ދީބާޖާ އިންވެސްޓްމެންޓް

ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާކުރުމަށް އޭޖީއަށް ދެންނެވުމަށް ކޮމިޓީން ފާސްކޮށްފި

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން، ސެޓްލްމެންޓް ކޮމިޓީން ނިންމައިގެން 174 މިލިއަން ރުފިޔާ ދޫކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުން މަޑުޖައްސާލައި، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާއަކަށް ދިއުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖާއަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. އެ ކޮމިޓީގެ ގިނަ މެމްބަރުން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާއަށް ބަދަލު ދޭން ނިންމުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖާއަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުން ވަނީ ތާއީދުކުރައްވައިފައެވެ.

ޔައުގޫބުގެ ހުށަހެޅުއްވުމަށް ތާއީދުނުކުރެއްވި ހަމައެކަނި މެމްބަރަކީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ސެޓްލްމަންޓް ކޮމިޓީ ހާޒިރުކޮށް، ދީބާޖާއަށް ބަދަލު ދޭން ނިންމި ސަބަބުތައް ބަލަން ޖެހޭ ކަމަށާއި އެ ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ވެސް ބަލަން ޖެހޭ ކަމަށެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާއަކަށް ދިއުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށް ފާސްކުރުމުގެ އިތުރުން ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވުމަށް ވެސް މިރޭ ފާސްކުރިއެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވާފައިވާ އިރު، އެ މައްސަލައިގައި މިއަދު ހެނދުނު ވެސް ބައްދަލުވުމެއް ބާއްވާފައިވެއެވެ. މިއަދު ހެނދުނު ބޭއްވި ބައްދަލުވުމަށް ބަންޑާރަ ނައިބު ރިފްއަތު ހާޒިރުކޮށް، އެ މައްސަލައިގައި ގިނަ ސުވާލުތަކެއް ކުރިމަތިކުރުވިއެވެ.