ގާސިމް އިބްރާހިމް

ފޯރިއެއް އެރިޔަސް ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބުނާ މާއްދާ ބަދަލެއް ނުކުރެވޭނެ: ގާސިމް

1

ފައްޅިތަކުން ފައިސާ ނަގައިގެން މި ރާއްޖޭގައި އިސްލާމްދީން ނޫން ދީނެއް ފަތުރަން ފޯރި އެ އަރައިގެން ބަޔަކު އުޅުނަސް، ގާނޫނު އަސާސީގައި ދިވެހިދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބުނާ މާއްދާ އާއި ދިވެހިރައްޔިތުކަމުގެ މާއްދާ އެމީހުންނަށް ބަދަލު ނުކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމު ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އިސްލާމްދީން ނިކަމެތިކުރުމަކީ އެގައުމެއްގެ މަސްލަހަތާއި ހަމަހަމަކަން ގެއްލި، މާތްﷲގެ ކޯފާއި އަޒާބު ލިބޭނެ ކަމެއް ކަމަށެވެ.

ރާއްޖޭގައި އިސްލާމްދީން އޮންނަތާ 900 އަށްވުރެ ގިނަ އަހަރު ވެގެން ގޮސްފައިވާއިރު، ކުރިން ދިވެހިން އުޅުނު ބުދު ދީނާއި ކުރިސްޓިއަން ދީނަށް މިގައުމު ގެންދަން އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، މޮޔައެއްހެން ވާހަކަދައްކާ އުޅޭ މީހަކު ދައްކާ ވާހަކައަކުން ރާއްޖޭގެ އިސްލާމްދީން ފުނޑުފުނޑު ކޮށްލާކަށް ކުރެވޭނެ ހަމައެއްވެސް ކަމެއް ނޯންނާނޭ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބުނާ މާއްދާ ބަދަލުކޮށް ނުލެވޭނެ ކަމަށާއި އެކަމަށް ޗެލެންޖު ކުރައްވާ ކަމަށް ވެސް ގާސިމު ވިދާޅުވިއެވެ.

"އިސްލާމްދީނަށް ހުރުމަތްތެރިކޮށް ނުހިތައި، ނިކަމެތިވާ ގޮތަށް ވާހަކަދެއްކުމަކީ ގާނޫނީއަސާސީގައިވާ ގޮތުން ވަރަށް ބޮޑު ކުށެކޭ. އެގޮތަކަށް އެކަމެއް ނުކުރެވޭނެ. ގާނޫނުއަސީސީގެ 10 ވަނަ މާއްދާ އާއި ނުވަ ވަނަ މާއްދާ ބަދަލުކޮށްލަބަލަ އަޅެ. އަހަރެން ބުނާނަން ސާބަހޭ. ތި ފޯރިއަރާ މީހުންނަށް. އަޅުގަނޑު ޗެލެންޖު ކޮށްފަ މިބުނީ ނުކުރެވޭނޭ. އިރާދަކުރެއްވިއްޔާ،" ގާސިމު ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ، އިސްލާމީ ރޮނގުން ތައުލީމު ލިބިފައި ތިބި އިލްމުވެރިން، ހަމަހޭގައި ތިބެގެން ﷲ އާއި ކީރިތި ރަސޫލާގެ ބަސްފުޅުތަކާއެކު ދައްކާ ވާހަކަތަކާއި ނަސޭހަތްތައް ފޮރުވައި ހުއްޓުވަން މަސައްކަތްކުރާ މީހުން އެކުރަނީ ހުސް މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތް ނުކުރުމަށް ގޮވާލެއްވިއެވެ.

އަދި ދިވެހިންނަކީ ކެތްތެރި ބައެއް ކަމަށާއި ނަމަވެސް އެ ކެތްތެރިކަމުގައި ތިބޭނީ ވަކި ހިސާބަކަށް ދަންދެންކަން މާޒީން ފެންނަން އެބައޮތްކަން ފާހަގަކުރައްވައި ގާސިމު ވިދާޅުވީ، ޖުމްހޫރީ ޕާޓީން އޮތީ ދީނީ އިލްމުވެރިންނާއެކީގައި އެބޭފުޅުން ކުރައްވާ އިންސާފުވެރި ކަންތައްތަކާއެކީގައި ކަމަށެވެ. އަދި އެބޭފުޅުން އެކަނިވެރިވެގެން ނުދާނެ ކަމަށާއި ދިވެހި އުންމަތްވެސް ދެމި އޮންނާނެ ކަމަށެވެ.