ޚަބަރު

އޮކްޓޫބަރު މަހު އިންފްލޭޝަން ރޭޓު މައްޗަށް

މުހައްމަދު ޝަހީމް

2018ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅައިބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު އިންފްލޭޝަން ރޭޓު 0.28 އިންސައްތަ މަތިވެއްޖެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ މިދިޔަ އޮކްޓޯބަރުމަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ރިޕޯޓުގައިވާ ގޮތުން އިންފްލޭޝަން ރޭޓު 0.28 އިންސައްތަ މަތިވެފައިވާއިރު މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހާއި އަޅައިބަލާއިރު 0.05 އިންސައްތައިގެ މަތިވުމެކެވެ. ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 0.23 އިންސައްތައިގައެވެ.

މަހުގެ އަގުތަކަށް އައި ބަދަލު ނުލައި އޮކްޓޯބަރު މަހުގެ އިންފްލޭޝަން ރޭޓު ހުރީ 0.43 އިންސައްތައިގައެވެ. މިއަދަދު ސެޕްޓެމްބަރު މަހު ހުރީ 0.27 އިންސައްތައިގައެވެ.

އޮކްޓޫބަރުމަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ ތަރުކާރީގެ ބައިންނާއި ފޯނުކޯލުގެ ހިދުމަތްތަކުގެ ބައިންނާއި، ކުލީގެ ބައިންނާއި، ފަރުނީޗަރު އަދި އެހެނިހެން މުވާސަލާތީ ހިދުމަތްތަކުގެ ބައިންނާއި، ބޯފެނުގެ ބައިގެ އިތުރުން ޒީނަތްތެރިވުމަށާއި އެހެނިހެން އަމިއްލަ ބޭނުމަށް ބޭނުންކުރާ ސާމާނުގެ ބައި އަދި އެއްގަމުގެ މަހުގެ ބައި ހިމެނެއެވެ.

އޮކްޓޫބަރުމަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބަޔާއި މޭވާގެ ބަޔާއި ކިރާއި ކިރުން އުފައްދާ ބާވަތްތައް އަދި ބިހުގެ ބައި ހިމެނެއެވެ.

2018 ގެ އޮކްޓޫބަރު މަހާއި އަޅައިބަލާއިރު 2019ގެ އޮކްޓޫބަރު މަހުގެ މުޅިރާއްޖޭގެ އިންފްލޭޝަން ރޭޓަކީ (%75.0 +) އެވެ.

އެން.ބީ.އެސްއިން ނެރެފައިވާ ރިޕޯޓުގައިވާ ކާބޯތަކެއްޗާއި ކުއްޔާއި މުއާސަލާތީ ހިދުމަތްތަކާއި އެހެނިހެން ހިދުމަތްތަކުގެ އޮކްޓޯބަރުމަހު ވަނީ މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި ތަރުކާރީގެ ބައިން 8.27 އިންސައްތަ، ފޯނުކޯލުގެ ހިދުމަތްތަކުން 2.95 އިންސައްތަ، ކުލިން 0.84 އިންސައްތަ، ފަރުނީޗަރު 0.64 އިންސައްތަ، މުވާސަލާތީ ހިދުމަތްތަކުން 0.66 އިންސައްތަ, ބޯފެނުން 0.64 އިންސައްތަ، އެއްގަމު މަހުން 0.51 އިންސައްތަ އަދި އެހެނިހެން ބާވަތްތަކުން 0.12 އިންސައްތަ އިތުރުވެފައި ވެއެވެ.

ހުސްވިމަހު ބާޒާރުގައި އަގުތައް ދަށަށް ގޮސްފައިވާ ތަކެތީގެ ތެރޭގައި މަހުގެ ބާވާތްތަކާއި މޭވާ އާއި ކިރު އަދި ކިރުން އުފައްދާ ބާވަތްތަކާއި ބިސް ހިމެނެއެވެ.