ޚަބަރު

މިނިވަން ނުކޮށް ހުއްޓައެއް ނުލާނަން، 2023ގެ ރިޔާސީ ކެނޑިޑޭޓަކީ ވެސް ޔާމީން: އަދުރޭ

އާނިފާ ހުސެއިން ސިރާޖް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ޖަލުން މިނިވަން ނުކޮށް ހުއްޓައިނުލާނެ ކަމަށާއި 2023 ވަނަ އަހަރު އިދިކޮޅުން ނުކުންނާނެ ރިޔާސީ ކެނޑިޑޭޓަކީ ވެސް ރައީސް ޔާމީން ކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް މިއަދު ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ މިއަދު ކުރި ހުކުމުން ރައީސް ޔާމީން މިނިވަން ނުކޮށް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ މާޔޫސް ވާންވީ ވަގުތު ނޫން ކަމަށާއި ހިތްވަރު ލާންވީ ވަގުތު ކަމަށެވެ. އަދި މިއީ އެހެން ހުރިހާ މަސައްކަތެއް ހުއްޓާލާފައި ރައީސް ޔާމީން މިނިވަން ކުރުމަށް ހުރިހާ އެންމެން ނިކުންނަންވީ ވަގުތު ކަމަށާއި އެގޮތުން މާލެ އާއި އަތޮޅުތަކުގައި ވެސް މަގުމައްޗަށް ނުކުމެ ހަޅުތާލު ކުރުމަށް އަދުރޭ ގޮވާލެއްވިއެވެ.

އަދުރޭ ވިދާޅުވީ، ކުރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް ހުކުމްކުރި ނަމަވެސް އިދިކޮޅުން އެ ހުކުމް ބަލައި ނުގަންނަ ކަމަށެވެ. އަދި އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ތާއީދުކޮށް ނިންމި ނަމަވެސް ޕާޓީގެ ރައީސަަކަށްވާނީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.

"ފަސް ފަނޑިޔާރުން ކީއްކުރަން 10 ފަނޑިޔާރުންގެ އިއްތިފާގުން ނިންމިޔަސް އަޅުގަނޑުމެން އެ ހުކުމެއް ގަބޫލެއް ނުކުރަން. އަދިވެސް ޕީޕީއެމް ޕީއެންސީގެ ރައީސަކީ ރައީސް ޔާމީން. އަދި 2023 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓަކީ ވެސް ރައީސް ޔާމީން," ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމްކުރީ އެމަނިކުފާނު ޖަލަށް ލުމުން ޕީޕީއެމްގެ ސަޕޯޓު އެހެން ޕާޓީތަކަށް ލިބޭނެ ކަމަށް ހީކުރި ބަޔަކު އިސްވެ ތިބެ ކަމަށާއި ނަމަވެސް ރައީސް ޔާމީން ޖަލަށް ލިޔަސް އިދިކޮޅު ކޯލިޝަންގެ ސަޕޯޓު އެހެން ޕާޓިއަކަށް ނުލިބޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ފިކުރަކީ އެއަށްވުރެ ވަރުގަދަ ފިކުރެއް ކަމަށް ވިދާޅުވިއެވެ.