ޚަބަރު

ޑރ. ޝަހީމަށް ފިޔަވަޅު އަޅަން ކޮމިޓީން ލަފާދީފި

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ މައުލޫމާތު ސިއްރު ކުރި ކަމަށް ބަލައި، އަފްރާޝީމު މަރާލިއިރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމު އަލީ ސައީދަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން އެގޮތަށް ނިންމީ އަފްރާޝީމު އަލީގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ދިރާސާ ކުރުމަށް ހެދި ރިޕޯޓުގައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ސީދާ އަމަލު ހިންގުމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި އެ ޖަރީމާ ހިންގުމަށް ރޭވި ރޭވުމުގެ މައުލޫމާތު ލިބި، އެ މައުލޫމާތު ހިއްސާކުރަންޖެހޭ ވަގުތުގައި ހިއްސާ ނުކޮށް ތިބި ފަރާތްތަކާއި އެ މައުލޫމާތު ގަސްދުގައި ސިއްރުކުރި ފަރާތްތައް ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ކޮމިޝަންގެ ތަހުގީގަށް ތެދު ނޫން މައުލޫމާތު ދިން ފަރާތްތަކާއި މައުލޫމާތު ހިއްސާކުރަންޖެހޭ ވަގުތުގައި ހިއްސާނުކޮށް ތިބި ފަރާތްތަކާއި އެ މައުލޫމާތު ގަސްދުގައި ސިއްރުކުރި ފަރާތްތައް ހިމެނޭ ކަމަށެވެ.

އެގޮތުން އެކަންކަންކުރި ކަމަށް މަރު ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ބުނާ 36 މީހަކަށް ލަސްނުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޑރ. އަފްރާޝީމުގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝީމް ދެކެ ލޯބިވާނެ ކަމަށް ބުނާ ޓެކްސް މެސެޖެއް، އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރިން ޑރ. ޝަހީމަށް ލިބިފައިވާ ކަމަށެވެ.

ޝަހީމް އެ މެސެޖު އަފްރާޝީމަށް ފޯވާޑް ކޮށްފައިވީ ނަމަވެސް، ޑރ. ޝަހީމަށް އެމެސެޖު ފޮނުވި ފަރާތް ކޮމިޝަނަށް ސާފުކޮށްދީފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އޭގެ އިތުރުން އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ މެންދުރު ޑރ. ޝަހީމް އެދިވަޑައިގެން އޭނާއާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށް ރިޕޯޓުގައި ބުނެއެވެ.

އެކަން ދޮގުކޮށް މިއަހަރުގެ ޖުލައި މަހު ލިޔުމުން ރިޔާސީ ކޮމިޝަނަށް ޝަހީމު ފޮނުވި މައުލޫމާތުގައި ވިދާޅުވެފައިވަނީ، އެދުވަހު އަފްރާޝީމު ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިން ނޫން ކަމަށެވެ.

ނަމަވެސް ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެދުވަހު ޝަހީމާއި އަފްރާޝީމުގެ ދެމެދުގައި އެސްއެމްއެސް އިން ބަދަލު ކުރެވިފައިވާ މެސެޖުތަކުން އަފްރާޝީމު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ދެންނެވީ ޝަހީމެވެ. އެހެންކަމުން ކޮމިޝަނަށް ޝަހީމް ދެއްވީ ތެދު މައުލޫމާތެއް ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.