ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، ބާސެލޯނާ އިން ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އެފް"ގެ މެޗުގައި ޑޯޓްމަންޑް އަތުން ބާސާ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ޑޯޓްމަންޑުންނެވެ. ކައުންޓާ އެޓޭކެއްގައި އަޝްރަފް ހަކީމީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނިކޯ ޝުލްޒް ފޮނުވާލި ހަމަލާ، ބާސާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން ވަނީ މަތަކޮށްފައެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ލިއޮނެލް މެސީ ދިން ރީތި ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑޯޓްމަންޑްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
އެ މެޗުގެ 33 ވަނަ މިނެޓުގައި ބާސާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސުއަރޭޒް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މެސީއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ޑޯޓްމަންޑް ގޯލުގެ ތިރީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.
ބާސާ އިން ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މެސީ ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ. މެސީ ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ގްރީޒްމަން އަމާޒުކޮށްލީ ޑޯޓްމަންޑް ގޯލުގެ ތިރީ ކަނަކަށެވެ.
އެ މެޗުގެ 75 ވަނަ މިނެޓުގައި ބާސާއަށް ހަތަރު ލަނޑުގެ ލީޑެއް ހޯދުމަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބާސާއަށް ލިބުނު ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ހަމަލާ އަމާޒުވީ ޑޯޓްމަންޑް ގޯލުގެ ހުރަސް ދަނޑިއަށެވެ.
އެ މެޗުގައި ޑޯޓްމަންޑުން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ޖޫލިއަން ބްރޭންޑްޓް ދިން ބޯޅައަކުން ޑޯޓްމަންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޭޑަން ސަންޗޯއެވެ.
ބާސާއަށް ވަނީ ގަދަ 16ގެ އިތުރުން "ގްރޫޕު އެފް"ގެ އެއްވަނަ ވެސް ކަށަވަރުވެފައެވެ. ކުޅުނު ފަސް މެޗުން ބާސާއަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ދެވަނައިގައި އޮތް އިންޓަ މިލާނާއި ތިންވަނައިގައި އޮތް ޑޯޓްމަންޑް، އެއިން ކޮންމެ ޓީމަކަށް ފަސް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ގްރޫޕުގެ ފަހު މެޗުތަކަށް ގަދަ 16ގެ ޖާގަ ލިބޭނީ އިންޓަ ނުވަތަ ޑޯޓްމަންޑަށެވެ. ކުޅުނު ފަސް މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮތް ސްލާވިއާ ޕްރާހާ ވަނީ މުބާރާތުން ކަޓައިފައެވެ.