އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 12

އަބްދުﷲ ފާރޫގް ހަސަން

(25 ނޮވެމްބަރުގެ އަދަދާ ގުޅޭ)

قبــاد ޖަވާބުދެއްވިއެވެ. "އަޅުގަނޑުގެ މަންމައަކީ ޢަރައްބެކެވެ. މެހުމާންދާރީ އަދާކުރުމުގެ އަދަބުތައް އަޅުގަނޑު ދަސްކުރީ މަންމަގެ އަރިހުންނެވެ. މިހާރު ކަންތައްހުރިގޮތުން މިހިސާބުގަނޑުގެ އަވަށްތަކާއި ސަހަރުތަކަށްވުރެ ކަލާއަށް ރައްކާތެރިކަން ބޮޑީ މިގެއެވެ. އަޅުގަނޑު އެދެނީ އަޅުގަނޑުގެ ހުއްދަ ހޯއްދެވުމަކާނުލައި މިގެ ދޫކޮށްލައްވައިފައި ވަޑައިނުގަތުމަށް ކަލާ ވަޢުދުވެވަޑައިގަތުމެވެ."

ماه بانو މުސްކުޅި ޚާދިމާއެއްގެ އަތަށް ކިރުތަށިތައް ދެއްވައިގެން ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ. ماه بانو ކުރިޔަށް ޖެހިވަޑައިގެން އޭނާގެ އަތްޕުޅުގައިހުރި ކިރުތަށި حسّان އަށް ދެއްވައިފިއެވެ. حسّان އިޙްސާންތެރިކަމުގެ ބެއްލެވުމަކުން ماه بانو އާ ދިމާޔަށް ބައްލަވައިލައްވައިފައި ކިރުތަށި އަތުލައްވައިފިއެވެ. ماه بانو سُهيل އާ ދިމާޔަށް އެނބުރިވަޑައިގެން އޭނާގެ އަތްދަނޑިފުޅު سُهيل ގެ އިސްތަށިފުޅު ދަށަށް ލައްވައިފައި އޭނާ ނަންގަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. سُهيل ކުކުރައިވަޑައިގަންނަވަމުން ލޯފުޅު ހުޅުއްވައިލެއްވިއެވެ. އޭނާއަށް ހޭހަންކުރާ މީހުންނާ ދިމާޔަށް ކަންބޮޑުވެވަޑައިގަތުމުގެ ލޯފުޅަކުން ބައްލަވައިލެއްވިއެވެ. ޚާދިމާ ކުރިޔަށް ޖެހިލައިފައި ދެންނެވިއެވެ. "ދަރިފުޅާއެވެ! މިކިރުތަށި ހިއްޕަވާލައްވާށެވެ!"

سُهيل އޭނާގެ ހިކިފައިވާ ތުންފަތްޕުޅުގައި ދޫފުޅު ކާއްތަވަމުން ތަށީގައި ހިއްޕަވައިފިއެވެ. އޭނާ ދެތިން ކޯވަރެއް ހިއްޕެވުމަށްފަހު ލޯފުޅު މަރުއްވައިލައްވައިފިއެވެ. ماه بانو سُهيل ގެ އިސްތަށިފުޅު ބާލީސްމަތީގައި ބާއްވައިފައި ތެދުވެވަޑައިގެން ޖެހިލުންވެވަޑައިގަތުމުގެ ބެއްލެވުމަކުން އޭނާގެ ބައްޕާފުޅާ ދިމާޔަށް ބައްލަވަން ހުންނެވިއެވެ.

قبــاد ގޮނޑިކޮޅުން ތެދުވެވަޑައިގެން حسّان ގެ އަރިހުގައި ވިދާޅުވިއެވެ. حسّان އެވެ! މިހާރު ކަލާވެސް ހުންނަވާނީ އަރާމުކޮށްލައްވަން ބޭނުންފުޅުވެފައެވެ. ކަލާގެ ކޮއްކޮ އިހަށް މިތާނގައި ބާއްވަވާށެވެ. ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އަޅުގަނޑުމެން އޭނާ ކަލާގެ އަރިހަށް ފޮނުވާނޫއެވެ. ދެން އަޅުގަނޑާއެކު ހިންގަވާށެވެ!" حسّان ތެދުވެވަޑައިގެން قبــاد ގެ ފަހަތްޕުޅުން ހިންގަވައިގެންނެވިއެވެ. ކާއޫސް އުއްބައްތިއެއް ހިފައިގެން އެބޭފުޅުންގެ ކުރިފުޅުމަތީގައިހުރެ މަގުދައްކަމުން ގެންދެއެވެ.

ސިޑީން ފައިބައިވަޑައިގަތުމަށްފަހު އެބޭފުޅުން ވެދެވަޑައިގެންނެވީ ގަނޑުވަރުގެ ތިރީބުރީގެ ކޮޓަރިޔަކަށެވެ. އެކޮޓަރީގައި އަޅައިފައިއޮތީ ވީދިފައި އޮތް ބާދޫލައެކެވެ. މުސްކުޅި ނޯކަރެއް ފާރުގައި ލެނގިލައިގެން އިނެވެ. އޭނާގެ ކުރިމަތީގައިހުރި ފާރުކައިރީގައި ބޮޑު ފޮއްޓެއް ހުއްޓެވެ. ނޯކަރު ކޮޅަށް ތެދުވެއްޖެއެވެ. قبــاد حسّان ގެ އަރިހުން އެއްސެވިއެވެ. "ކަލާއަށް މިކޮޓަރީން ސިއްރު ދޮރެއް އެބަފެނިވަޑައިގަންނަވާތޯއެވެ؟"

حسّان ވަށައިގެން ހޯއްދަވައިލައްވައިފައި ވިދާޅުވިއެވެ. "ފެންނަ ފެނުމުގައި އެއްވެސް ދޮރެއް ނެތެވެ."

قبــاد ނޯކަރަށް އިޝާރާތްކޮށްލެއްވުމުން އޭނާ ކުރިޔަށްޖެހި ފާރުކައިރީގައިހުރި ފޮށި އެއްފަރާތަކަށް ޖައްސައިލިއެވެ. އެއަށްފަހު އެދިމާ ފަންގިފިލައިން ފިލައެއް ނައްޓައިލިއެވެ. ކުރިން ފޮށި ހުރިތަނުން މިހާރު حسّان އަށް ހަނިމަގެއް ފެނިވަޑައިގެންފިއެވެ. قبــاد ނޯކަރުންނާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ކަލޭމެން އޭނާ ބިންގަރާސް ކޮޓަރިޔަށް ގެންދާށެވެ. އެކޮޓަރީން މައްޗަށް ވަޑައިގެންނެވޭނެގޮތާއި ބޭރަށް ނުކުމެވަޑައިގެންނެވޭނެގޮތް ދަސްފުޅުކޮށް އަރުވާށެވެ!"

قبــاد އެކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. حسّان ކާއޫސާއެކު އަނެއް ނޯކަރުގެ ފަހަތުން ހަނި ސިޑިޔަކުން ތިރިޔަށް ފައިބައިވަޑައިގަންނަވަން ފައްޓަވައިފިއެވެ. އިރުކޮޅެއްގެފަހުން حسّان އަށް ހުންނެވުނީ ތަނަވަސް ކޮޓަރިއެއްގެ ތެރޭގައި އެކޮޓަރީގައި ވަރަށް ސާފުކޮށް ތަންމަތި އަޅައިފައިހުރި ދެ އެނދު ހުއްޓެވެ.

ފާރުގައިހުރި ބައްތި ބަހައްޓާ ތާނގައި ދިއްލައިފައިހުރި ބައްތިއެއް ހުއްޓެވެ. ކާއޫސް ބައްތި ނަގައި ތަޅުންގަނޑުމަތީގައި ބަހައްޓައިފައި އަނެއް ނޯކަރާ ދިމާޔަށް ބުންޏެވެ. "ކަލޭ އޭނާއަށް ބިންގަރާހުގެ ދޮރު ހުޅުވާގޮތް ދައްކަބަލާށެވެ."

ނޯކަރު ބައްތި ބަހައްޓާތަނަށް އަތްބާނައިފައި ވާފަށެއްގެ ކޮޅު ނެރެފިއެވެ. އޭނާ އެވާފަށުގައި ދެއަތުން ހިފައިފައި ދަމާން ފަށައިފިއެވެ. ފާރުން މަޑުމަޑު އަޑެއް އިވިފައި ބައްތި ބަހައްޓާ ދިމާއިން ހިލައެއް މަޑުމަޑުން މައްޗަށް އަރާން ފަށައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި އެފާރުގައި މީހަކަށް ވަދެވޭވަރުގެ ދޮރެއް ފެންނާން ހުއްޓެވެ. ނޯކަރު ތަޅުންގަނޑުގެ ކައިރީގައި ފާރުގައިހުރި މޮހޮރަކަށް ވާފަށުގެ ކޮޅު ހައްޔަރުކޮށްފައި ފަތަޙައިގެ ހިނިތުންވުމަކާއެކު حسّان އާ ދިމާޔަށް ބަލައިލިއެވެ.

ކާއޫސް ބުންޏެވެ. "ކަލާއަށް މިދޮރުން ބޭރަށް ނުކުމެވަޑައިގެންނެވިދާނެއެވެ. މިބިންގަރާހުން ނުކުމެވަޑައިގެންނެވޭނީ ޖަންގައްޔާ ދިމާއަށެވެ. ވީރާނާވެފައިހުރި ގެއެއްގެ ކުރިމައްޗަށެވެ."

حسّان ވިދާޅުވިއެވެ. "އަހަރެން ހަނދާން އެބަހުއްޓެވެ. އަހަރެން އެއްފަހަރަކު ފުއްލާއެއް ޝިކާރަކުރަން އުޅުމުގެ ތެރޭގައި މިގޭގެ ބިއްދޮށުގައި ވީރާނާވެފައިހުރި ގެއެއް ދުށީމެވެ."

ކާއޫސް ބުންޏެވެ. "އެކަމަކު ކަލާއަށް މިބިންގަރާހުގެ ދޮރު ފެނިވަޑައެއް ނުގަންނަވާނެއެވެ. އެހެނީ ބިންގަރާހުގެ ދޮރު އަބަދުވެސް ހުންނާނީ ލައްޕައިފައެވެ. ދޮރުމަތީގައި އޮންނާނީ ޖަންގަލީގެ ވެޔޮތައް ހައްދައިފައެވެ. ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ބޭރުގައި އަހެއްވެސް ތައްޔާރަށް އޮންނާނެއެވެ. އަޅުގަނޑުމެން ކުރެ މީހަކަށް އަންގައިލައްވަން ބޭނުންފުޅުވެއްޖެނަމަ މައްޗަށް ވަޑައިގެން ފަންގިފިލާގައި އަތްޕުޅުން ޖައްސަވައިލައްވާށެވެ. މީހެއްގެ ޚަބަރެއް ނުވެއްޖެނަމަ ބޭރުގައި ކޮންމެވެސް ނުރައްކަލެއް އުޅެނީކަން ހަނދުމަފުޅު ކުރައްވާށެވެ."

حسّان ފާރުގައިހުރި ބާގަނޑާ ދިމާޔަށް އިޝާރާތްކޮށްލައްވައިފައި ވިދާޅުވިއެވެ. "މިދޮރު ބަންދުކުރާނީ ކިހިނަކުން ހެއްޔެވެ؟" ކާއޫސް ހީނލާފައި އަނެއް ނޯކަރަށް އިޝާރާތް ކޮށްލުމުން އޭނާ ކުރިޔަށްޖެހި މޮހޮރުގައި އައްސައިފައިހުރި ވާފަށް މޮހައިފައި ދޫކޮށްލުމުން ހިލަ އޭގެ މަގާމަށް ގޮސް ހަމަޖެހިއްޖެއެވެ. އޭނާ ވާފަށުގެ ކޮޅު ބައްތި ބަހައްޓާ ތަނުގެ ތެރެއަށް ކޮށްޕައިލައިފައި ބައްތިނަގައި އެތާނގައި ބަހައްޓައިފިއެވެ. އެއަށްފަހު ދެނޯކަރުން މައްޗަށް ހިނގައްޖެއެވެ.

+ + + + +

حسّان އެނދުގައި އޮށޯވެވަޑައިގެންފިއެވެ. އޭނާ ވަރުބަލިފުޅު ވެވަޑައިގަތުމުގެ ސަބަބުން ޙާލުކޮޅެއް ނެތިފައި ހުންނެވުމާއެކުވެސް އެތައް އިރެއްވީއިރުވެސް އަވަހާރަފުޅެއް ނައެވެ. އެކޮޓަރީގެ ބޭރުގައި އޭނާގެ މާޒީގެ ހުރިހައި ހަނދުމަފުޅުތަކަކާއި މުސްތަޤްބަލުގެ ހުރިހައި އުއްމީދުތަކެއް ކުރިމަތިވެފައިވާ ބިރުވެރި ޙާލަތުގެ އަނދިރިކަމުގެ ތެރޭގައި މަގުގެއްލިގެން ދަތުރުކުރަމުން ގެންދެއެވެ. އޭނާގެ މޭފުޅުގައިވަނީ އަނިޔާވެރިކަމުގެ ކަނު އަދި މަންމަން ބާރުތަކާ ދެކޮޅަށް ކުރެވޭ ހަމަހިމޭން ފަރިޔާދުތަކެވެ.

ދެފަރާތަށް ފުރޮޅިވަޑައިގަތުމުގައި އެތަކެއް ގަޑިއިރު ފާއިތުކުރެއްވިފަހުން އަވަހާރަފުޅު އަތުވެއްޖެއެވެ. حسّان ގެ ހިތި ހަނދުމަފުޅުތައް ހުވަފެންފުޅަށް ބަދަލުވާން ފަށައިފިއެވެ. އޭނާ އޭނާގެ އަވަށުގެ ވަށައިގެން ޠަވާފުކުރައްވަނީއެވެ. ބައެއްފަހަރު ހަނގުރާމައިގެ މައިދާނުގައި އަސްއަނބުރުއްވަނީއެވެ. އަނެއްކާވެސް ކޮންމެވެސް ބިރުވެރި މަންޒަރެއް ފެނިވަޑައިގަތުމަށްފަހު އޭނާގެ ހުވަފެންފުޅުގެ ސިލްސިލާ މެދުކެނޑިދެއެވެ. އަނެއްކާވެސް އިރުކޮޅަކު ފުރޮޅިވަޑައިގަންނަވާ ފަހުން އަވަހާރަފުޅު ލެއްޕެވިދެއެވެ. ހުވަފެންފުޅުގެ އާ ވާދީއަކަށް ގެއްލިވަޑައިގެންނެވިދެއެވެ. އޭނާއަށް އެންމެފަހުން ފެނިވަޑައިގެންނެވި ހުވަފެންފުޅު ވަރަށް ދިގެވެ. ނަމަވެސް ހޭފުޅުލެއްވުމަށްފަހު އޭނާއަށް ހީފުޅުވީ ގުޅުމެއްނެތް އެތައް ޙާދިޘާތަކެއް އޭނާގެ ސިކުނޑިފުޅުގައި ވިހުރުވިފައި ހުރިހެންނެވެ. އޭނާގެ އަވަހާރަފުޅު ފުރިހަމަވެއްޖެއެވެ. ނަމަވެސް ތެދުވެވަޑައިގަންނަވާ ހިތްޕުޅެއް ލޯފުޅު ހުޅުއްވަވާ ހިތްޕުޅެއް ނުވިއެވެ. އޭނާގެ ހުވަފެންފުޅުގެ ބުރިބުރިވެފައިވާ ސިލްސިލާތައް ގުޅުއްވޭތޯ އެތައް އިރެއްވަންދެން މަސައްކަތްޕުޅު ކުރެއްވިއެވެ.

އޭނާގެ ހަނދުމަފުޅަށް ބާރު ލައްވައިގެން ހިތްޕުޅަށް ގެންނެވުނު ގޮތުގައި އޭނާ ރޫމީންގެ ހައްޔަރުން މިންޖުވެވަޑައިގެން ޖަންގަލިތަކާއި ސަހަރާތަކާއި ފަރުބަދަތަކުގެ ތެރޭގައި ދުވެވަޑައިގަންނަވަނީއެވެ. އެތައްބަޔަކު އޭނާގެ ފަހަތްޕުޅުން އޭނާފަހައި ދުވަމުން އާދެއެވެ. ކޯރެއް ހުރަސްކުރެއްވުމަށްފަހު އޭނާއަށް ފެނިވަޑައިގަތީ އޭނާގެ ފަހަތްޕުޅުން ފަހާ އައި މީހުން އެނބުރި ދާތަނެވެ. ދެން އޭނާއަށް ފެނިވަޑައިގަތީ ފޭރޭ މީހުންގެބަޔަކު އޭނާގެ އަވަށަށް ޙަމަލާދެނިކޮށެވެ. އޭނާގެ ބައްޕާފުޅާއި ކޮއްކޯފުޅު ޤަތުލުކޮށްލީތީއެވެ. އޭނާ އެތައްބަޔަކު ޤަތުލުކުރެއްވުމަށްފަހު ފިލައިވަޑައިގަންނަވައެވެ. ނަމަވެސް ފޭރޭމީހުންގެ ޖަމާޢަތެއް އަވަށުގެ ބޭރުން އޭނާގެ ކުރިބައްދައެވެ. އޭނާ ޒަޚަމްވެވަޑައިގެން ވެއްޓިވަޑައިގަންނަވައެވެ. ފޭރޭމީހުން އޭނާ ކޯރެއްގެ އައްސޭރިޔަށް ގެންދެއެވެ. އޭނާއަށް ހުންނެވުނީ ރީތި ގަނޑުވަރެއްގެ ކުރިމަތީގައި އޮންނަ ހާމަ މައިދާނެއްގައެވެ. ފޭރޭމީހުންގެ ބަދަލުގައި އީރާނު ސިފައިންގެ ޖަމާޢަތެއް އޭނާގެ ވަށައިގެން ޖަމާވެއެވެ. ބޮޑު ދެޔޯއެއްކަހަލަ އިސްކޮޅު ދިގު ޖައްލާދެއް ލޮންސިއެއް ހިފައިގެން އޭނާއާ ދިމާޔަށް އާދެއެވެ. ނަމަވެސް އޭނާ ފިލައިވަޑައިގެންނެވޭތޯ ދުވެވަޑައިގަންނަވަމެވެ. ސަލާމަތްވެވަޑައިގެންނެވޭތޯ ބައްލަވައެވެ. ގަނޑުވަރުގައި ރަނުގެ ތަޚުތެއްގައި ރީތި ޝެހެޒާދީއެއް އިންނަވައެވެ. އެކަމަނާގެ އިސްތަށިފުޅުގައި އަލިމަހުގެ ތާޖެއް ވިދަވިދައިހުއްޓެވެ. ސިފައިން ބަރަހަނާ ކަނޑިތައް ހިފައިގެން އޭނާއާ ދިމާޔަށް އާދެއެވެ. ނަމަވެސް ޝެހެޒާދީ އަތްޕުޅު އުފުއްލަވައިލެއްވުމުން ސިފައިން ހުއްޓިދެއެވެ. ޖައްލާދު ކުރިޔަށް ޖެހިފައި ދަންނަވައެވެ. "ޝެހެޒާދީއެވެ. މީނާއަށް ޙިމާޔަތް ނުދެއްވައްޗެވެ. މިއީ އީރާނުގެ ބާޣީއެކެވެ. ތޫރަޖު ޤަތުލުކުރީ މީނާއެވެ!" ތަޚުތުގެ ކައިރީގައި ހުދުހެދުމެއްގައި ހުންނަ މީހެއް ކުރިޔަށްޖެހި ޝެހެޒާދީގެ ކަންފަތްޕުޅުދޮށުގައި ކޮންމެވެސް ވާހަކައެއް ދަންނަވައެވެ. ޝެހެޒާދީ އިސްތަށިފުޅު ހަލުއްވައިލައްވައިފައި ޖައްލާދާ ދިމާޔަށް ވިދާޅުވެއެވެ. "ކަލޭ ތިޔަބުނީ ރަނގަޅަކަށެއް ނޫނެވެ. އޭނާއަކީ އީރާނުގެ ބާޣީއެއް ނޫނެވެ. އޭނާ ދޫކޮށްލާށެވެ. އޭނާ ދިޔަދޭށެވެ!"

حسّان އަށް ހީފުޅުވީ އެހުވަފެންފުޅަކީ ޤުދުރަތުގެ "ސަމާސާ" އެއް ހެންނެވެ. ނަމަވެސް ހުވަފެންފުޅު އެހައި އަވަހަށް ނުނިމުނުނަމައޭ އޭނާގެ ހިތްޕުޅަށް އެރިއެވެ.

ސިޑިމަތީން މީހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަތުމުން އޭނާ ލޯފުޅު ހުޅުއްވައިލެއްވިއެވެ. ކުއްލިޔަކަށް އޭނާއަށް ހީފުޅުވީ އޭނާގެ ހުވަފެންފުޅުގެ ޝެހެޒާދީ ޖަވާހިރުން ޖަރީކުރެވިފައިވާ ތާޖުކޮޅަކާ ނުލައި އޭނާގެ ކުރިފުޅުމަތީގައި ހުންނެވިހެންނެވެ. ماه بانو ވިދާޅުވިއެވެ. "ކަލާ ވަރަށްގިނައިރު އަވަހާރަފުޅު ލައްޕަވައިފީމުއެވެ. އަޅުގަނޑު ތިންފަހަރަށް އަތުވެއްޖައީމެވެ. މިހާރު މެންދުރުވާން އުޅެނީ."

"އަޅުގަނޑުގެ ކޮއްކޮގެ ޙާލަކީ ކޮބައިތޯއެވެ؟" حسّان ތެދުވެވަޑައިގަންނަވަމުން ސުވާލުކުރެއްވިއެވެ.

ماه بانو ޖަވާބުދެއްވިއެވެ. "ކަލާގެ ކޮއްކޮ ކަލާގެ އަރިހުގައި އަވަހާރަފުޅު ލައްޕަވައިފައި މިއޮންނެވީއެވެ. އިރުއެރުމާއެކު އަޅުގަނޑުމެން އޭނާ މިތަނަށް ގެނެސްފީމުއެވެ. ނަމަވެސް ކަލާ އޭރު އޮންނެވީ އަވަހާރަފުޅަށެވެ."

حسّان ޖެހިގެންހުރި އެނދާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ سُهيل ގެ ނިތްކުރިފުޅުގައި އަތްޕުޅުލައްވައިފައި ވިދާޅުވިއެވެ. "މީނާގެ ހުން އެބަހުއްޓެވެ."

ماه بانو ޖަވާބު ދެއްވިއެވެ. "ކަލާ ފިކުރުފުޅު ނުކުރައްވާށެވެ. ބައްޕާފުޅު ވިދާޅުވީ އޭނާއަށް ވަރަށް އަވަހަށް ރަނގަޅުފުޅު ވެދާނެކަމަށެވެ."

"ތޫރަޖުގެ މީހުން މިހިސާބަށް އައިތޯއެވެ؟"

"ނޫނެކެވެ. އެބައިމީހުން އަދިއެއް ނާދެއެވެ. ނަމަވެސް އަޅުގަނޑުމެން ރައްކާތެރިވުމުގެ ގޮތުން سُهيل ތިރިއަށް ފޮނުވީއެވެ."

ކާއޫސް ސިޑީން ފައިބައިފިއެވެ. އޭނާ حسّان ގެ އެނދުދާންކޮޅުގައި ހެދުންކޮޅެއް ބާއްވައިފައި އެއްފަރާތަކަށް ޖެހިލައިފިއެވެ. ماه بانو ވިދާޅުވިއެވެ. "ކަލާ ހެދުންކޮޅު ބަދަލުކުރައްވާށެވެ. އޭރުން ކާއޫސް ކަލާގެ އަރިހުގައި މައްޗަށް އަންނާނެއެވެ."

(ނުނިމޭ)