ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަހުވަގުތު ރެއާލް މެޑްރިޑް އަތުން ޕޮއިންޓެއް ހޯދައި، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.
ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމްގައި ރޭ ރެއާލް އާއި ޕީއެސްޖީ ބައްދަލުކުރި "ގްރޫޕު އޭ"ގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
އެ މެޗުގެ 17 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އިސްކޯ ފޮނުވާލި ހަމަލާއެއް ޕީއެސްޖީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ލީޑު ފުޅާކޮށްލުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ކްރޫސް ފޮނުވާލި ދެ ހަމަލާއަކާއި ޑެނިއެލް ކާވޭހަލް އަދި މާސެލޯ ފޮނުވާލި ހަމަލާ ވެސް ރެއާލްގެ ކުރީގެ ކީޕަރު ކޭލާ ނަވާސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އެ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން މައުރޯ އިކާޑީއަށް ކީޕަރު ތިބައުޓް ކޯޓުވާ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑެއް ދެއްކިއެވެ. ނަމަވެސް ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ވަނީ އެ ރަތް ކާޑު ކެންސަލްކޮށްފައެވެ. ރެފްރީ އެ ކާޑު ކެންސަލް ކުރީ އެ ފައުލުގެ ކުރިން މާސެލޯއަށް ޕީއެސްޖީގެ އިދްރީސާ ގުއެޔޭ ފައުލުކޮށްފައިވުމާ ގުޅިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ރެއާލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާސެލޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ބެންޒެމާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޕީއެސްޖީގެ ކީޕަރު ނަވާސްއެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މާސެލޯ ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ބެންޒެމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ރެއާލުން ދެ ލަނޑުގެ ލީޑެއް ހޯދިތާ ހަތަރު މިނެޓުގެ ތެރޭގައި ޕީއެސްޖީން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 81 ވަނަ މިނެޓުގައި ރަފައެލް ވަރާންއަށް ހެދުނު ގޯހަކުން ކީލިއާން އެމްބާޕޭ ޕީއެސްޖީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު، މެޗުގެ 83 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕަބްލޯ ސަރަބިއާއެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރެއާލަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރެއާލަށް ލިބުނު ހިލޭ ޖެހުމަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ގެރެތު ބޭލް ފޮނުވާލި ހަމަލާ އަމާޒުވީ ޕީއެސްޖީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ޕީއެސްޖީ އާއި ރެއާލުން ވަނީ "ގްރޫޕު އޭ" އިން ގަދަ 16ގެ ޖާގަތައް ކަށަވަރުކޮށްފައެވެ. ކުޅުނު ފަސް މެޗުން ހޯދި 13 ޕޮއިންޓާއެކު ޕީއެސްޖީން ވަނީ ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައެވެ. ދެވަނަ ހޯދި ރެއާލަށް ފަސް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކްލަބު ބްރޫޖަށް ފަސް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ގަލަތަސަރާއީއަށް ފަސް މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އެ ގްރޫޕުގައި ކޮންމެ ޓީމަކަށް ވެސް އަދި އެއް މެޗު އޮންނާނެއެވެ.