރެ ކުރިން ހުސްނުއްސުއޫދު ނޫންތޯ ތިކަމުގައި ގެންދަން ޖެހޭނީ. ހުސްނުއްސުއޫދު އެކަންޏެއްނޫން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މެން ކަހަލަ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީމެން ފަދަ ބޭފުޅުން، ހާއްސަކޮށް އެމްޑީޕީގެ ބޭފުޅުން ކުރައްވާ ކަމެއްގެ ވާހަކަ ތި ވިދާޅުވީ،'' އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުންނަކީ ކޯޓުތަކަށް ވަރަށް އިހުތިރާމުކުރާ އަދި އުސޫލުގެ ތެރެއިން ކޯޓުން ނިންމާ ނިންމުންތަކަށް ތަބާވާ ބައެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރި ހުކުމަކީ އުސޫލުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށާއި އެ ހުކުމަށް ތަބާ ނުވަނީ އެހެންވެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ހުކުމް ކުރި ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް، ހުތުރު ބަހެއް ބޭނުން ނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއިރު، އެ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އަދި އެ މައްސަލައިގައި މިރޭ 8:00 އަށް އަދުރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފައެވެ.