އަވަހާރަ ކޮށްލާފައިވާ ޑރ. އަފްރާޝިމް އަލީ އަށް އިލްމީ ގޮތުން ދީފައި ހުރި ރައްދުތަކަށްވުރެ، ސިޔާސީ ގޮތުން ދީފައިހުރި ރައްދުތައް ހަރުކަށި ކަމަށް ސަލަފު ޖަމްއިއްޔާ އިން ބުނެފިއެވެ.
ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައިިގަ، ސަލަފް ޖަމްއިއްޔާއަށް ފިޔަވަޅުއަޅަން ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތަކާ ގުޅިގެން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އަހުމަދު ސަމީރު ވިދާާޅުވީ، އިލްމީ ގޮތުން މީހަކަށް ރައްދެއް ދިނުމަކީ އެމީހެއްގެ މަރާ އެބަޔަކާ ގުޅުވޭނެ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.
މަރު ކޮމިޝަނުގެ އެ ރިޕޯޓާ ގުޅިގެން ސަލަފަށް ފިޔަވަޅު އަޅަން ނިންމާފައިވަނީ އެ ޖަމިއްޔާއަކީ ނިރުބަވެރިކަމަށް ހިއްވަރުދޭ ޖަމިއްޔާއެއް ކަމަށް ބުނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝެއިހު ސަމީރު ވިދާޅުވީ، މަރު ކޮމިޝަންގެ ރިޕޯޓުގައި ސަލަފު ޖަމިއްޔާ އާއި ޑރ. އަފްރާޝީމްގެ މަރާއި ސީދާ ގުޅުވާފައި ނެތް ކަމަށާއި، ރިޕޯޓުގައި ހަމައެކަނި ހިމަނާފައި ވަނީ ޑރ.އަފްރާޝީމްއަށް އިލްމީ ގޮތުން ރައްދު ދެއްވައި، ސަލަފުން ނެރެފައިވާ ބަޔާނެއްގެ ވާހަކަ ކަމަށެވެ.
އެގޮތުން "އިލްމީގޮތުން މީހެއްގެ ހުންނަ އިލްމީ މައްސަލައަކަށް ރައްދު ދިނުމަކީ ފަހަރެއްގައި ވެސް ބޭފުޅެއްގެ މަރާ ގުޅުވުމުގެ އެއްވެސް މާނައެއް އޮތް ކަމެއް ކަމުގައި ނުދެކެން." ކަމަށާއި އެއީ ހަމަ ބުއްދިއެއް ހުރި އެކަކުވެސް ގަބޫލު ކުރާނެ ކަމެއް ކަމުގައި ވެސް ނުދެކޭ ކަމަށް ޝެއިހު ސަމީރު ވިދާޅުވިއެވެ.
ޝައިހް ވިދާޅުވީ، ޑރ. އަފްރާޝީމަށް ރައްދު ދެއްވާފައި ހުރި ފަރާތްތަކަށް ބަލާނަމަ، އެބޭފުޅާއަށް އިލްމީ ކަންކަން ބަޔާންކޮށްދެއްވުމަށް ދެއްވާފައި ހުރި ރައްދު ތަކަށްވުރެ މާ ވަރުގަދަ ރައްދުތަކެއް ސިޔާސީ ގޮތުން ދެއްވާފައި އެބަހުރި ކަމަށެވެ.
"ރައްދުދީފައި ހުރި ފަރާތްތަކަށް ބަލާނަމަ، ޑރ. އަފުރާޝީމް އަލީއަށް ރައްދު ދެއްވާފައި ހުރީ ހަމައެކަނި ދީނީ ގޮތަކުން ނޫން. އިލްމީ ގޮތުންނާއި ދީނީ ގޮތުން ކަންކަން ބަޔާންކޮށްދެއްވުމަށް ދެއްވާފައި ހުރި ރައްދުތަކަށްވުރެ މާ ވަރުގަދަ މާ ހަރު ޒުވާބުތައް ޑރ. އަފްރާޝީމްއާ ސިޔާސީ ބޭފުޅުންނާ ދޭތެރޭ ހިނގާފައި އެބަހުރި." ޝެއިހު ސަމީރު ވިދާޅުވިއެވެ.
އަދި ސިޔާސީ ގޮތުން ބޭފުޅުން ކަންކަން ކުރާ ގޮތުގެ ވާހަކަ ސީދާ އަފްރާޝީމްގެ ދޫފުޅުން ބަޔާންކޮށްފައި އެބަހުރިކަން ފާހަގަކުރައްވައި ޝެއިހު ސަމީރު ވިދާޅުވީ ސަލަފް ޖަމިއްޔާ އާއި ޑރ. އަފްރާޝިމްއާ އެފަދަ އެއްވެސް އަދާވަތްތެރިކަމެއް ނެތް ކަމަށެވެ.