ޚަބަރު

މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް އިދިކޮޅުން ބޮޑު ހަރަކާތެއް ބާއްވަނީ

މުހައްމަދު ޝަހީމް

1

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި ބޮޑު ހަރަކާތެއް ފަށަން ނިންމާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ބޭއްވި ޕުރެސް ކޮންފަރެންސެއްގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މި ހަރަކާތަކީ ޕީޕީއެމް-ޕީއެންސީގެ ކައުންސިލުން ގުޅިގެން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކުރި ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.

އެގޮތުން އެ ހަރަކާތް ބާއްވާނީ ރާއްޖޭގެ ހުރިހާ ދާއިރާއެއް ތަމްސީލުވާ ގޮތަށް، 87 ދާއިރާއިން ކޮންމެ ދާއިރާއަކަށް މަންދޫބެއް ބައިވެރިކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ހަރަކާތުގެ ބޭނުމަކީ އިދިކޮޅު ލީޑަރު ނުހައްގުން ޖަލަށް ލާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް އުފުލުން ކަމަށާއި ރައީސް ޔާމީން މިނިވަންވަންދެން އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ހަރަކާތުގެ އިތުރުން ވެސް ރޭ ބޭއްވި ކައުންސިލުގެ ބައްދަލުވުމުގައި ނިންމި ނިންމުމާ ގުޅިގެން މިރޭ މާލޭގައި މުޒާހަރާ ކުރުމަށް ހަމަޖެހިފައިވާކަން ވެސް އަދުރޭ ވިދާޅުވިއެވެ. މުޒާހަރާ އޮންނާނީ މިރޭ 8:30 ގައި ކަމަށާއި ނަމަވެސް މުޒާހަރާއަށް އެއްވާންޖެހޭ ތަން މުޒާހަރާގެ ބައިވެރިންނަށް މެސެޖަކުން އަންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބޭއްވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި ހުކުމް ކުރުމުގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކުރުމަށެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމުގައިވެއެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވުމަށްފަހު އެމަނިކުފާނު ފުރަތަމަ ބަންދުކޮށްފައި ބެހެއްޓީ މާލޭ ޖަލުގައެވެ. ނަމަވެސް ހުކުމް ތަންފީޒު ކުރުމަށްޓަކައި މިއަދުގެ ވަގުތެއްގައި ރައީސް ޔާމީން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. އަދި އެމަނިކުފާނަށް އިއްވި ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.