ވަން އޮންލައިން

ކޯޕަރޭޓް މޯލްޑިވްސްގެ ''ގޯލްޑް 100 ގާލާ''ގެ މީޑިއާ ޕާޓްނަރަކަށް ''ވަން އޮންލައިން''

މަރިޔަމް ޝަހުދާ

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ''ގޯލްޑް 100 ގާލާ''ގެ މީޑިއާ ޕާޓްނަރަކަށް ''ވަން އޮންލައިން'' ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ދޭ އެންމެ މުހިއްމު ބިޒްނަސް އެވޯޑް ކަމަށްވާ ގޯލްޑް 100 ގާލާ ގެ މީޑިއާ ޕާޓްނަރަކަށް ''ވަން އޮންލައިން'' އިން ސޮއިކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. ގޯލްޑް 100 ގާލާގެ މީޑިއާ ޕާޓްނަރަކަށް ވުމަށް ވަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަން މީޑިއާ ގްރޫޕްގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު (މިންނު) އެވެ. މި އެއްބަސްވުމުގައި ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އޮރްކާ މީޑިއާ ގްރޫޕުގެ މެނޭޖަރު އަހުމަދު ނާސިރެވެ.

ކޯޕަރޭޓް މޯލްޑިވްސް އަކީ އޮރްކާ މީޑިއާ ގްރޫޕުގެ ބިޒްނަސް އެންޑް ހޮސްޕިޓޭލިޓީ މެގަޒިންއެވެ. މި މެގަޒިންގެ ގޯލްޑް 100 އަކީ ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ ހަރަކާތެވެ. އެގޮތުން ގޯލްޑް 100ގެ ދަށުން ރާއްޖޭގެ އެންމެ ފުންނާބު އުސް 100 ވިޔަފާރި ކޯޕަރޭޓް މޯލްޑިވްސްގައި ޝާއިރު ކުރާނެ ކަމަށް އެ މީޑިއާއިން މައުލޫމާތު ދެއެވެ.

ގޯލްޑް 100 އާއި ގޯލްޑް 100 ގާލާ އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން އެވޯޑު ދިނުމަށް ހަމަޖައްސާފައިވަނީ ކަނޑައެޅިފައިވާ ވަކި ކްރައިޓީރިއާއެއްގެ ތެރެއިންނެވެ. ނަމަވެސް މި ލިސްޓަކީ ވިޔަފާރިތައް ރޭންކް ކުރުމަށް އެކުލަވާލާ ލިސްޓެއް ނޫންކަމަށާއި، ހަމައެކަނި އެންމެ ރަނގަޅުކަމަށް ފެންނަ ވިޔަފާރިތަކެއް ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ. އަދި މި ލިސްޓުގައި ވިޔަފާރިތައް ޝާއިރު ކުރެވޭނީ އެލްފެބެޓިކް އޯޑަރުން ކަމަށް އެ މެގަޒިނުން ބުނެއެވެ.

ގޯލްޑް 100 ގާލާ 2019 ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ 25 ފެބްރުއަރީ 2019 ގައެވެ. މި ހަރަކާތުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯ 2020ގެ މީޑިއާ ޕާޓްނަރު ކަމަށްވެސް ހަމަޖައްސާފައިވަނީ ވަން އެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރު ފެބްރުއަރީ މަހު 23 އަދި 24 ގައެވެ.