ޚަބަރު

241 ކޮމިޓީގެ ބައްދަލުވުން ހޫނެވެ، ޒުވާބަކަށް

މިހާރު ކުރިއަށްދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް އިދިކޮޅު މެމްބަރުން ވަދެ، ކޮމިޓީ ބައްދަލުވުން ހޫނުކޮށްލައިފިއެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާ ގުޅޭގޮތުން 241 ކޮމިޓީން ނެރުނު ރިޕޯޓާ ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

އެ ބައްދަލުވުން ހޫނުވެ ޒުވާބަކަށް ގޮސްފައިވަނީ އިދިކޮޅު މެމްބަރުން އެ ބައްދަލުވުމުގައި އަޑުގަދަކުރުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވިދާޅުވަމުން ދިޔައީ 241 އިން ތައްޔާރުކުރި އެ ރިޕޯޓު ފާސްކޮށްފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ވޯޓު ދެއްވައިގެން ކަމަށެވެ.

އެ ބައްދަލުވުމުގައި އިދިކޮޅުން އަޑުގަދަކުރަން ފެއްޓެވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އެ ދެ މެމްބަރުންނަކީ 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނެއް ނޫނެވެ.

މިހާރު ކުރިއަށްދާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ 241 ކޮމިޓީގެ ނައިބު މުގައްރިރު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އެ ބައްދަލުވުމުގައި އާދަމް ޝަރީފާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.