ޚަބަރު

އަފްރާޝީމުގެ މަރުގެ ރިޕޯޓް ފުރިހަމަވާނެ: ސުއޫދު

ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކޮށް ނެރުނު ރިޕޯޓް ފުރިހަމަނޫން ކަމަށް ބުނާނެ ތަނެއް ނެތް ކަމަށް ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. އަފްރާޝީމު އަވަހާރަ ކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކަމާއި އެކަން ކުރަން އެމީހުން ބޭނުންވި ސަބަބާއި އެކަން ކުރުމަށް އެފަރާތްތަކުން ހަވާލުކުރީ ހަރުކަށި ފިކުރުގެ ޖަމާއަަތާ ގުޅިފައި އޮތް ޖިނާއީ ކުށްކުރާ ގޭންގްއަކާ ކަން ކޮމިޝަންގެ ރިޕޯޓުން ސާފުވާ ކަމަށެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮންބައެއްކަން އެއްވެސް ޝައްކަތް ނެތް މިންވަރަށް ރިޕޯޓުގައިވާ ތިން ހެކިންގެ ހެކި ބަހުން އަދި ވޭތުވެދިޔަ ހަތް އަހަރު ފުލުހުންނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެއްކޮށްފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށެވެ.

"ވީމާ، މަރު ކޮމިޝަންގެ ރިޕޯޓް ފުރިހަމަނޫން ކަމަށް ބުނާނެ ތަނެއް ނެތް،" ސުއޫދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ސުއޫދު މިހެން ވިދާޅުވި ނަމަވެސް، މަރު ކޮމިޝަންގެ ރިޕޯޓާ ގުޅިގެން މިހާތަނަށް ފުލުހުން އަޅާފައިވަނީ ކޮން ފިޔަވަޅެއްތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު މިއަދު ކުރެއްވި ސުވާލަކަށް މަޖިލީހުގައި ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން އެއްވެސް ފަރާތަކާ ދޭތެރޭ އަޅާނެ ފިޔަވަޅޭއް ނެތް ކަމަށް މަރު ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

އެގޮތުން އަފްރާޝީމުގެ މަރު ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ރިޕޯޓް ނެރުމާއެކު ދެ ފަހަރެއްގެ މަތިން ކޮމިޝަންގެ ބޭފުޅުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ބޭފުޅުންގެ އިތުރުން ފުލުހުންގެ އިސްވެރިނާއެކު ބައްދަލު ކުރެއްވި ކަމަށް އިމްރާން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ބަންދުކޮށް ފިޔަވަޅު އަޅަން ޖެހޭތޯ ދެންނެވުުމުން އެއްވެސް ފަރާތަކުން އެކަން ފާހަގަކޮށްފައިނުވާ ކަމަށާއި، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ބަންދުކޮށް ހައްޔަރު ކުރާނެ ތަނެއް ނެތް ކަމަށް މަރު ކޮމިޝަންގެ ނައިބު ރައީސާ އިސްވެ ވިދާޅުވެފައިވާ ކަމަށް ވެސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސުއޫދު ވިދާޅުވިއެވެ.