ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު ހޮވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފިއެވެ.

ދާއިމީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރި ދެ ކެނޑިޑޭޓުންގެ ތެރެއިން، އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

އެގޮތުން ޝިފާޒަށް ޖުމްލަ 13،815 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވި އަނެއް ކެނޑިޑޭޓު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ލިބުނީ 10،840 ވޯޓެވެ.

އެމްޑިޕީގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފައި މިވަނީ އެ އިންތިހާބު ބަލައި ނުގަންނަ ކަމަށް ވިދާޅުވެ އަސްލަމުގެ ފަރާތުން 11 ކަމެއް ފާހަގަކުރައްވައި، އެމްޑީޕީގެ ޗެއާޕާސަނަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވީ، އެޕާޓީގެ މިހާރުގެ ވެސް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެގޮތުން އެމްޑީޕީގެ ރައީސް ކަމުގެ އިތުރު ދައުރަކަށް އެމަނިކުފާނު އިންތިހާބު ކުރަން 24،202 މީހުން ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓުލާފައިވަނީ 421 މީހެކެވެ.

އެމްޑީިޕީން ކުރިން ބުނެފައިވާ ގޮތުގައި، އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 87،439 މީހުން ތިބި ނަމަވެސް، ވޯޓުލީ ޖުމްލަ މީހުންގެ އަދަދަކީ 25،102 ކަމަށެވެ.