ޚަބަރު

ސަލަފް އުވާލަން ކުރާ މަސައްކަތާ ދެކޮޅަށް އަދާލަތުން ނޫސްބަޔާން ނެރުން ހުއްޓުވީ އިމްރާން: އިދިކޮޅު

އާނިފާ ހުސެއިން ސިރާޖް

ސަލަފް ޖަމްއިއްޔާ އުވާލަން ކުރާ މަސައްކަތާ ދެކޮޅަށް އަދާލަތުން ނޫސްބަޔާން ނެރެން އުޅުމުން އެކަން ހުއްޓުވީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ގުޅިގެން ކުރިއަށް ގެންދަނީ، ދީން ހިމާޔަތް ކޮށް ދީނީ އިލްމު ރައްޔިތުންނަށް އުނގަންނައިދީ ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއް އުވާލުމުގެ މަސައްކަތް ކަމަށެވެ. އަދި މިއީ މުސްތަގުބަލަށް ވަރަށް ނުބައި ސިގުނަލެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ދީނުގެ ހައްގުގައި މަސައްކަތް ކުރާ ހަމައެކައި ޕާޓީއަކީ ޕީޕީއެމް، ޕީއެންސީ ކަމަށާއި އެހެން ޕާޓިތަކުން މަސައްކަތް ކުރަނީ އަމިއްލަ އެދުމަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސަލަފު ޖަމިއްޔާ އުވާލުމަށް މަސައްކަތް ފެށުމުން، އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށް ނޫސްބަޔާން ނެރެން ބޭނުންވި ކަމަށާއި ނަމަވެސް އެކަން ހުއްޓުވީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކަމަށެވެ.

"ސަލަފު ޖަމިއްޔާ އުވާލުމަށްޓަކައި މަސައްކަތް ފެށުމާއެކީގައި، އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން ބޭނުންފުޅުވި އެކަމާ ދެކޮލަށް ނޫސްބަޔާން ނެރެން. އެހެން ނަަމަވެސް މިއަދުގެ ހޯމް މިނިސްޓަރ ކަނޑައެޅިގެން އެކަމާ ދެކޮޅު ހެއްދެވީ ފާޅުގަ." ކަމަށް އަދުރޭ ވިދާޅުވިއެވެ.