ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންގެ އަބުރާއި ކަރާމާތް ހިމާޔަތް ކުރެއްވުން ކަމަށާއި ރައްޔިތުންގެ މަޖިލީހުން މިހާރު ހިންގަމުންދަނީ "އުދުވާނީ" އަމަލުތަކެއްކަން ސިފަ ކުރައްވައި އެކަން ހުއްޓުވައިދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދު އަލީ ސައީދު ރައީސް ސޯލިގު އަރިހުން އެދިވަޑައިގެންފި އެވެ.
ޑރ، ޝަހީމު މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅިގެން އެއްވެސް ތުހުމަތެއް ނުކުރާކަމަށް މަރު ކޮމިޝަނުން އަންގާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން އުޅެނީ ކީއްވެތޯ ޑރ. ޑރ. ޝަހީމު ވަނީ ސުވާލު އުފައްދަވާފަ އެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ މައުލޫމާތު ސިއްރު ކުރި ކަމަށް ބަލައި، އަފްރާޝީމު މަރާލިއިރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމު އަލީ ސައީދަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާފައެވެ.
"އަޅުގަނޑު މަރު ކޮމިޝަނަށް ދިން އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ހުރިކަމަށް އެތަނުން އަންގާފައެއް ނުވޭ. އަޅުގަނޑަށް އަންގާފައިވަނީ އަޅުގަނޑަށް އެ މައްސަލައިގައި އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް. މިހެން މިކަން އޮއްވައި ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުގެ ދުވަސް ދުއްވާލަން މިއުޅެނީ ކިއްވެ؟" ޑރ. ޝަހީމް ސުވާލު ކުރެއްވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އެއްވެސް ތުހުމަތެއް ނުކުރާކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނިކޮށް އޭނާ އަށް ފިޔަވަޅު އަޅަން މަޖިލީހުން އުޅެނީ ބަދަލުހިފުމުގެ ގޮތުންނާއި މުޅި ދުނިޔެއަށް ބަދުނާމުކޮށް މަސައްކަތަށް ހުރަސް އެޅުމަށް ކަމަށެވެ.
އަނިޔާވެރިކަމާއި ބޭއިންސާފު ނައްތާލަން ކަމަށް ބުނެ އައި ބަޔަކު އިންސާނުންގެ އަބުރާއި ޝަރަފު ނަގާލައި މުޅި ދުނިޔެއަށް ބޭޒާރު ކުރަމުންދާ ކަމަކީ ރާއްޖޭގެ ފަހުގެ ތާރީހުން ފެނިގެންދާ އެންމެ ބޮޑު އަނިޔާ ކަމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ނިސްބަތް ކުރައްވައި، ޑރ. ޝަހީމް ވަނީ ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ހިންގަމުންދާ "އުދުވާނީ" އަމަލު ހުއްޓުވައިދެއްވުމަށްވެސް ރައީސް ސޯލިހުގެ އަރިހުން ޑރ. ޝަހީމް ވަނީ އެދިވަޑައިގެންފައެވެ. "ސަރުކާރުން މިކަންކަން ހުއްޓުވަން ޖެހޭ. ރައީސްގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންގެ އަބުރާއި ކަރާމާތް ހިމާޔަތް ކުރުން." ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ "އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި ޑރ. އަފްރާޝީމަށް އެއްވެސް ފުރުސަތެއް ދެއްވާފައެއް ނުވޭ. ދީނީ ގޮތުން އޭނާއަށް ފުރުސަތު ހުޅުވީ އަޅުގަނޑުގެ ވަޒީރު ކަމުގަ. އެމްޑީޕީން ފުރުސަތު ނުދިން ވާހަކަ އޭނާ އަޅުގަނޑާ ހިއްސާ ކުރެއްވިކަން މަރު ކޮމިޝަންގެ ބަޔާނުގައި ބުނެފައިވާނެ." ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ މެންދުރު ޑރ. ޝަހީމް އެދިވަޑައިގެން އޭނާއާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށް މަރުކޮމިޝަންގެ ރިޕޯޓުގައި ބުނެއެވެ. ނަމަވެސް އެދުވަހު ސަލަފްގެ އެއްވެސް ބަޔަކާ އަދި ދީނީ ފަރާތަކާވެސް ބައްދަލު ނުކުރާ ކަމަށާއި މަރުގެ ހާދިސާ އާއި މިނިސްޓްރީއާ އަފްރާޝިމްއާ ކުރި ދީނީ ޕްރޮގުރާމާ ގުޅޭ މައުލޫމާތްތަކަކާ ގުޅުވަން އުޅުމަކީ އުދުވާނީ އަމަލެއް ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގެ ހުލާސާ ބަޔާން އިއްވުމުން އޭނާ ގަތަރަށް ފުރައިގެން ދިޔަ ކަމަށް ދޭހަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އެދުވަހު ގަތަރަށް ދިޔަ ބަޔަކާ އެކު ފުރައިގެން ނުދާކަން ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވީ އެ ވާހަކަ މަރު ކޮމިޝަންގެ ރިޕޯޓުގައި ނުވެސް ނެތް ކަމަށެވެ.
"އިރާދަކުރެއްްވިއްޔާ ބިރެއް ނުދެއްކޭނެ. ސިޔާސީ މަސައްކަތެއްވެސް ނުހުއްޓުވޭނެ. ދީނީ މަސައްކަތެއްވެސް ނުހުއްޓުވޭނެ. އެމްޑީޕީގެ ކުރިމަތީ އަޅުގަނޑުމެން ކުޑަ ކަކޫ ވެސް ނުޖެއްސުވޭނެ." ކަމަށް ޑރ. ޝަހީމް އިތުރަށް ވިދާޅުވިއެވެ.