ޚަބަރު

ރައީސް ޔާމީނަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ޔާމީނަށް އިއްވި ހުކުމް އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ހައިކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

މައްސަލަ އިސްތިއުނާފު ކުރުމުގެ އިތުރުން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށާއި އެމަނިކުފާނަށް ކޮށްފައިވާ ފަސް އަހަރު ދުވަހުގެ ހުކުމް ފަސް ކުރުމުގެ އަމުރަކަށް ވެސް ހައިކޯޓުގައި އެދެފައިވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި ހުކުމް ކުރުމުގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކުރުމަށެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމުގައިވެއެވެ.

އޭގެ ފަހުން ރައީސް ޔާމީން ބަންދުކޮށްފައި ބެހެއްޓީ މާލޭ ޖަލުގައެވެ. އަދި ހުކުމް ތަންފީޒު ކުރުމަށްޓަކައި މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.