ޔޫއެފާ ޗެމްޕިއަންސް ލީގު

ޑިބާލާގެ ލަނޑުން އެތުލެޓިކޯ ބަލިކޮށް، ޔުވެންޓަސް އިން ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕައުލޯ ޑިބާލާގެ ލަނޑުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ޔުވެންޓަސް އިން ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު ޑީ"ގެ މެޗުގައި އެތުލެޓިކޯ އަތުން ޔުވެންޓަސް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޔުވެންޓަސްގެ ޑިބާލާ ފޮނުވާލި ހަމަލާއެއް އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލަކް މަތަކުރި އިރު، މެޗުގެ 21 ވަނަ މިނެޓުގައި އެތުލެޓިކޯގެ ސައުލް ބޮލުން ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޔުވެންޓަސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޔުވެންޓަސްއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާ ފޯވަޑް ޑިބާލާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ފެޑެރިކޯ ބެރްނާޑެސްކީ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ އެތުލެޓިކޯ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްލުމަށް އެތުލެޓިކޯއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޔުވެންޓަސްގެ ގޯލު ކުރިމައްޗަށް އެންހެލް ކޮރޭއާ ހުރަސްކޮށްލި ބޯޅަ، އަލްވާރޯ މޮރާޓާގެ ފައިގައި ލައްވާލައިފައެއް ނުވެއެވެ.

"ގްރޫޕު ޑީ"ގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮންނާނެއެވެ. ޔުވެންޓަސް އިން ގަދަ 16ގެ ޖާގައާއެކު ގްރޫޕުގެ އެއްވަނަ ވެސް ވަނީ ކަށަވަރުކޮށްފައެވެ. ޔުވެންޓަސް އިން ވަނީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިފައެވެ. ގްރޫޕުގެ ދެވަނައިގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު އެތުލެޓިކޯ އާއި ބަޔާ ލެވަކޫސަންއަށް ވެސް އޮންނާނެއެވެ. މިވަގުތު ދެވަނައިގައި އޮތް އެތުލެޓިކޯއަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލެވަކޫސަންއަށް ފަސް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮތް ލޮކޮމޯޓިވް މޮސްކޯ ވަނީ މުބާރާތުން ކަޓައިފައެވެ.