ޚަބަރު

ހުޅުމާލޭގައި އަޅާ ސިފައިންގެ ފުލެޓުތަކުގައި ޖަހާފައިވާ ބިއްގަނޑެއް މަގުމައްޗަށް ވެއްޓިއްޖެ

ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި އަޅާ "ސިފްކޯ ހިޔާ" ފުލެޓުތަކުގައި ޖަހާފައިވާ ބިއްގަނޑެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

ސިފްކޯ ފުލެޓުތަކުގައި ޖަހާފައިވާ ބިއްގަނޑެއް ވެއްޓިފައިވާކަން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

އާޒިމް ވިދާޅުވީ ސިފްކޯ ފުލެޓުތަކުގެ "ޓަވަރު ބީ"ގެ މަގުމަތީ ފަޅީގެ އިމާރާތުގެ ބިއްގަނޑު ވެއްޓިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އެ ހާދިސާގައި މީހަކަށް ގެއްލުން ވެފައިވާކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސިފްކޯ ހިޔާ ފުލެޓުގެ ނަމުގައި ބިންގާ އެޅިގެންދިޔަ 330 ފުލެޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2013 ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކަކަށްފަހު މި ސަރުކާރުން ވަނީ އަލުން އެ މަސައްކަތް ފަށައިފައެވެ.