ޚަބަރު

ޝިފާޒު، އަސްލަމަށް: އިންތިހާބުގެ ކަމެއް ފާހަގަވާން ޖެހޭނީ ނަތީޖާ އިއުލާންކުރީމައެއް ނޫން

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން ހިނގި ކަމެއް ފާހަގަވާން ޖެހޭނީ ނަތީޖާ އިއުލާންކުރީމަ ނޫން ކަމަށް އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާޒު މިހެން ވިދާޅުވެފައި މިވަނީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އިންތިހާބުގެ ނަތީޖާ ބަލައިނުގަންނަ ކަމަށް ވިދާޅުވެ ނައިބު ރައީސްކަމުގެ މަގާމަށް ޝިފާޒްއާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް 11 ކަމެއް ފާހަގަކުރައްވައި މައްސަލަ ހުށަހަޅުއްވައި ވަނިކޮށެވެ.

ޝިފާޒް ވިދާޅުވީ ޖުމުލަކޮށް އިންތިހާބު ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އިންތިހާބެއް ވީމަ، ކޮންމެވެސް އެއްބަޔަކަށް ކަމެއް ގޯސްވެފައި އޮންނާނެ ކަމަށެވެ. އަދި އެކަމުގައި އެއްވެސް އަސްލެއް ހަގީގަތެއް އޮތްތޯ އާއި އެކަމަކީ އިންތިހާބުގެ ނަތީޖާއަށް އޭގެ ސަބަބުން އަސަރުކޮށްފާނެ ކަމެއްތޯ ވެސް ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބުތަކުގައި މައްސަލައެއް ދިމާނުވެއެއް ނުހުރޭ. އަޅުގަނޑު ކުރި ކަމަކީ ވީހާވެސް ގާތުން ބަލައި، އެކަންކަމަށް ފާރަވެރިވުން. އަޅުގަނޑުގެ އޮބްޒާވަރެއް ނެތް އެއްވެސް ފޮއްޓެއް ނުހުންނާނެ. އޮބްޒާވް ކުރަން ދިޔައިރު ވެސް އަޅުގަނޑަށް ފާހަގަކުރެވިފައި ހުރި ކަންކަން އެބަހުރި. ދެން ބަލަންވީ ކަމަކީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރީމަތޯ މައްސަލަ ހުރި ކަމަށް އެނގެންވީ. އިންތިހާބު ހިނގަމުން ދިޔައިރު މައްސަލަ ހުރިއްޔާ ފާހަގަކުރަންވީ ނޫންތޯ،" އޭނާ ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ އެތައް މަސައްކަތްތަކެއްކޮށް ބިނާކުރި ޕާޓީއަކާ ދޭތެރޭގައި ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ހަރު ބޭފުޅުންގެ ފަރާތުން ކަންކަންވުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އިންތިހާބަށް ތައްޔާރުވެގެން އައި އިރުގައި އަސްލަމްގެ ފަރާތުން ފާހަގަކުރެއްވި ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓުން ފުރިހަމަކޮށްދީފައިވާ ކަމަށެވެ.

"އެދިފައި ހުރި ހުރިހާ ކަމެއް އިންތިހާބާ ބެހޭ ކޮމިޓީން ސެކްރެޓަރިއޭޓުން ކުރެއްވި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ. އެބޭފުޅުން އެދިފައި ހުރި މިވެނި ފޮއްޓެއް މިވެނި މީހަކާ ހަވާލުކޮށްގެން ނުވާނެއޭ. މިސާލަކަށް ތިމަރަފުށީގައި ދާއިރާގެ ރައީސް، އަޅުގަނޑުގެ ކެމްޕޭންގައި އިސްކޮށް އުޅޭ ފަރާތް ފޮއްޓަށް ނުލައި، ޕާޓީން ބޭފުޅަކު ފޮނުވަދޭން އެދުނު. ޕާޓީން އެކަން ކޮށްދިން. އެބޭފުޅާއެއް ނޫން އިންތިހާބު ބާއްވަން ދިޔައީ. އެހާ ރީތިކޮށް ގޮސް ނިމުނީމާ، ނަތީޖާ އެބޭފުޅުން ބޭނުންވި ގޮތަށް ނެތުން އެއީ އެބޭފުޅުން މީގެ ތެރެއަށް އެހެން ކަންތައްތަކެއް މީގެ ތެރެއަށް ލާ ވަރުގެ ކަންކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ އަސްލަމްގެ ކެމްޕޭން ޓީމަށް އެވަރުގެ ކަމެއް ފާހަގަކުރެވެންޏާ، އެމްޑީޕީގައި އެކަންކަން ބެލޭނެ ގޮތްތަކެއް ހުންނާނެ ކަމަށާއި ނަތީޖާއަށް އަސަރުކުރާ ވަރުގެ ކަމެއް އޮތްތޯ، އެއީ އެބޭފުޅުން ކުރައްވަން ޖެހޭނެ ކަމެއް ކަމަށެވެ.

އެމްޑީޕީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވި ޝިފާޒަށް ލިބިވަޑައިގެންނެވީ 13،815 ވޯޓެވެ. އަދި އަސްލަމަށް ލިބިވަޑައިގެންނެވީ 10،840 ވޯޓެވެ.

އެ އިންތިހާބުގައި އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ފެންނަ ނުފެންނަ ވޯޓުން ރައީސް ނަޝީދު ވަނީ އެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. ރައީސް ނަޝީދަށް 24،202 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ނުފެންނަ ކަމަށް 421 މީހުން ވޯޓު ދީފައިވެއެވެ.