ސޯޝަލް މީޑިއާ އަކީ ކޮންމެ ދުވަހެއްގައި ވެސް އެކި ކަހަލަ ޑިއައިވައި ހެކްތައް ފެށިގެންދާ ތަނެކެވެ. ހާއްސަކޮށް ބިއުޓި ބްލޮގާސްގެ މެދުގައި މިހާރު އިންސްޓަގްރާމަކީ އެމީހުންގެ ފޮލާވާސްއަށް އެކި ކަހަލަ ޑީއައިވައި އެކްސްޕެރިމެންޓްތައް ދައްކާލުމަށް ބޭނުން ކުރާ ފަސޭހަ ޕްލެޓްފޯމެކެވެ.
ކޮންމެ ދުވަހަކުވެސް އިންސްޓަގްރާމު ސްކްރޯލް ކޮށްލާއިރު ގިނަ ބިއުޓީ ބްލޮގާސްގެ އެކި ކަހަލަ އެކްސްޕެރިމެންޓުތަކާއި ޓެސްޓިންތަކާ ޑީއައިވައި ބަލާލަމެވެ. މިގޮތަށް އަޅައިގަތް އެއް ޑީއައިވައި އެކެވެ. އިންސްޓަގްރާމުގައި ބިއުޓީގެ "ކްރޭޒީ" ޑީއައިވައި ހެކްސް ތަކަށް މަގްބޫލު ކަމެއް ހޯދައިފައިވާ މަދީނާ ޝްރިއެންޒާދާ މިވަނީ ވެކްސް ކުރުމަށް ދަތް އުނގުޅާ ބޭސް ބޭނުން ކޮށްފައެވެ.
ދަތް އުނގުޅާ ބޭހޭ ފުރަތަމަ ވީޑިއޯގެ ކެޕްޝަނުގައި އިނީމަވެސް ލިބުނީ ޝޮކެކެވެ. ނަމަވެސް ވީޑިއޯ ބަލާލުމުން ހައިރާން ކަން ލިބި މި ހެކްގެ އަޖުމަ ބަލާލަން ބޭނުންވިއެވެ.
މިއަށް ބޭނުން ވަނީ ހަމައެކަނި ދަތް އުނގުޅާ ބޭހާއި ރީނދޫކޮޅެކެވެ. އެންމެ ދެ އިންގްރީޑިއަންޓް (އެވެސް އެހާ ފަސޭހައިން ލިބެން ހުރި) އިން ވެކްސް އެއް ތައްޔާރު ކުރެވޭނެ ކަމެއް ހިތަކަށްވެސް މީގެ ކުރިއަކުން ނާރައެވެ.
ކޮންމެ އަކަސް މަދީނާގެ ވީޑިއޯގައި ވަނީ ދަތް އުނގުޅާ ބޭސް ރީނދުލާ އެކީ އެއްކޮށްލުމަށްފަހު އަތުގައި ހާކާލާފައެވެ. ހިކެންދެން ހޭކި ވެކްސް އަތުގައި ބެހެއްޓުމަށްފަހު ހިކުމުން އަތުގައި ހިކިފައި ހުރި ވެކްސްތައް އުނގުޅަން ފަށައެވެ. އެއަށްފަހު ސްޕެޓިކިއުލާ އަކުން ނުވަތަ ކަފަ ކޮޅަކުން ނޫނީ ވެޓް ޓިޝޫ އަކުން ވިޔަސް ވެކްސްތައް ފޮހެލަނީއެވެ. މިގޮތަށް ވެކްސްތައް ފޮހެލާއިރު، އަތުގައި ހުރި އިސްތަށިތައްވެސް އެއާ އެކު ފޮހެވިގެން ދެއެވެ.
މަދީނާގެ ކެޕްޝަނުގައިވާ ގޮތުގައި ރީނދުލަކީ ހަމަށް "ކާމިން އެޖެންޓެއް" ކަމަށެވެ. އަދި ދަތް އުނގުޅާ ބޭހަކީ "އިސްތަށިތައް ރިމޫވް ކޮށްލަން ބޭނުން ކުރެވޭ މެއިން އެޖެންޓް" އެވެ.
މި ވީޑިއޯ ފެނުމުން މި ޑީއައިވައިގެ އަޖުމަ ބަލައިލަން ބޭނުންވި ނަމަވެސް މީގެ ދިރާސާ ކޮށްލީމެވެ. ޔޭލް ޔުނިވާސިޓީގެ ހަމުގެ ޑޮކްޓަރެއް ކަމުގައިވާ މޯނާ ގޮހާރާ ބުނިގޮތުގައި ދަތް އުނގުޅާ ބޭހަކީ ހަމަށް އެހާ ރަނގަޅު އެއްޗެއް ނޫނެވެ. އެއީ ދަތަށް ހަދާފައިވާ އެއްޗެއް ކަމަށާއި ހަމަށާއި އިސްތަށިގަނޑުގައި ދަތް އުނގުޅާ ބޭސް ހޭކުމުން ހަމަށް އިރިޓޭޝަން އަންނާނެ ކަމަށް ޑޮކްޓަރު ވަނީ ފާހަގަކޮށްފައެވެ.
ދެން މަދީނާގެ ޑީއައިވައި މަސައްކަތް ކުރީ ކިހިނެއްބާއެވެ؟ ޑޮކްޓަރު މޯނާ ބުނިގޮތުގައި ހިކިފައި ހުރި ލޭޔަރެއްގެ ދަތް އުނގުޅާ ބޭސް ހަންދާ ވަރަށް ހޭކުމުން އެ ހިސާބުގައި ހުރި އިސްތަށިތައް އުފުރައިގެން އަންނާނެއެވެ. ނަމަވެސް މިއިން ހުރިހާ އިސްތަށްޓެއް ނުނެއްޓޭނެއެވެ. އަދި މިއީ ވެކްސް ކުރުމަށް ނުވަތަ ގައިން އިސްތަށި ބޭލުމަށް އޮތް އެންމެ ރަނގަޅު ހައްލެވެސް ނޫނެވެ. ހާއްސަކޮށް ހަމަކީ ނާޒުކު ހަމެއް ކަމުގައި ވާނަމަ އިރިޓޭޝަން ވަރަށް ބޮޑަށް ކުރާނެއެވެ. އަދި ރީނދުލުން ހަމަށް ރީނދޫ ކުލަ ކޮންމެވެސް ވަރަކަށް އަރާނެއެވެ.
ދެން އޮތީ ތިބޭފުޅުން މި ޑީއައިވައިގެ އަޖުމަ ބަލައިލަން ބޭނުން ތޯ ނުވަތަ ނޫންތޯއެވެ. އެ ބައި ތިބޭފުޅުންގެ އަތްމައްޗަށް ދޫކޮށްލާނަމެވެ. ނަމަވެސް ހަމަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވަތަ ހަންގަނޑު ބާރުވާހެން ހީވާ ކަމަށްވާނަމަ ވީހާވެސް އަވަހަކަށް ދޮވެލާށެވެ. އަދި ފިނި ފެން ނުވަތަ އައިސް ކިއުބް އެހިސާބުގައި ބޭނުން ކޮށްލާށެވެ.