Close
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

ޖަވާބުދާރީވާން ފުރުސަތު ނުދީ ސަލަފު އުވާލުމާ އެމްޑީއެން ދެކޮޅު!

1

ޖަމިއްޔާއަކާ މެދު ކުރެވޭ ތުހުމަތާ ގުޅިގެން އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖަމިއްޔާ އުވާލުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނެ، ޖަމިއްޔަތުއް ސަލަފަށް ޖަވާބުދާރީވާން ފުރުސަތު ނުދީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލާތީ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީއެންއަކީ އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ މައްސަލައިގައި ސަސްޕެންޑްކުރުމަށްފަހު، ސަރުކާރުން އުވާލުމަށް ނިންމާފައިވާ ޖަމިއްޔާއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓާ ގުޅިގެން ސަލަފް ޖަމިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭ މައްސަލައިގައި އެ ޖަމިއްޔާ ވެސް އުވާލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެއެވެ.

އެކަމާ ގުޅޭގޮތުން އެމްޑީއެން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެން އުވާލުމަށް ނިންމުމަށްފަހު ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އިތުރު ޖަމިއްޔާއެއް އުވާލުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައާއި އެހެނިހެން ގޮތްގޮތުން މަޖިލީހުގެ މެމްބަރުން ވަކާލާތުކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"ޖަމިއްޔާއަކާ މެދު ކުރެވޭ އިލްޒާމަކާ ގުޅިގެން އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖަމިއްޔާ އުވާލުމާއި، ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު، މި ޖަމިއްޔާއިން އަޑުހަރުކޮށް ކުށްވެރިކުރާ ކަމެކެވެ. ގާނޫނު އަސާސީން ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ލިބިދީފައިވުމާއެކު، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ 22 ވަނަ މާއްދާއަކީ އެއިން އެއްވެސް ބައެއް އުނިކުރުމަކާ ނުލައި ދިވެހި ދައުލަތުން ސޮއިކޮށް އެއްބަސްވެފައިވާ ކަންތައްތަކެއްކަން ދިވަހި ދައުލަތަށް ހަނދުމަކޮށް އަރުވަމެވެ..،" އެމްޑީއެންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެން އިން ބުނީ ސަލަފާއި އެ ޖަމިއްޔާއަށް ނިސްބަތްވާ ބައެއް ފަރުދުން ހިންގާފައިވާ އަދި ހިންގަމުންދާ ހަތަރަކާތްތަކަކީ ޓެރަރިޒަމަށް ބާރުދޭ އަމަލުތަކެއް ކަމަށް ކުރެވޭ ތުހުމަތަކީ ސީރިއަސް މައްސަލަތަކެއް ކަމަށާއި އެ ޖަމިއްޔާގެ މައްސަލަ 2015ގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް އެމްއެޑީއެން އިން ވަނީ ގޮވާލައިފައެވެ.

"2015 ވަނަ އަހަރުގައި މި ޖަމިއްޔާއިން ނެރެފައިވާ 'ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ވެސް މިގޮތުން އެ ޖަމިއްޔާއާ ގުޅޭ ކަންތައްތަކެއް ފާހަގަކޮށްފައިވީ އިރު، އެ މައްސަލަތައް ތަހުގީގުނުކޮށް ގިނަ އަހަރުތަކެއް ވަންދެން އޮތުމަކީ މައްސަލަ އިތުރަށް ނުރައްކާތެރިވާނެ ކަމެއް ކަމުގައި ދެކި، މައްސަލަ ތަހުގީގުކޮށް، ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލަމެވެ..،" އެމްޑީއެންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެން އިން ބުނީ ޖަމިއްޔާ ޖަމާއަތް އުފައްދައިގެން ހިންގުމަށްޓަކައި މިވަގުތު އޮތް ގާނޫނު އިސްލާހުކުރުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ޖަމިއްޔާތަކުގެ ދައުރާއި ޖަމިއްޔާތަކުގެ މިނިވަންކަމާއި އަދި ޖަމިއްޔާތައް ބެލެހެއްޓުމުގެ ގާބިލުކަން އެއްވެސް ވަރަކަށް ނެތް ބަޔަކާ އެކަން ހަވާލުކުރުމަކީ އެ ޖަމިއްޔާއިން ދެކޭގޮތުގައި ރާއްޖޭގައި މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް ސަރުކާރުން ފެއިލްވެފައިވާ މިންވަރު ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމަށެވެ.

މަދަނީ ޖަމިއްޔާތައް ހިންގުމަށް ހުރަސް ނާޅައި، ޖަމިއްޔާތަކުގެ މަސައްކަތަކީ ބޭނުންތެރި މަސައްކަތަށް ހެދުމަށް އެއްބާރުލުން ދިނުމަށާއި، މައްސަލައެއް ދިމާވުމުން މައްސަލަ ހައްލުކޮށް އިސްލާހުކުރުމުގެ މަގު ފަހިކޮށްދިނުމަށް ވެސް އެމްޑީއެން އިން ވަނީ ސަރުކާރާއި ދައުލަތަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟