ޚަބަރު

ފަނޑިޔާރުންނަށް ބިރު ނުދެއްކުމަށް އިލްތިމާސްކޮށްފި

ފަނޑިޔާރުންނަށް ބިރު ނުދެއްކުމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން އިލްތިމާސްކޮށްފިއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އިން މިރޭ ކުރި ޓުވީޓެއްގައި ފަނޑިޔާރުންނަށް ބިރު ނުދެއްކުމަށް އިލްތިމާސްކޮށްފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިން ދައުވާގައި ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން މިއަދު ހުކުމް ކުރުމުން، އެ ފަނޑިޔާރުންނަށް ބަހުގެ ހަމަލާތަކެއް ރައްދުކުރަމުން ދަނިކޮށެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އިން ކުރި ޓުވީޓުގައި ބުނީ ފަނޑިޔާރުންނަށް ބިރު ދައްކައި ނުހެދުމަށާއި، ހަމަޖެހިފައިވާ ގާނޫނީ އިމުގެ ބޭރުން ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ނުހެދުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޔާމީނަށް ކުރި ހުކުމާ ގުޅިގެން ކުރިމިނަލް ކޯޓު ސަރަހައްދުގައި މިއަދު ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ހުކުމް ކުރި ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ހުތުރު ބަހެއް ބޭނުންކޮށް، އެ ފަނޑިޔާރުން ޖަލަށް ލާނެ ކަމުގެ އިންޒާރުދީފިއެވެ.

ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް، އަދުރޭ ހުތުރު ބަހެއް ބޭނުންކުރި މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

އެ އެއްވުމުގައި އަދުރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަބަދު އެ މަގާމުގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވެސް އިންޒާރުދެއްވައިފައެވެ. އަދުރޭ ތުހުމަތުކުރައްވާފައިވާ ގޮތުގައި ރައީސް ޔާމީން ޖަލަށް ލާފައިވަނީ އިދިކޮޅު ކޯލިޝަނަށް ސަވާރުވާން ބަޔަކު ބޭނުންވެގެންނެވެ. އެކަމެއް އެގޮތަށް ވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލީ ރަޝީދު ހުސައިނާއި އަހްމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސައިން ފާއިޒް ރަޝާދެވެ.