ޚަބަރު

ޑރ. އަފްރާޝީމުގެ މަރާ ގުޅިގެން ސަލަފުގެ ހަރަދުތައް ހިނގާފައިވާގޮތް ބަލަނީ

ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލައާ ގުޅިގެންނާއި ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ހަރަކާތްތައް ހިންގުމަށް ޖަމިއްޔަތުލް ސަލަފުން ހަރަދުކުރިތޯ ބަލަން އެ ޖަމިއްޔާއިން ފައިސާ ބަދަލުކުރެވިފައިވާ ގޮތާއި ހަރަދުކުރި ފައިސާގެ މިންވަރު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން އެގޮތަށް ނިންމީ އަފްރާޝީމު އަލީގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ދިރާސާ ކުރުމަށް ހެދި ރިޕޯޓުގައެވެ.

ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކުރި އެ ރިޕޯޓުގައި ވަނީ، ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖަމިއްޔާ އަދި ޖަމާއަތްތައްކުގެ ލިސްޓެއް އެކުލަވާލައިފައެވެ.

އެ ލިސްޓުގައި ހިމެނެނީ ޖަމިއްޔަތުލް ސަލަފާއި ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތާއި އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފި ޖަމާއަތް އަދި ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއްނުސްރާ އަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތެވެ.

އޭގެ އިތުރުން މަރު ކޮމިޝަންގެ ރިޕޯޓް ދިރާސާ ކުރުމަށްފަހު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނެރުނު ރިޕޯޓުގައި 11 ރެކޮމެންޑޭޝަނެއް ވަނީ ހިމަނައިފައެވެ.

ރެކޮމެންޑޭޝަންގެ ތެރެއިން ތިން ވަނަ މާއްދާގައި ބުނެފައިވަނީ، އަފްރާޝީމުގެ މަރުގެ މައްސަލައާ ގުޅިގެންނާއި ހައްދުފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލުކުރެވިފައިވާ ގޮތާއި ބަދަލުކުރެވިފައިވާ ފައިސާގެ މިންވަރު ދެނެގަތުމަށްޓަކައި އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ސަލަފުގެ 2012 އިން 2018 އަށް ހަރަދުތައް ހިނގާފައިވާ ގޮތުގެ ތަފްސޫލު އަދި އަހަރީ ހިސާބު އެނގޭނެ ރިޕޯޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެކޮމިޓީއަށް ހޯދުމަށެވެ.

މީގެ އިތުރުން އަފްރާޝީމުގެ މަރުގެ މައްސަލައާ ގުޅިގެންނާއި ހައްދުފަހަނައަޅާފައިވާ ހަރަކާތްތައް ހިންގުމަށް އެކިއެކި ފަރާތްތަކުން ހިންގާފައިވާ ފައިސާގެ އެންމެހައި މުއާމަލާތްތަކުގެ ތަފްސީލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހޯދުމާއެކު އެފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެ މައުލޫމާތު ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދެންނެވުމަށް ވެސް ރެކޮމެންޑް ކޮށްފައިވެއެވެ.