ޚަބަރު

އަފްރާޝީމްގެ މަރުގެ ރިޕޯޓާ ގުޅިގެން މަރު ކޮމިޝަން ހާޒިރުކުރަން ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގެ ސައްހަކަން ކަށަވަރުކުރުމަށް އެ ކޮމިޝަން، ގައުމީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅި ހުށަހެޅުން ފާހެއް ނުވިއެވެ.

މިރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަނުން ނެރެފައިވާ އަފްރާޝީމްގެ މަރުގެ ރިޕޯޓުގެ ސައްހަކަން ކަށަވަރުކުރުމަށް މަރު ކޮމިޝަން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

ކޮމިޓީއަށް މަރު ކޮމިޝަން ހާޒިރުކުރަން ހުށަހެޅި ހުށަހެޅުމަށް ވޯޓު ދެއްވާފައިވަނީ ހަމައެކަނި ޣައްސާނާއި އާދަމް ޝަރީފެވެ. އެހެންކަމުން އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.

މިރޭ ބޭއްވި 241 ކޮމިޓީ ފެށުނީ ހޫނު ޒުވާބަކުންނެވެ. އެ ޒުވާބު ފެށުނީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަޑުގަދަކުރެއްވުމުންނެވެ. އެ ދެ މެމްބަރުންނަކީ 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނެއް ނޫނެވެ.

މަރު ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅޭގޮތުން 241 އިން ވެސް ވަނީ މީގެ ކުރިން ރިޕޯޓެއް އެކުލަވާލައި ފާސްކޮށްފައެވެ. އިދިކޮޅުން ބުނެފައިވާ ގޮތުގައި އެ ރިޕޯޓަކީ އެކަމަށް އެކުލަވާލި ތިން މެމްބަރުންގެ ސަބް ކޮމިޓީން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެކަނި އިންނަވައިގެން ތައްޔާރުކުރި ރިޕޯޓެކެވެ.

އެކަމާ ގުޅޭގޮތުން މިރޭގެ ކޮމިޓީ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ބައިވެރިވުމެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް މައި ކޮމިޓީން ރިޕޯޓު ފާސްކުރުމަށް އާދަމް ޝަރީފް ވޯޓު ދެއްވާފައިވާ ކަމަށާއި އެ ރިޕޯޓު ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ހުސައިން މުހައްމަދު ލަތީފު ކަމަށެވެ.

ރިޔާސަތުގައި އިންނަވައި ވާހަކަދައްކަވަމުން ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ ސަބް ކޮމިޓީގެ އެންމެ ފަހު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެ ރިޕޯޓަށް ކޮމެންޓެއް ކުރައްވާފައި ނުވާނެ ކަމަށާއި ސަބް ކޮމިޓީގެ ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރުންގެ ބައިވެރިވުން ނެތް ކަމަށްވިޔަސް ރިޕޯޓު މައި ކޮމިޓީއަށް ގެނެވާނެ ކަމަށް އިދާރީ މޭޒުން ލަފާ އަރުވާ ކަމަށެވެ.