އެމްޑީޕީގެ ރައީސްގެ މަގާމަށް އަނެއްކާވެސް އިންތިހާބުވި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އަލުން އިންތިހާބުވި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.
''އެމްޑީޕީން އިއްޔެ ބޭއްވި ލީޑަޝިޕް އިންތިހާބުން ޕާޓީގެ ރައީސް ކަމަށް ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސްކަމަށް މުހައްމަދު ޝިފާޒް އަލުން ހޮވިވަޑައިގަތުމުން ދެ ބޭފުޅުންނަށް މަރުހަބާއާއި މުބާރިކްބާދީ ދަންނަވަން'' ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓުގައި ވެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވީ، ރައީސް ނަޝީދު އެކަންޏެވެ. އެހެން ކަމުން އެ މަގާމަށް ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ނައިބު ރައީސް ކަމުގެ މަގާމަށް ޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް، މުހައްމަދު ޝިފާޒުގެ އިތުރުން އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކުރިމަތިލެއްވި އެވެ.