އާސެނަލް

އާސެނަލްގެ ކޯޗުކަމުން އެމެރީ ދުރުކޮށްފި

އާސެނަލްގެ ކޯޗުކަމުގެ މަގާމުން އުނާއީ އެމެރީ ދުރުކޮށްފިއެވެ.

މިސީޒަނުގައި އާސެނަލަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެވިފައި ނުވާ ކޯޗު މަގާމުން ދުރުކުރިކަން އެކްލަބުން ވަނީ އިއުލާންކޮށްފައެވެ.

ޕީއެސްޖީގެ ކުރީގެ ކޯޗު އެމެރީ، އާސެނަލްގެ ކޯޗުކަމުގެ މަގާމާ ހަވާލުވީ ގިނަ އަހަރުތަކެއް ވަންދެން އެކްލަބަށް އިރުޝާދު ދިން އާސެނަލް ވެންގާގެ ބަދަލުގައެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް އާސެނަލް ގެންގޮސްދިން ނަމަވެސް، ފައިނަލުގައި ޗެލްސީ އަތުން އާސެނަލް ވަނީ ބަލިވެފައެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުގެ ސަބަބުން މިސީޒަނުގައި ވެސް އާސެނަލް ވާދަކުރަމުންދަނީ ޔޫރޮޕާ ލީގުގައެވެ.

އާސެނަލުން އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. ޔޫރޮޕާ ލީގުގައި ރޭ އެއިންޓްރަކް ފްރެންކްފާޓްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އާސެނަލް ވަނީ ބަލިވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އާސެނަލް ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

ޕްރިމިއާ ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެ، ދެ މެޗުން ވަނީ ބަލިވެފައެވެ. މިވަގުތު އާސެނަލް އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. އާސެނަލާއި ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

އެމެރީ މަގާމުން ދުރުކުރުމުން ވަގުތީ ގޮތުން އެކްލަބަށް އިރުޝާދު ދޭނީ ކުރިން އާސެނަލަށް ކުޅުނު ސްވިޑަން ލެޖެންޑް ފްރެޑީ ލިއުންބާގެވެ. އެމެރީ މަގާމުން ދުރުކުރި އިރު، ލިއުންބާގް ހުރީ އާސެނަލްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމުގައެވެ. އޭނާ ވަނީ އާސެނަލްގެ 15 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާއި ވީއެފްއެލް ވުލްފްސްބާގުގެ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމު ވެސް އަދާކޮށްފައެވެ.