ޚަބަރު

އިންޑިގޯގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މުހައްމަދު އައުޒަމް

އިންޑިއާގެ އެއްވަނަ ބަޖެޓް އެއާލައިން އިންޑިގޯގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އިންޑިގޯގެ ފުރަތަމަ ފްލައިޓު ރާއްޖެ އައުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ މަރުހަބާ ދެންނެވުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އިންޑިގޯއަށް މަރުހަބާ ދެއްނެވުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސަޑަރު އަކިލެޝް މިޝްރާއެވެ.

މުނިފޫހިފިލުވުމުގެ ހާއްސަ ހަރަކާތަކާއެކު ބޭއްވި އެ ހަފްލާގައި އެއާޕޯޓްސް ކޮމްޕެނީގެ އިސްފަރާތްތަކުގެ އިތުރުން އިންޑިގޯ އެއާގެ އިސް އޮފިޝަލުންނާއި ވީއައިއޭގެ މުވައްޒަފުން ބައިވެރިވިއެވެ.

އިންޑިގޯގެ ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްބެސަޑަރު އަކިލެޝް މިޝްރާ ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ރީތިކަމުގެ މިސާލެއް ކަމަށެވެ. އެމްބެސަޑަރު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ހަރުދަނާ ގުޅުމެއް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާގެ ގިނަ މީހުންނަށް ރާއްޖެއާ ބެހޭގޮތުން އެނގެނީ ވަރަށް މަދު މައުލޫމާތުތަކެއް ކަމުގައެވެ. އަދި ރާއްޖެއަކީ އިގްތިސާދީގޮތުން ކުރިއަރަމުންދާ ގައުމަކަށް ވާއިރު އެކަން އިންޑިއާގެ ރައްޔިތުންނަށް ނޭނގޭތީ ހިތާމަކުރާ ކަމަށެވެ.

އެމްބެސަޑަރު އަކިލޭޝް އިތުރަށް ވިދާޅުވީ ދިވެހިންނަށް ވެސް އިންޑިއާ އެނގެނީ ބޮލީވުޑްގެ ފިލްމުތަކުން ކަމަށެވެ. ނަމަވެސް އިންޑިއާއަކީ އުފެއްދުންތެރިކަމުގެ ރޮނގުން ބޮޑު ގައުމެއް ކަމަށާއި ފުޅާދާއިރާއެއްގައި ދިރާސާކުރަންޖެހޭ ގިނަ ކަންތައްތަކެއް އިންޑިއާގައި ވާކަމަށް އަކިލެޝް ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި އިންޑިގޯގެ ވައިސް ޕްރެސިޑެންޓް ސީންތިއާ ކްރަބިލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންޑިގޯގެ ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީންތިއާ ވިދާޅުވީ މިއީ އޭނާގެ ހަޔާތުގައި ވަރަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ. ސިންތިއާ އިތުރަށް ވިދާޅުވީ މިއީ އޭނާ ދެކެމުންދިޔަ ހުވަފެނެއް ކަމަށާއި މިއަދު މިވަނީ އެ ހުވަފެން ހަގީގަތަކަށް ވެފައި ކަމަށެވެ. ރާއްޖެއަށް ދަތުރުތައް ފެށުމަކީ ފަހުރުވެރިވާ ކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

އިންޑިގޯ އިން މާލޭއިން ކޮޗިންއަށް ހަފްތާގެ ހަތްދުވަހު ދަތުރުކުރަން ހަމަޖެހިފައިވާ އިރު، ހަފްތާއަކު ދެ ދުވަހު މުމްބާއިން މާލެއަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަފްތާއަކު ތިންދުވަހު ބެންގަލޫރަށް ދަތުރުކުރާނެ ކަމަށް އިންޑިގޯއިން ހާމަކޮށްފައިވެއެވެ.

އެންމެ ދެ އެއާކްރާފްޓުން ފެށުނު އިންޑިގޯގެ ފްލީޓްގެ އަދަދު މިހާރުވަނީ 194 އަށް ވަނީ އަރައިފައެވެ. ރާއްޖެއަށް ދަތުރު ފެށުމާއެކު އިންޑިގޯގެ އިންޓަނޭޝަނަލް ދަތުރުކުރާ ޑެސްޓިނޭޝަންތަކުގެ އަދަދު 13އަށް ވަނީ އަރައިފައެވެ.

އިންޑިގޯގެ ފްލައިޓް ވެލާނާ އެއާޕޯޓުގެ ރަންވޭއިން ޓެކްސީވޭއަށް ވަނުމާއެކު ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ. އަދި އެ ރަސްމިއްޔާތުގައި ވަނީ ހާއްސަ ކޭކެއް ފަޅާފައެވެ.