ރައީސް ޔާމީން

ޔާމީނަށް ނަފުސާނީ އަދި ޖިސްމާނީ އަނިޔާ ލިބެމުންދާ ކަމަށް ބުނެ، މައްސަލަ އެޗްއާރުސީއެމްއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ލިބެމުންދާ ކަމަށް ބުނެ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މައްސަލަ ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިހާރު ރައީސް ޔާމީން ހުންނެވީ މާލޭ ޖަލުގައެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ކައުންސިލް މެމްބަރުން ގުޅިގެން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީނަށް މާލޭ ޖަލުގައި ކުރިމަތިވަމުންދާ އުނދަގޫތަކަކާ ގުޅިގެން އެމަނިކުފާނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ގިނަ އަނިޔާތައް ލިބެމުންދާ ކަމަށާއި އެ މައްސަލަ މިހާރު އެޗްއާރުސީއެމްއަށް ހުށަހަޅާފައިވާ ކަމަށެވެ.

މާލޭ ޖަލުގައި ތިބީ ތަފާތު ކުށްތަކުގައި ބަންދުކޮށްފައިވާ ނުރައްކާތެރި ކުށްވެރިން ކަމަށާއި ރައީސް ޔާމީން ޖަލު ބަންދަށް ވަޑައިގެންނެވުމާއެކު އެތަނުގައި ތިބި ކުށްވެރިން ޖެއްސުންކޮށް، އަޑުގަދަކުރަމުން ދިއުމުގެ ސަބަބުން އެމަނިކުފާނު އަވަހާރަޕުޅު ލެއްވުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީން ހުންނެވީ ހަ ފުޓޫ، ހަ ފޫޓުގެ ގޮޅިއެއްގައި. ފާހާނާއެއް ހުރޭ، އެކަމަކު ފްލަސްއެއް ނުކުރެވޭ. އަމިއްލަފުޅަށް ޓައްޕަކަށް ފެން އަޅުއްވަން ޖެހެނީ. އެނދުގައި ރަނގަޅަށް ހިންދަމާލައިގެން ނޯވެވޭ. އެތަނުގައި ބަންދުގައި ތިބީ އެކި ކުށްތަކުގައި ބަންދުގައި ތިބި، ނުރައްކާތެރި ކުށްވެރިން. އެމަނިކުފާނަށް އަވަހާރަ ލައްވަން ވެސް ދަތިފުޅުވޭ. މި މައްސަލަ ވާނީ އެޗްއާރުސީއެމްއަށް ހުށަހަޅާފައި،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲއަށް ގުޅުއްވި ނަމަވެސް، އެބޭފުޅުން ފޯނު ނުނަންގަވާ ކަމަށެވެ. އަދި ރައީސް ސޯލިހު ފޯނަށް ޖަވާބުނުދެއްވުމުން މެސެޖެއް ފޮނުވި ކަމަށާއި އެ މެސެޖަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.