ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލަ މި ސަރުކާރުގައި ފުލުހުންނަކަށް ނުބެލޭނެ: ރައީސް ޔާމީން

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަ މި ސަރުކާރުގައި ފުލުހުންނަށް ބަލަން ނުކެރޭނެ ކަމަށާއި ދެންވެސް އެ މައްސަލައި ބަލައި ނިންމާނީ ދެން އަންނަ ރައީސް ޔާމީންގެ ވެރިކަމެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

"ހިބަރު ވަދު"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ މިހާރު 24 ގަޑިއިރު ސިޔާސީ ހިދުމަތް ކުރާ ތަނެއް ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތްދޭތަނެއްނޫން ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތްވެސް މި ސަރުކާރުގައި ފުލުހުންނަށް ބަލަން ނުކެރޭނެ ކަމަށާއި އެ ފައިސާ އެންމެގިނައިން ބޭނުން ކުރީ މި ސަރުކާރުގައި ހިމެނޭ ފަރާތްތައް ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ވިދާޅުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރާއިރު އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ނުކުރެވި އޮތީ ކީއްވެގެންތޯ ސުވާލު އުފައްދަވައި ރައީސް ޔާމީން ވިދާޅުވީ އެ ގާބިލުކަން ވެސް މިހާރު އޮތް ފުލުހުންގެ މުއައްސަސާގައި ނެތް ކަމަށެވެ.

މި ސަރުކާރަށް ބެލޭނީ ވަކިވަކި ސިޔާސީ މީހުންގެ މައްސަލަތައް ކަމަށާއި، އެމްއެމްޕީއާރުސީގެ މައްސަަލަ މި ސަރުކާރަށް ނުބެލޭނެ ސަބަބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ގިނަ ވަގުފައިސާ ނެގި މީހުން ތިބީ އެމްޑީޕީގައި ކަމުގައި ވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ފުރުޅާނުލާ އެއްވެސް ގާކޮޅެއް ނުބާއްވާނެ ކަމުގައެވެ.

މިހާރު މިދައުލަތުގައި މިނިވަން އެއްވެސް މުއައްސަސާއެއް ނެތްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޖުޑިޝަރީއަށްވެސް އަތް "ބާނައި" ޑިމޮކުރަސީއަށް މިއަށްވުރެ ބޮޑަށް ހުރަސްއެޅި ސަރުކާރެއް ނެތް ކަަމަށެވެ.

އޭގެ އިތުރުން ވެރިއަކު މަގުން ކައްސާލައިގެންދާނަމަ އެމީހަކު ހަމަ މަގަށް ގެނައުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވަނީ އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ފުލުހުންނަށް ގޮވާލައްވައިފައެވެ.