ޔޫއެފާ ޗެމްޕިއަންސް ލީގު

ނަޕޯލީ އަތުން ޗެމްޕިއަން ލިވަޕޫލް ސަލާމަތްވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނަޕޯލީ އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ސަލާމަތްވެއްޖެއެވެ.

ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ލިވަޕޫލާއި ނަޕޯލީ ބައްދަލުކުރި "ގްރޫޕު އީ"ގެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗު އެއްވަރުވެގެން ނިމުމާއެކު ލިވަޕޫލާއި ނަޕޯލީއަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކުރުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.

އެ މެޗުގެ 21 ވަނަ މިނެޓުގައި ނަޕޯލީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ޖިއޮވާނީ ޑި ލޮރެންޒޯ ދިން ރީތި ބޯޅައަކުން ނަޕޯލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވަޑް ޑްރައިސް މާޓެންސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖޭމްސް މިލްނާ ފޮނުވާލި ބާރު ހަމަލާ، ނަޕޯލީގެ ކީޕަރު އެލެކްސް މެރެޓް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ނަޕޯލީގެ ކީޕަރު މެރެޓްއަށް ހެދުނު ގޯހަކުން ރޮބާޓޯ ފާމީނޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ ލައިން މަތީގައި ހުރި ޑިފެންޑަރު ކަލިދޫ ކޫލިބަލީއެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިލްނާ ނަގައިދިން ކޯނަރަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ ޑިފެންޑަރު ޑެޖާން ލޮވްރެންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނަޕޯލީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

"ގްރޫޕު އީ" އިން އެއްވެސް ޓީމަކަށް އަދި ގަދަ 16ގެ ޖާގައެއް ކަށަވަރުކުރެވިފައެއް ނުވެއެވެ. އެ ގްރޫޕުން ލިވަޕޫލާއި ނަޕޯލީ އަދި ރެޑްބުލް ސަލްޒްބާގަށް ވެސް ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. މިވަގުތު ގްރޫޕުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ފަސް މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ނަޕޯލީއަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސަލްޒްބާގަށް ފަސް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ފަސް މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައި އޮތް ގެންކް ވަނީ މުބާރާތުން ކަޓައިފައެވެ. އެ ގްރޫޕުގައި ކޮންމެ ޓީމަކަށް ވެސް އަދި އެއް މެޗު އޮންނާނެއެވެ.