ޓެކްނޮލޮޖީ

ޕަބްލިކް ޔޫއެސްބީ ޕޯޓުން ޗާޖުކުރުން ހައްޓާލާ! ފޯނުގައި ހުންނަ މައުލޫމާތު ހެކްކޮށްފާނެ

އެކި ތަންތަނަށް ދަތުރުކުރާ އިރު ފޯނު ޗާޖުކުރުމަށް ޕަބްލިކް ޔޫއެސްބީ ޕޯޓުތައް ބޭނުންކުރުމަކީ އާންމު ކަމެކެވެ. އޭގެ ތެރޭގައި އެއާޕޯޓުތަކުގައި ހުންނަ ޕޯޓުތަކާއި ރެސްޓޯރެންޓު އަދި ޝޮޕިން މޯލް ފަދަ ތަންތަނުގައި ހުންނަ ޕަބްލިކް ޔޫއެސްބީ ޕޯޓުތައް ހިމެނެ އެވެ.

ޓެކްނޯލޮޖީގެ މައުލޫމާތުދޭ އަދި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފަދަ ޕޯޓުތަކަށް ފޯނު ޗާޖަށް ޖަހާފައި ބޭއްވުމަކީ އެ ފޯނު ވަރަށް ބޮޑު ނުރައްކަލަށް ހުށަހެޅިދާނެ ކަމެކެވެ. އޭގެ ސަބަބުން ތިމާއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.

"އަސްލު މި ވާގޮތަކީ ޕަބްލިކް ޔޫއެސްބީ ޕޯޓުތައް ހެކް ކުރަނީ. ޔޫއެސްބީ ޕޯޓު ހެކްކުރުމަށް ފަހު އެ ޕޯޓަށް ޖަހާފައި ހުންނަ ފޯނުތަކުގެ ޕާސްވޯޑުތައް ހެކްކޮށްގެން ފޯނަށް ވަދެ އޭގައި ހުންނަ ޒާތީ މައުލޫމާތުތައް ދަމައިގަންނަނީ. އެހެންީމަ ޕަބްލިކް ޕޯޓަކަށް ޖަހައިގެން އެލިބޭ ގެއްލުމުގެ ރިސްކު ވަރަށް ބޮޑު ވެދާނެ." ޓެކްނޮލޮޖީގެ މި ފަދަ މައްސަލަތަކަށް ހޭލުންތެރިކުރުވާ ސައިޓެއްގައި ބުނެފައިވެ އެވެ.

ދިގު ދަތުރެއް ކުރާ އިރު އެހެން އެއްވެސް ގޮތެއް ނެތް ނަމަ، އޭސީ ޕޮއިންޓަކަށް ޖަހައިގެން ޗާޖު ކުރުން އެއީ ރައްކާތެރި ގޮތެކެވެ. އަދި އާންމުކޮށް ދަތުރުކުރާން ޖެހޭ ނަމަ، ހެޔޮވަރެއްގެ ޕޯޓަބަލް ޗާޖަރެއް (އެ ދަތުރެއްގެ ދިގުމިނާ އެކަށީގެންވާ ސައިޒެއްގެ) ގެންގުޅުމަކީ ވެސް މިކަމަށް އެޅިދާނެ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެކެވެ. ދަތުރު ފެށުމުގެ ކުރީން ޕޯޓަބަލް ޗާޖަރު ރަނގަޅަށް ޗާޖުކުރުމުން ދަތުރު ނިމެންދެން އެންމެ އަސާސީ ބޭނުންތައް ފުއްދައިލެވޭނެ އެވެ. ލެޕްޓޮޕް އަދި ކެމެރާ ފަދަ ދަތުރުގައި ބޭނުންކުރާ އަސާސީ ތަކެތި ޗާޖު ކުރެވޭ ވަރުގެ، ކުދިކުދި ވަސީލަތްތައް ވެސް މާކެޓުގައި މިހާރު ލިބެން އެބަހުއްޓެވެ.