ނައިބު ރައީސް ފައިސަލް ނަސީމް

ގައުމު ކުރިއަރާނީ އުފެއްދުންތެރި، ހުނަރުވެރި، ވަރުގަދަ ޖީލެއް އުފެދިގެން: ނައިބު ރައީސް

މަރިޔަމް ޝަހުދާ

ގައުމެއް ކުރިއަރައިގެންދާނީ އުފެއްދުންތެރި، ހުނަރުވެރި އަދި ވަރުގަދަ ޖީލެއް އުފެދިގެން ކަމަށާއި، ހިދުމަތްތެރި ފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ އެފަރާތްތަކަށް ދެވޭ އިތުރު ހިތްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހދ. ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2019، ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، އެ އިސްލާހުތަކާއެކު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށުމުން ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި މިކަމުން ރައްޔިތުންނަށް ގިނަގުނަ ފައިދާ ކުރާނެ ކަމަށާއި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލަކީ ރައްޔިތުންގެ އެދުމުގެ މަތިން ގެނައި ބަދަލެއް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްތައް ބާރުވެރިކޮށްގެން ރައްޔިތުންނަށް ދޭ ހިދުމަތްތައް ފުޅާ ކުރަންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި ގިނަގުނަ ހިދުމަތްތެރިން ތިބިކަން ހަނދާން ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމު މިހާ ހިސާބަށް ގެނައުމުގައި އެތައް ބަޔަކު ގިނަގުނަ މަސައްކަތްތަކެއް ކޮށް، އެތައް ގުރުބާނީއެއް ވެފައިވާކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ތިލަދުންމައްޗަކީ ވަރުގަދަ ގައުމީ ބަތަލުންތަކެއް އުފެއްދި އަތޮޅެއް ކަމަށް ވިދާޅުވެ ތިލަދުންމަތިން އުފެދުނު ގައުމީ ބަތަލުންގެ ހަނދާންތައް ނައިބު ރައީސް އާކުރެއްވިއެވެ.

މި ޖަލްސާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހއ އަތޮޅުގެ ހިދުމަތްތެރީންގެ އަގު ވަޒަންކޮށް އިނާމު ދީފައިވެއެވެ. އެގޮތުން މި ޝަރަފުވެރިކަމުގެ އިނާމު، ހިތްވަރުދިނުމުގެ އިނާމު، ކައުންސިލުންދޭ ހާއްސަ އިނާމު، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ހާއްސަ އިނާމު، ހާއްސަ ހިދުމަތުގެ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމު ދީފައިވެއެވެ.