ޚަބަރު

"އެޑަމްސް މޯޖޯ ފިޒް" ބުރޭންޑުގެ ފުޅިއެއްގެ ތެރެއިން މަރުވެފައިވާ ސުއިއްޕެއް ފެނިއްޖެ

އާނިފާ ހުސެއިން ސިރާޖް

ރާއްޖެއަށް އެތެރެކޮށް ވިއްކާ އުފެއްދުމެއް ކަމުގައިވާ "އެޑަމްސް މޯޖޯ ފިޒް" ބްރޭންޑުގެ "ފިޒީ އެޕަލް ޑްރިންކް" ފުޅިއެއްގެ ތެރެއިން މަރުވެފައިވާ ސުއިއްޕެއް ފެނިގެން އެ ބުރޭންޑުގެ ވަކި ބެޗެއްގެ ފުޅިތައް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ފިޒީ އެޕަލް ޑްރިންކް" ބެޗުތަކުގެ ތެރެއިން މިއަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އުފައްދާފައިވާ ބެޗު ނަންބަރު 0202 ގެ ބުއިމުގައި މަރުވެފައިވާ ސުއިއްޕެއް ފެނިފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބެޗު ރީކޯލް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން އެ ޕްރޮޑަކްޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ތަފާތު ބެޗުތަކުން ސާންޕަލް ނަގައި، އިތުރަށް ޗެކު ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީގެ ބަޔާނުގައިވެއެވެ. އެގޮތުން އެ ބުރޭންޑް ހިމެނޭ ބެޗް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފައިވެއެވެ.

އަދި އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީއަށް ގުޅުމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަޔާނުގައި އެދިފައިވެއެވެ.