ނާހިދަށް އެތަނުގައި އިންނަން އުނދަގުވިއެވެ. އޭނާ ތެދުވެގެން މަޑުމަޑުން އަޒްކާ އާ ދިމާލަށް ހިނގައިގަތެވެ.
އެންމެންގެ ތެރެއިން އޭނާ އާ ދިމާލަށް އަޒްކާ ހިނގާފައި އަންނަ މަންޒަރު ފެނުމުން އަޒްކާ ކަންބޮޑުވިއެވެ. ނާހިދް ކޮށްފާނެކަމެއް ނޭނގޭތީ ކަންބޮޑުވިއެވެ. އޭނާ އަޒްކާގެ ކުރިމަތީގައި ހުއްޓުމަށްފަހު އަޒްކާގެ އަތްތިލައިގެ ތެރެއަށް އޭނާގެ އަތް ލައްވައިލިއެވެ. އެއަށްފަހު މަޑުމަޑުން ހިނގާލައިފައި ގޮސް އަޒްކާއަށް ހާއްސަކޮށްފައިވާ ގޮނޑީގައި ބޭންދިއެވެ.
ކައިވެނީގެ މަޖިލިސް ފެށިއްޖެއެވެ. ގާޒީގެ އަޑު ދަށުުން ނާހިދް ގާޒީ ކިޔާ އެއްޗެހި ކިޔަމުން ދިޔައިރު އަޒްކާ އިނީ އިސްޖަހާލައިގެންނެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހުވަފެންތައް ހަގީގަތަކަށް ވާނެއެވެ.
"އަޅުގަނޑު އަނބިގަބޫލުކޮށްފިން" ނާހިދްގެ ދުލުން އެހެން ބުނި ވަގުތު އަޒްކާ ހިފަހައްޓާލައިގެން އިން ނޭވާ ދޫކޮށްލިއެވެ. އޭނާއަށް ހަމަޖެހިލެވުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިތާހިތުން ހެއްދެވި ފަރާތަށް ޙަމްދު ކުރެވުނެވެ.
ރޮވުނީ ނާހިދަށެވެ. އޭނާގެ ހިތުގެ ރާނީ އެލޯތްބާނުލާ އޭނާ އެތައް ކަރުނައެއް އެޅި ލޯބިވެރިޔާ އޭނާގެ އަމާނާތަކަށް ވީއެވެ. އޭނާގެ ޙަލާލު އަނބިމީހާގެ މަގާމު ހޯދީއެވެ. އޭނާގެ ހިތުގެ އެދުން ހާސިލްވެއްޖެއެވެ. ދެން އޭނާ ބޭނުންވަނީ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް އަޒްކާ އާ އެކު ހޭދަކޮށްލާށެވެ. ކައިރީގައި ކޮޅަށް ހުރި އަޒްކާގެ މޫނަށް އޭނާ ބަލައިލީ ލޯބިން ފުރިގެންވި ބެލުމަކުންނެވެ. އެ ލޯބި އޭނާ އަތުން ފޭރިގަންނަން އެއްވެސް އިންސާނަކަށް ލާހިކެއްނޫނޭ ހިތަށް އަރަމުން ދިޔައެވެ.
އޭނާ އަޒްކާގެ ނިތުގައި ބޮސްދިނެވެ. ހަލާލު އަނބިމީހާގެ ގޮތުގައި ފުރަތަމަ ފަހަރަށް އޭނާގެ މޭގައި އަޒްކާ ޖައްސައިލިއެވެ. އިނާޝާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ލޯބިވާ ދަރިފުޅަށްޓަކައި އޭނާގެ ހިތް އުފާކުރަމުން ދިޔައެވެ. މީގެކުރިން ވެސް އޭނާގެ ދަރިފުޅު ކައިވެންޏެއް ކުރިއެވެ. އެހެންނަމަވެސް މިހާރު މިފެންނަ އުފާވެރިކަން އޭރު އޭނާގެ ދަރިފުޅުގެ މޫނުމަތިން އޭނާ ނުދެކެއެވެ.
ބުރުހާނުއްދީނަކީ ނާހިދްގެ ހަގީގީ ބައްޕަކަން އަޒްކާއަށް އިނގުނީ ދަރިއެއް ފަދައިން ބުރުހާނުއްދީންގެ މޭގައި އަޒްކާ ޖައްސައިލުމުންނެވެ. ހިތްހަމަނުޖެހިގެން އަޒްކާ ދެރަވާފަދަ އެއްޗެއް ބުނެވިފައި އޮތީތީ އޭނާ އަޒްކާގެ ކިބައިން މަޢާފަށްއެދި އެ ކައިވެނީގައި ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އެހަގީގަތް އިނގުމުން އަޒްކާ ނާހިދަށްޓަކައި އުފާ ކުރިއެވެ.
ދެފަރާތުގެ އާއިލާއާއި އަޒްކާ އާ ނާހިދްގެ އެކުވެރިން ކެއުމާއިގެން ކުރިއަށް ދިޔައިރު އެކުވެރިންނާއެކު އަޒްކާ އުޅުނު މަންޒަރު ބަލަން ދުރުގައި ނާހިދް ހުއްޓެވެ. އޭނާ އާ ދާދި ކައިރީގައި ކޯކް ތައްޓެއް ހިފައިގެން އައިސް އިމްރާން ހުއްޓުނެވެ.
"ދެން މިރޭ ކޮންކޮން ކަންތައްތަކެއް ކުރަން ރާވާފައި އޮތީ" ނާހިދްގެ ކޮނޑުގައި ޖަހައިލަމުން އިމްރާން އަހައިލިއެވެ. ނާހިދް ކައިރިއަށް ހިނިއައެވެ.
"އެބަހުރި ވަރަށް ކަންކަން. ކޮންމެ ކަމެއްވެސް ކުރިއަށްގެންދާނީ ތަރުތީބުން" ނާހިދް ބުނެލިއެވެ.
"މަ ބުނަންތަ ވާހަކައެއް؟ އެކުއްޖާ ދޫކޮށްނުލާތި. ހީކޮށްލާ އެއީ މުށު ތެރެއަށް ލެވުނު އަގުބޮޑު ޖަވާހިރެކޭ. ލޯ މަރާލާފައި ލޯ ހުޅުވާލާއިރު ގެއްލޭ ވައްތަރެއް ނޫން އެއީ" އިމްރާން ވާހަކަދެއްކިއެވެ.
"އިންޝާﷲ ފުރާނަދަންދެން އެކުގައިވާނަން" އަޒްކާގެ ހަރަކާތްތަކަށް ބަލަން ގެއްލިފައި ހުރި ނާހިދް ބުނެލިއެވެ.
އެންމެންގެ ތެރެއިން ނަތާޝާ އައިސް އަޒްކާގެ އަތުގައި ހިފައިގެން ގެންދިޔައެވެ. މޭޒެއްގެ ކައިރީގައި މޫނު ބުރުގާ އަޅައިގެން އިން އަންހެނަކަށް އޭނަގެ ބެސްޓްފްރެންޑްގެ ގޮތުގައި އަޒްކާ ތައާރަފްކޮށްދެމުން ދިޔައެވެ.
"ޑޯންޓް ބީ ޝޮކްޑް އަޒް. މިއީ ދެން އަންނަން އޮތް ފެމެލީ. ދޮންބެދައްތަގެ އެއްބަނޑުއެއްބަފާ ދައްތަ ހާޖަރުދައްތަ އާ ޅިޔަނު ރިޒާބެ" ނަތާޝާ ވާހަކަދެއްކިއެވެ. ހާޖަރާއި ރިޒާ ކައިވެނީގެ ތަހުނިޔާ އަޒްކާއަށް ކިޔުމަށްފަހު ސަލާންކޮށްލިއެވެ.
"މީ ހާދަ ލޯބި ކުއްޖެކޭ" އީވް ކައިރީގައި ހުރި ކުޑަ އަންހެންކުއްޖެއްގެ ކޮލުގައި ކޮށްޓައިލަމުން އަޒްކާ ބުނެލިއެވެ. އަޒްކާގެ ނަޒަރު އެކުޑަ ކުއްޖާގެ މޫނުން ނައްޓައިގެން ނުދެއެވެ. ވާނީވެސް އެހެންތާއެވެ. އެހާ ކުޑައިރު އާބާޔާ ހެދުމެއް ލައްވާފައި ބުރުގާކޮޅެއް އަޅުވާފައި ހުރިއިރު ބަލާބަލާ ފޫހިނުވާހާ މަޢުސޫމް މޫނުކޮޅެކެވެ. މީހުންނާ ގުޅޭ ރައްޓެހި ބެލުމެކެވެ. ތުންފަތަށް ވެރިކޮށްލައިގެން އިން ހިނިތުންވުން ބަލާ މީހުންނަށް އެތައް ވާހަކަތަކެއް ކިޔައިދޭކަހަލައެވެ.
"މިއެއްނު މީހަކީ.... ދޯ އެވީ.... ދެން އެވީ މި ދައްތައަށް ކުޑަކޮށް ތަޢާރަފްވެލަންވީނުން" ކުޑަ އަންހެންކުއްޖާގެ ކޮލުގައި ފިރުމައިލަމުން ނަތާޝާ ބުނެލިއެވެ.
"ސަލާމް.. އަޅުގަނޑު މިއީ މަރްޔަމް އާވާ ބިންތި ރިޒާ. ލޯބިން ކިޔާނީ އެވީ.... އަޒްދައްތަގޮތަށް އެވީ ގެ ސްޓޯރީއެއްވެސް އަދި އަންނާނެ ދޯ މަންމީ" ފަސް އަހަރުގެ އާވާ މަންމަ ހާޖަރުގެ އުނގަށް އަރަމުން ބުނެލިއެވެ.
"ސޯ ސްވީޓް..." އަޒްކާއަށް ބުނެވުނެވެ.
"އެއްދުވަހަކުން އެވީ ވެސް ތިކަހަލަގެ ޑްރެސްއެއްލާފައި ޕްރިންސްއަކާ އެކުގައި ދާނަން. އިންޝާﷲ" އާވާ އަނގަ ހުއްޓާއިނުލާ ވާހަކަދައްކަމުން ދިޔައެވެ.
"ޝުއަރ. އިންޝާﷲ" އަޒްކާ ހީލުމަކާއެކު ބުނެލިއެވެ.
ދުރުގައި ހުރި ނާހިދް ކައިރީގައި އަޒްކާ އައިސް ހުއްޓުނު ވަގުތު ބަލައިލީ ފަހަތުން މީހަކު ގޮވައިލި އަޑަށެވެ. ފަހަތަށް ބަލައިލީ އަޒްކާ އާ ނާހިދާ އެކުއެކީގައެވެ. ކުރިމަތީގައި ހުރި ނިރާޝް ފެނުމުން އަޒްކާ މޫނު ހަދައިލިއެވެ.
"އަހަރެން ހީކުރީ އަހަރެންގެ ކައިވެނި ކުރެވި ހައެއްކަ ދަރިން ލިބޭއިރުވެސް ބޭފުޅާގެ މޫނު ނުފެންނާނެކަމަށް" އަޒްކާ ވާހަކަދެއްކިއެވެ. ހެވުނީ ނާހިދާ ނިރާޝްއަށް އެކީގައެވެ.
"ސޮރީ ލަސްވީ... އެކަމަކު ދެކުދިންނަށް މަރުހަބާ. ވަރަށް ބާއްޖަވެރި ކައިވެންޏަކަށް އެދެން" ނާހިދާއި އަޒްކާ އާ ސަލާމްކޮށްލަމުން ނިރާޝް ބުނެލިއެވެ.
"އެޕޮލޮޖީ އެކްސެޕްޓެއް ނުކުރަން އިނގޭ އަދި" ސަލާމްކޮށްލަމުން އަޒްކާ ބުނެލިއެވެ.
"އެހެންތަ އެބައިން އަޒްއަށް ސަޕްރައިޒެއް" ނިރާޝް ބުނެލިއެވެ.
"ކޮބާ...؟" އަވަސް އަވަހަށް އަޒްކާ އަހައިލިއެވެ.
"ހެހެހެ... ނުބުނާނަން އެޕޮލޮޖީ އެކްސެޕްޓް ކުރީމަ ނޫނީ" ނިރާޝް ގަދަކޮށްލިއެވެ.
"ފައިން... އެޕޮލޮޖީ އެކްސެޕްޓެޑް" އަނގަ ހަަދައިލަމުން އަޒްކާ ބުނެލިއެވެ.
"މިއަންނަނީ" ނިރާޝް ހިނގައިގަތެވެ.
އަޒްކާއަށް ފުރަގަސް ދެވުމާއެކު ނިރާޝްގެ މޫނުމަތި މިލައިފިއެވެ. އަޒްކާގެ ކައިވެނި ކުރެވުނު ވަގުތަށް އޭނާ ނައީ އެހެން މީހެއްގެ ހައްގަކަށް އަޒްކާ ވެގެންދާ މަންޒަރު ބަލަން ކެތްނުވާނެތީއެވެ. އޭނާގެ ޒުވާން ހިތުގައި އެމީހަކަށްޓަކައި ތަފާތު ވިންދެއްޖަހާލި ހަމައެކަނި ކުއްޖަކީ އަޒްކާއެވެ. އެލޯތްބާ ދުރަށްދާން އޭނާ މަސައްކަތްތަކެއް ކުރަމުންދާއިރު އަދި ކާމިޔާބެއް ނުވެއެވެ. އަޒްކާ އެހެން މީހެއްގެ ޙައްގަކަށް ވި ހިސާބުން ފެށިގެން އޭނާވެސް އޭނާގެ ދިރިއުޅުމުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކޮށްލައިފިއެވެ. އޭނާ ޝާޔާއަށް އާ ބަސްބުނީ ދުވަހުގެ ހަވީރުވާން އުޅެނިކޮށެވެ.
އަޒްކާ އާ ނާހިދް ވާހަކައެއްގައި ތިއްބާ މީހަކު ކަރުކެހިލި އަޑު އިވުނެވެ. ދެމީހުން އެއްކޮށް ބަލައިލިއިރު ކައިރީގައި ނިރާޝް ހުއްޓެވެ. ނިރާޝްގެ އަތުގައި ހިފައިލައިގެން ހުރި އަންހެންކުއްޖާ ފެނި އަޒްކާއަށް އަނގަމަތީގައި ޚައިރާންކަމާއެކު އަތް އަޅައިލެވުނެވެ.
"ސީރިޔަސްލީ... ޝާޔާ... އައިމް ސޯ ހެޕީ ފޯ ޔޫ ނިރާޝް" އަޒްކާ ބުނެލިއެވެ. ޝާޔާ ހިނިތުންވެލަމުން އަޒްކާއަށް ކައިވެނީގެ ތަހުނިޔާ ކިއިއެވެ.
"ކޮންއިރަކު ޔެސް އޭ ބުނީ... ދެން އަވަހަށް ނިންމަން އުޅޭ. އައިމް ސޯ އެކްސައިޓެޑް" އަޒްކާ ބުނެލިއެވެ.
"ސޫން... އިންޝާﷲ" ނިރާޝް ބުނެލިއެވެ.
ގަޑިން ބާރަ ޖަހަން ގާތްވުމާއެކު އަޒްކާގެ އާއިލާ ގެއަށްދާން ނިކުތެވެ. އެހުރިހާއިރު ހިތުގައި ޖެހިފައި އިން އަމީޒާ ފަޅައިގެން ދިޔައީ ލޯބިވާ ދަރިފުޅު އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްލާފައި ދާން ޖެހުނު ވަގުތު އައިސް ޖެހުމުންނެވެ. އޭނާ އަޒްކާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އިހުސާސްތައް ހިފަހައްޓަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ.
"މަންމަ ހިއެއް ނުކުރަން ދަރިފުޅާއެކު މަންމައަށް ލިބޭނީ އެހާ ކުޑަކުޑަ ވަގުތުކޮޅެއް ކަމެއް. އެކަމަކު މަންމައަށް އިނގޭ ކޮންމެ އަންހެންކުއްޖަކަށްވެސް އަންނާނެ ވަގުތެއްކަން މިއީ" އަމީޒާ އޭނާގެ ހިތުގެ ޝަކުވާތައް ބޭރުކުރަން ފެށިއެވެ. ފަހު ވަގުތު އަޒްކާއަށް ވެސް ރޮވިއްޖެއެވެ.
"މަންމާ!!" ނާހިދް ފުރަތަމަ ފަހަރަށް އަމީޒާއަށް 'މަންމަ' ގެ ނަމުން ގޮވައިލިއެވެ. އަމީޒާ ބަލައިލުމާއެކު އައިސް ކައިރީގައި ހުއްޓި ލޯތްބާއެކު ދެލޯ ކައިރި ފޮހެދިނެވެ.
"މަންމަގެ މި ދަރިފުޅު ވާނީ އަބަދުވެސް މަންމަގެ ދަރިފުޅަށް. އަޅުގަނޑަށް އެންމެ ދުވަހެއްގެ މުހުލަތު ދީ. މަންމަ ހުންނާނީ އަޒް ކައިރީގަ" ނާހިދް ވާހަކަދެއްކިއެވެ. އަމީޒާ ބޯޖަހައިލިއެވެ.
އަޒްކާގެ އާއިލާ އެ ގެއިން ނިކުމެގެން ދިޔައިރު ތިބީ ރޮވިފައެވެ. އެކަން އެއިން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލައިލުމުން އަޒްކާއަށް އިނގުނެވެ. އޭނާ ހިތުގައި ޖެހުނެވެ. އެކަމަކު ހާލަތު ބަދަލުވެފައި އޮތީތީ އޭނާ ޖެހުނީ ކެތްތެރިވާށެވެ.
ނާހިދްގެ އާއިލާ ކޮޓަރިއަށް ނިދަން ވަނުމުން ސިޓިންގރޫމުގައި މާޔޫސްވެފައި ހުރި އަޒްކާ ކައިރިއަށް ނާހިދް ޖެހިލިއެވެ. އިސްޖަހައިގެން ހުރި އަޒްކާގެ ދަތްދޮޅި ދޮށަށް އަތް ލައްވައިލުމަށްފަހު އުފުލާލިއެވެ. ހަތަރުކަޅި ހަމަވި ވަގުތު އަޒްކާގެ ދެލޮލުގެ ތެރެއިން ނާހިދަށް ފެނުނީ ކަރުނައެވެ.
ނާހިދް އަޒްކާގެ ދެލޮލުގައި ވަކިވަކިން ބޮސްދިން ވަގުތު އަޒްކާއަށް ދެލޯ މަރައިލެވުނެވެ.
"ތި ދެލޮލުން ތިހާ އަގުބޮޑެތި އެއްޗެހި ނުބާލަފާނަންތަ؟" ނާހިދް ބުނެލިއެވެ.
"ކީއްވެ ރޮވެނީ؟" ނާހިދް އަހައިލިއެވެ.
"މިރޭ މަންމަމެން ތިބޭނީ ވަރަށް ދެރަވެފަ. ޔަގީން މިރޭ އެކަކުވެސް ނުނިދާނެކަން" އަޒްކާ ބުނެލިއެވެ.
"އެހެންވީމަ ގެންނަންވީނުން. މަންމަ ބާއްވާނީ އަހަރެމެންގެ އެނދުގަ ދެމީހުން ދެމެދުގަ. ބައްޕަ އާ މާމަވެސް ބައިންދާނީ" ނާހިދް ބުނެލިއެވެ.
އަޒްކާއަށް ހެވުނެވެ. ނާހިދް ބޭނުންވި ގޮތަށް ކަންތައްވުމުން ނާހިދް ހިތްހަމަޖެހުނެވެ. އިތުރަށް އަޒްކާ އާ ގާތްވެލުމަށްފަހު މެދުހަށީގައި ހިފާ ދެއަތް މައްޗަށް އުފުލާލީ މަޑުމަޑުންނެވެ.
"ކީއްތިކުރަނީ" އަޒްކާ އަހައިލިއެވެ.
"އަހަރެންގެ ކޮޓަރިއަށް އަހަރެންގެ އަނބިމީހާ ގެންދަން މިއުޅެނީ" ނާހިދް ބުނެލިއެވެ.
"އަހަރެންނަށް ހިނގާފައިވެސް ދެވޭނެ" އަޒްކާ ބުނެލިއެވެ.
"ކޮބާ މައްސަލައަކީ. މިހާރު އެބައޮތް ތަތްގަނޑު ޖަހާފައި އޮތް ރަސްމީ ލިޔުމެއް" ސިޑިން އަރަމުން ނާހިދް ބުނެލިއެވެ. އަޒްކާއަށް ހެވުނެވެ. އޭނާ އެއްގޮތަކަށްވެސް ނާހިދް ހުއްޓުވާކަށް ބޭނުމެއްނުވިއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ނާހިދް އަޒްކާ ބޭއްވީ އެނދުގައެވެ. ޖެހިގެން އޮށޯވެލަމުން އޭނާ އަޒްކާގެ މޫނަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އަޒްކާ ލަދުން މޫނު އަނބުރައިލިއެވެ. އަޒްކާގެ އެ އަދާއިން ނާހިދަށް ހެވުނެވެ. އޭނާގެ ހިތުން ޖާގަހޯދި ރީތި ހުސްކޮށްގެން ހުރި ރީތި އަންހެންކުއްޖާ އޭނާގެ ހަލާލު އަނބިމީހާގެ ގޮތުގައި މިއޮތީ އޭނާ އާ ދާދި ކައިރީގައެވެ. އޭނާއަށް ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރުކޮށްލެވުނެވެ. އޭނާ މަޑުމަޑުން އަޒްކާގެ ކޯތާފަތުގައި ބޮސްދިނެވެ. އަޒްކާގެ ހަށިގަނޑުގައި ބީހޭން ފެށިއެވެ. އަޒްކާއަށް ރަކި ހީލުމަކާއެކު މޫނުގައި އަތް އަޅާ އަނެއްފަރާތަށް މޫނު އަނބުރާލެވުނީ އެހާ ގާތުގައި ނާހިދް އޮތުމުން ފަސްޖެހުނު ވަރުންނެވެ.
"މޫނު ނޮފުރުވަބަލަ. އަހަރެން އޮވެދާނަން އިރު އަރަންދެންވެސް އަޒްގެ މޫނަށް ބަލަން މިގޮތަށް" ނާހިދް ބުނެލިއެވެ.
"އެކަމަކު..." އަޒްކާ ބުނަން ބޭނުންވި އެއްޗެއް ނުބުނެވުނެވެ. ނާހިދް އަޒްކާގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލިއެވެ.
"ޕްލީޒް ޑޯންޓް ސްޓޮޕް މީ" އަޒްކާގެ ކަންފަތާ ގާތްވެލުމަށްފަހު ވައި އަޑުން ނާހިދް ބުނެލިއެވެ. ތުރުތުރުލަމުން ދިޔަ އަޒްކާގެ ތުންފަތަށް ލޮޅުމެއް އެރި ހިނދު ދެލޯ މަރާބާރުކޮށްލިއެވެ.
އަންބެއްގެ ފަރާތުން ފިރިއަކަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ލޯބިވާ އަލަތު ފިރިމީހާއަށް ދިނުމަށްޓަކައި އޭނާގެ ނަފްސު ތައްޔާރުކޮށްލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކުވެގެން ދިޔަ ދެ ޖިސްމުން އެއް ލަވައެއް ކިޔަން ފެށިއެވެ. އެކަކު އަނެކަކުގެ އަތުގެ ތެރޭގައި ލޯބީގެ މާބަގީޗާގައި އެތައް މަލެއް ފޮޅުވަމުން ދިޔައިރު ބައެއްފަހަރު ހީލާ އަޑައި އަޒްކާ ނާހިދަށް ގޮވައިލާ އަޑު އިވެމުން ދިޔައެވެ. ލުއި ފަތެއްހެން ނާހިދްގެ ދެއަތުގެ ތެރޭގައި އަޒްކާ ގެންގުޅުނެވެ. ލޯބީގެ ހޫނުން ދެ ޖިސްމު ފޯވަމުން ދިޔައެވެ. އެތައް އަހަރަކަށްފަހު ދެ ހިތުން އިންތިޒާރުކުރަމުން އައި ވަގުތުކޮޅުގެ ބޭނުން ފުދި ދެ ލޯބިވެރިންނަށް ނިދުނު އިރު ފަތިސް ވާން ގާތް ވެއްޖެއެވެ.
ލަހުން ނިދުނު ކަމުގައި ވިޔަސް ފަތިސް ނަމާދު ވަގުތަށް އަޒްކާއަށް ދެލޯ ހުޅުވައިލެވުނެވެ. އޭނާ ތެދުވަން އުޅުނު ވަގުތު ބަނޑުމަތިން ބަރުކަމެއް އިހުސާސްވިއެވެ. އޭނާ ސިކުނޑި މަސައްކަތްކުރަން ފެށުމާއެކު އޭނާގެ ކައިވެނި ކުރެވި ރޭގައި އޭނާ އާ ނާހިދާ ދެމެދު ހިނގާދިޔަ ކަންތައްތައް ހަނދާންވެއްޖެއެވެ. ބަނޑުމަތީގައި އޮތް ނާހިދްގެ އަތް ދުރަށް ޖައްސައިލަން އުޅުނު ވަގުތު ނާހިދް ދެލޯ ހުޅުވައިލިއެވެ.
"ކޮންތާކަށް؟" އަޒްކާއަށް ބަލައިލަމުން ނާހިދް ނިދި އަޑަކުން އަހައިލިއެވެ.
"ވުޟޫކުރަން. ފަތިސް ނަމާދަށް އެބަގޮވާ. ތެދުވޭ ނަމާދުކުރަން" އަޒްކާ ބުނެލިއެވެ.
"އަދި ނުއެއްނިމޭއެއްނު. އާދެބަލަ" ނާހިދް އަޒްކާ ގެނެސް އޭނާ ހަށިގަނޑާލާ ބޮނޑިކޮށްލަމުން ދެލޯ މަރައިލިއެވެ.
ދުވަހުގެ މެންދުރު ކުރީގެ ވަގުތެކެވެ. ކައިވެނި ކުރުމަށްފަހު އަޒްކާގެ އަތުން ފުރަތަމަ ފަހަރަށް ނާހިދަށް މީރު ކެއުމެއް ދިނުމަށްޓަކައި އެއްޗެހި ގަންނަން ގެއިން ނިކުތީ އިނާޝާ ކައިރީގައި ބުނެލާފައެވެ. އޭނާއަށް ނޭނގުނީ ބެލްކަނީގައި ހުރި ނާހިދަށް އޭނާ ގެއިން ނިކުތްތަން ފެނިގެން ފަހަތުން އަޅުވާލިކަމެވެ. އޭނާގެ ބޭނުމަކަށްވީ އަޒްކާ އެވަރަށް ފިހާރައަށް ދާން ބުނީ ކޯޗެއް ގަންނަންތޯ ބެލުމެވެ.
ބޭނުންވާ އެއްޗެހި ހަރުގަނޑުން ނަގަމުން ދިޔަ އަޒްކާ ކުއްލިއަކަށް ސިހުނީ އޭނާގެ އަތުގައި މީހަކު ހިފެހެއްޓުމުންނެވެ. ބަލައިލިއިރު ނުލަފާ ޒާތަކަށް ހީލައިގެން ހުރި ޝިފާން ފެނި އަޒްކާ ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައެވެ. އޭނާ ދެފަރާތް ހޯދައި ބަލައިލިއިރު ދެތިން މީހަކު ފިޔަވާ ފިހާރައިގައި އިތުރު އެއްވެސް މީހަކު ނެތެވެ. އަޒްކާ ރުޅިއައިވަރުން ޝިފާންގެ އަތް ފޮޅުވައިލުމަށްފަހު ހިނގައިގަތެވެ. ނަމަވެސް މިފަހަރު ޝިފާން ހުރީ އެހާ އަވަހަށް ދެރަގަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނާ އަޒްކާގެ އަތުގައި ހިފައި ދަމައިގަތެވެ. ލުއި ފަތެއްހެން އަޒްކާ އައިސް އޭނާގެ މޭގައި ޖެހުމާއެކު އުނގަނޑުގައި ދެއަތުން ހިފާ ގެނެސް އެންމެ ފަހަތަށް ހުރި ހަރުގަނޑާ ނިވައިކޮށްލިއެވެ. ޝިފާން މަސައްކަތްކުރީ އެ ހަރުގަނޑު ކައިރީގައި ހުރި ފިހާރަ ކުނިކަހަން ބޭނުންކުރާ ސާމާނު ހުރި ކުޑަ ގޮޅިއެއް ކަހަލަ ތަނަކަށް އަޒްކާ ވައްދާށެވެ. އަޒްކާ ގަދަހަދަމުން ދިޔަސް އޭނާގެ ހިކި ހަށިގަނޑު ވަރުބަލި ވަމުން ދިޔައެވެ. ޝިފާންގެ އެއް އަތް އަޒްކާގެ އަނގަމަތީގައި އޮތް އިރު އަނެއް އަތުން ހުރީ އަޒްކާގެ ހަށިގަނޑުގައި ވަށާލައިގެންނެވެ.
"މިފަހަރު ސަލާމަތްވާން ކޮންތާކަށްދާނީ. މިވަގުތު އަހަރެން ބޭނުމީ ހަމައެކަނި ކިސްއެއް. ދެން ފަހަރަކުން މިއަށް ވުރެ ބޮޑުކޮށް" ޝިފާން ވާހަކަދެއްކިއެވެ. އަޒްކާ ދެލޯ ބޮޑުވެ ސިހުމާއެކު ޝިފާނަށް ބަލަމުން ދިޔައެވެ. އޭނާ ވަރުބަލިވެ ހަށިގަނޑު ލޮޑުވަމުން ދިޔުމުން ދެލޯ ފެންކަޅިވިއެވެ.
"އަހަރެން އަނގަމަތިން އަތް ނަގަނީ މި. ހަޅޭއްނުލަވާތި. އަޑުގަދަކޮށްގެން މިތަނަށް މީހުން އައިއްޔާ ހަނދާންކުރާތި ކަލޭވެސް ބޭޒާރުވާނީ" ޝިފާން އިންޒާރެއް ދިނެވެ. އަޒްކާ އަވަސް އަވަހަށް ބޯޖަހައިލިއެވެ. ޝިފާން ހީލަމުން އަޒްކާގެ އަނގަ މަތިން އަތް ނެގީ އޭނާގެ މަގްސަދު ކާމިޔާބުވާނޭ ހީކޮށްފައެވެ. އެހެންނަމަވެސް އޭނާއަށް ވުރެ އަޒްކާގެ ވިސްނުން ރަނގަޅެވެ. އަތް ނެގުމާއެކު އަޒްކާ ސަލާމަތަށް އެދި އަޑުގަދަކުރަން ފެށިއެވެ. މާގިނަ އިރެއްނުވެ އެވަގުތު ފިހާރައިގައި ތިބި ދެ މީހަކު ދުވެފައި އެދިމާލަށް ދިޔައެވެ. އޭގެ ތެރޭގައި ނާހިދް ހުއްޓެވެ. ޝިފާންގެ އަތު ތެރޭގައި ތާށިވެފައި ހުރި އަޒްކާ ފެނުމުން ނާހިދަށް ދެއަތް މުށްކެވުނެވެ. އޭނާ ޝިފާން ލައިގެން ހުރި ޓީޝާޓްގެ ކަރުވަޅު އަތަށް އޮޅައިލުމަށްފަހު ބިމުން ކަނޑާ ވައްޓައިލި ރުކެއްހެން ޝިފާން ހަރުގަނޑު ބުޑަށް ވައްޓައިލިއެވެ. ޝިފާނަށް އެއްވެސް ބަހެއް ނުކިޔުނެވެ. އަޒްކާ ނާހިދްގެ ހަށިގަނޑުގައި އޮޅުލައިގަތްއިރު ލަދުގަތީ ޝިފާނެވެ. އޭރު މަގުމަތިން ޕެޓްރޯލުކުރަމުން ދިޔަ ދެ ފުލުހަކަށް ފިހާރައިގެ ސޭޓު ގޮވާ އެ ފިހާރައަށް ވައްދައިފިއެވެ. ޝިފާނަށް ނާހިދްގެ ފަރާތުން އިތުރު އަނިޔާއެއް ނުލިބުނީ އަޒްކާ ހިފެހެއްޓުމުންނެވެ. އިސާހިތަކު ފިހާރައިގައި ތިބި މީހުންގެ ކުރިމަތިން ޝިފާން ފުލުހުންގެ ބެލުމުގެ ދަށުން ބޭރަށް ނެރުނެވެ.
"އަހަރެން ނުބުނަންތަ އަޒް ކައިރީގައި އެހާ ރީތިވެގެން ބޭރަށް ނުނިކުންނާށޭ. ކުރީގަވެސް ބުނިން" ނާހިދް ހިތްހަމަނުޖެހުނެވެ. އަޒްކާ އަމިއްލަ ހަށިގަނޑަށް ބަލައިލިއެވެ.
"އަހަރެން މިހިރީ ރީތިވެގެންތަ؟ ނާހިދަށް އަހަރެން ކެއުމެއް ތައްޔާރުކޮށްފަ ކާންދޭން އުޅުނީ" އަޒްކާ ވާހަކަދެއްކިއެވެ.
"އަހަރެން ނޫޅެން ކާން. މީގެފަހުން އެކަނި އެއްވެސް ތަނަކަށް ނުދާތި. މިއަދު ކަމެއްވިނަމަ ކިހިނެއްހަދާނީ...؟" ނާހިދް ބުނެލިއެވެ.
"ސޮރީ ލަވް. ދެން އެހެންނުވާނެ" ނާހިދްގެ އަތުގައި ބައްދައިލަމުން އަޒްކާ ބުނެލިއެވެ.
އަޒްކާގެ ކައިވެނީގެ ހަދިޔާ ނާހިދް ދިނީ ދެ އާއިލާ ކުރިމަތީގައެވެ. ބުރުހާނުއްދީން ނާހިދަށް ދިން ގެ އަޒްކާގެ މައްޗަށް ބަދަލުކޮށް ލިޔުންތައް އަޒްކާ އާ ހަވާލުކުރިއެވެ. އަޒްކާއަށް ގަބޫލުނުކުރެވި ނާހިދަށް ނަޒަރެއްދިނެވެ. އޭނާ ސޮއި ކުރިއިރު ރޮވިއްޖެއެވެ.
'"ދެން އަޒް ބޭނުންގޮތަކަށް އެ ގެ ތަޅާލާފައި ހަދަންވީ. އައި ވިލް ހެލްޕް ޔޫ" ނާހިދް ބުނެލިއެވެ. އިނާޝާ އާއި މޯހަންދާސް އަޒްކާއަށްޓަކައި އުފާކުރިއެވެ.
ނާހިދްގެ އެދުމުގެ މަތިން އަޒްކާގެ އާއިލާ އެ ގެއަށް ބަދަލުކުރިއެވެ. އަޒްކާއަށް ލިބުނީ އިތުރު އުފާވެރިކަމެވެ. ކޮންމެ ދުވަހެއްވެސް އެނާ ހޭދަކުރަން ބޭނުންވަނީ އޭނާގެ އާއިލާ ކުރިމަތީގައެވެ. އެމަގުވެސް ނާހިދް އޭނާއަށް ފަހި ކޮށްދީފިއެވެ. ނާހިދްގެ ފަރާތުން އިތުރަށް އޭނާ ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟ އޭނާއަށް ގެއްލިފައިވާ ދަރިފުޅުގެ ބަދަލުގައި ނާހިދްގެ ފަރާތުން ދަރިއެއް ލިބުމުން އެނާގެ ދިރިއުޅުމުގެ ހުރިހާ އުންމީދެއް ހާސިލްވީއެވެ.
*****
ހައަހަރުފަސް
ބެލްކަނީގެ ތޭރިތަކުގެ ތެރެއިން ގޯތި ތެރެއަށް ވައްދައިލި ކަޅު ކުލައިގެ ކާރަށް ބަލަން އޮތް ތިން އަހަރުގެ ކައިފް ދުވެފައި ގޮސް ހުއްޓުނީ މައިދޮރު ކުރިމަތީގައެވެ. ދެފަހަރަކު ތަޅު އަނބުރާލިޔަސް ކައިފްއަށް ދޮރު ނުހުޅުވުނެވެ. މަތީގައި އަޅުވާފައި އިން ލޮކް ކައިފްއަށް ފެނުނު ވަގުތު ރަތްކުލައިގެ ކުޑަކުޑަ ތުންފަތްކޮޅު އޫ ކޮށްލަމުން ސޯފާގައި ރިމޯޓް ހިފައިގެން އިން އަޒްކާއަށް ބަލައިލިއެވެ. އަޒްކާ ކައިރިއަށް ހިނިއައެވެ.
"މަންމީ!! ދޮރު ހުޅުވާދީ. ކައިގެ ބައްޕި އައިސްފި" ކައިފްގެ ތުއްތު އަޑުން ބުނެލިއެވެ. ހަ މަހުގެ ބަނޑާއެކު ތެދުވެގެން އަޒްކާ ދޮރާ ދިމާލަށް ދިޔައެވެ.
"ދަރިފުޅާ ބަލައިގެން" އަޒްކާ އުނދަގުލުން ތެދުވިތަން ފެނުމުން ބަދިގެއިން ނިކުތް އިނާޝާ ބުނެލިއެވެ. ހަމަހާ ބަލާފައި އަޒްކާގެ ބަނޑު ވަރަށް ބޮޑެވެ. އޭނާ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށެވެ.
އަޒްކާ މަތީގައި އިން ލޮކް ނައްޓައިލިއިރު ހެވިފައި ހުރި ނާހިދް ހުރީ ދޮރުމަތީގައެވެ. ކުރި އާ ބަލާފައި ނާހިދް މޫނުމަތިން ހަރު ވައްތަރު ޖަހައިފިއެވެ. ކުރިއަށް ވުރެ ހަށިގަނޑު ވަރުގަދައެވެ. ތުނބުޅިއާ މަތިމަސް ތުނިތުނިކޮށް ކޮށާލާފައި ހުރިއިރު އަތުގައި ގެއިން ލައިގެން ދިޔަ ވިލު ނޫ ކުލައިގެ ކޯޓު އޮތެވެ.
ނާހިދް ފެނުމާއެކު ކައިފް ބައްދައިލީ ނާހިދްގެ ފައިގެ ފަލަމަސް ގަނޑުގައެވެ.
"އަނހަ ބައްޕިގެ ސަންޝައިން....." އަޒްކާ އަތަށް ކޯޓު ލަމުން ނާހިދް ކައިފް ނަގާ އުރާލަމުން ކޯތާފަތަށް ބޮސްދިނެވެ.
އެތެރެއަށް ވަދެގެން ދިޔައިރު އިނާޝާ އާއި މޯހަންދާސް ކޮޓަރިން ނިކުމެގެން ކާ ކޮޓަރިއާއި ދިމާލަށް އަންނަމުން ދިޔައެވެ.
"ކޮއިރަކު ފުރުން އޮތީ ދަރިފުޅާ" އިނާޝާ އަހައިލިއެވެ.
"ހަވީރުން ފުރަންވީ. ވަރަށް މަސައްކަތުން ހަފްތާއެއްގެ ޗުއްޓީ ހަމަޖެހިއްޖެ" ނާހިދް ގޮނޑި ދަމާލަައިފައި އިށީންނަމުން ބުނެލިއެވެ.
"ކާފަ ވަރަށް މިސް ވާނެ އިނގޭ ކައި މަތިން. ހަމަ ދަނީތަ ކާފަ އާ މާމަ އެކަނި ކޮށްލާފައި" ނާހިދްގެ އުރުގައި އިން ކައިފްއަށް ބަލައިލަމުން މޯހަންދާސް ވާހަކަދެއްކީ ކައިފްގެ ބަހުރުވައިންނެވެ.
ނާހިދްގެ އުނގުން ލޫދިގަނެގެން ކައިފް ގޮސް އެރީ މޯހަންދާސްގެ އުނގަށެވެ. އެއީ އަބަދުގެވެސް ކައިފްގެ އާދައެވެ. ނާހިދާއި މޯހަންދާސް ގޭގައި ތިބިއްޔާ އަބަދު ހުންނާނީ އެކަކުގެ އުނގުން އަނެކަކުގެ އުނގުން ދަތުރު ކޮށްލަކޮށްލައެވެ. އެގެއިން އޭނާ އެންމެ ލޯބިވަނީ ނާހިދާއި މޯހަންދާސް ދެކެއެވެ.
"ކޯޗެއް؟ ބަތްތަ ރޮށިތަ؟" ނާހިދް ކައިރީގައި ހުއްޓެމުން އަޒްކާ އަހައިލިއެވެ. ނާހިދް ހީލަމުން ރޮށި ކަމުގައި ބުނެލިއެވެ.
"ދަރިފުޅާ! ޙައްވައްތަ ހޮސްޕިޓަލުން ދޫކޮށްލިފަހުން މަންމަމެންނަށް އަދި އެގެއަށް ނުދެވޭ. އެހެންވެ މިއުޅެނީ މިއަދު އެގެއަށް ވަދެލަން ދާން. ދަރިފުޅުމެން ފުރަންދާ ގަޑީގަ ފަހަރެއްގަ ގޭގައި ނުހުރެދާނެ" އިނާޝާ ވާހަކަދެއްކިއެވެ.
"މާމަ ވަރަށް ބޮޑުތަން މިހާރު ރަނގަޅު. އަޅުގަނޑު ބުނިން މަސައްކަތްކުރާނެހާ ހިތްވަރެއް މިހާރު މާމަގެ ނެތޭ. ރެސްޓްކުރާށޭ. މާމަ ގަބޫލެއްނުކުރޭ މާމަ ބަލި ކަމަކަށް" އަޒްކާ ހީލަމުން ވާހަކަދެއްކިއެވެ.
"މި ދަތުރު ނިންމަފައި އެންމެން އެކުގައި ކާފައަށް ވިޒިޓެއްކުރަން ހިނގާ. ލަސްކޮށްފިއްޔާ އަޒްއަށް ފްލައިޓަށް ނޭރޭނެ" ނާހިދް ހިޔާލެއްދިނެވެ.
"މަންމަގެ މައްސަލައެއްނެތް. ކާފައަށް ކައިވެނީގަ ބައިވެރިނުވެވުނު. ކައި ލިބުނުފަހުން އެންމެފަހަރަކު ދުށީ. އެހެންވީމަ މިފަހަރު ކޮންމެހެންވެސް ވާނެ ދެކިލަން ދާން" ނާހިދް ވާހަކަދެއްކިއެވެ.
"ދަރިފުޅު ހަނދާންނެތިފައިވާ މުހިންމު ކަމެއް މަންމަ ހަނދާން މިކޮށްދެނީ. ދަރިފުޅުގެ ބައްޕަ ފަރާތު މީހަކަށް މިހާރު ދުނިޔޭގައި ހުރީ ހަމައެކަނި ބޮޑުދައިތަ. މިދަތުރުގައި ނޫނަސް ދަރިފުޅު ވާނެ ބޮޑުދައިތަ އާ ބައްދަލުކުރަން ދާން" އިނާޝާ ވާހަކަދެއްކިއެވެ. ނާހިދް އާއެނކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ހިތްގައިމު ބީޗްގެ ހުދު ދޮންވެލި ފަސްގަނޑުގައި ދެފައި ދަމާލައިގެން އިށީނދެގެން އަޒްކާ އިނެވެ. ލޮލުގައި އަވި އައިނެއް އިންއިރު ބޮލުގައި ވަށް ތޮތްޕެއް އަޅާފައި އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި އިނީ ކައިރީގައި ވެއްޔާ ކުޅެން އިން ދަރިފުޅަށެވެ. މޫދުގައި އުޅުުނު ނާހިދް އެއްގަމަށް އަރައިގެން އައިސް އަޒްކާގެ އުނގުގައި ބޯ އަޅައިލައިގެން ފަސްގަނޑުމަތީގައި އޮށޯތެވެ. އެހެން އޮވެ އޭނާ އަޒްކާގެ ބަނޑުގައި ބޮސްދިނެވެ. އަތްތިލައިގައި ބޮސްދިނެވެ.
"އުނދަގުވަނީތަ؟" އަޒްކާ އިންގޮތުން ނާހިދް އަހައިލިއެވެ.
"ދެން އިނގެއެއްނު. މާބަނޑު ދުވަސްވަރަކީ މަށަށް ފަސޭހަ ދުވަސްތަކެއްނޫންކަން. ކައި ލިބެން އުޅުނުއިރު އޮތީ ކައި އެކަނި. މިހާރު އެބަތިބި ދޭއް. ވަރަށް އުނދަގުވޭ. ހީވަނީ ނޭވާ ހާސްވާހެން" ނާހިދްގެ ބޮލުގެ އިސްތަށިތަކުގައި އަތް ހިންގައިލަމުން އަޒްކާ ބުނެލިއެވެ.
"ސޮރީ! ދެރަވޭ އަޒް ތިހާ ތަކްލީފް އުފުލާތީ..." ނާހިދް ބުނެލިއެވެ.
"މިއީ ތަކްލީފެއްނޫން. މިއަށްކިޔާނީ ލޯބި. މިކުދިން ވިހާފަ އަދިވެސް ބޭނުން ދަރިން. ހަމައެކަނި ނާހިދްގެ ފަރާތުން" އަޒްކާ ވާހަކަދެއްކިއެވެ.
"އެހެންވިއްޔާ ހިނގާ ރޫމަށްދާން" ނާހިދް ބުނެލިއެވެ. އަޒްކާ ކައިރިއަށް ހިނިއައެވެ.
"އަޒް ރެސްޓްކުރާނީ. މިހާރަކު ކަމެއްނުވާނެއްނު" އަޒްކާ ހީލިތަން ފެނުމުން ނާހިދް ބުނެލިއެވެ. އަޒްކާ ހީލީ ކޮންކަމަކާ ކަން އޭނާއަށް ވިސްނުނީއެވެ.
އަޒްކާ އަތާއި އުނަގަނޑުގައި ހިފާ ތެދުވަން އެހީތެރިވަމުން އޭނާ ހިނގައިގަތީ ވެއްޔާ ކުޅެން އިން ކައިފް އަތުގައި ހިފައިގެންނެވެ.
އިރުއޮށްސުމާއެކު ކައިފްއަށް ކާންދީ ފެންވަރުވާ ނިދަން ތައްޔާރުކުރީ ނާހިދެވެ. އަޒްކާ ނާހިދްގެ ހަރަކާތްތަކަށް ބަލަން އިންއިރު ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ކައިވެންޏަށް ހަ އަހަރުވީއިރު އޭނާ ނާހިދް ފާހަގަކުރަނީ ވަރަށް އަޅާލާ އެހީތެރި ފިރިއެއް ގޮތުގައެވެ.
އެނދުގައި ކައިފް ބޭއްވުމަށްފަހު ނާހިދް ފުރޮޅިލާފައި އަޒްކާ އާ ހަމައަށް ދިޔައެވެ. ލޯތްބާއެކު އަޒްކާ އޭނާގެ އަތު ތެރެއަށް ގެނެސްލިއެވެ. ނިތުގައި ބޮސްދިނެވެ.
"އަދިވެސް އުނދަގުވޭތަ؟" އަޒްކާ ލައިގެން އޮތް ކުރު ޓީޝާޓްކޮޅުގެ އެތެރެއިން އަތް ލައްވާލާ ބަނޑުގައި ފިރުމައިލަމުން ނާހިދް އަހައިލިއެވެ. އަޒްކާ ނޫނެކޭ ބުނުމުގެ ގޮތުން ދެ އަތަކަށް ބޯ ހޫރައިލިއެވެ.
"މާލެ ގޮށްސަ ޖެހޭނެ ނަތާ މަންމަގެއަށް ގޮސްލަން" އަޒްކާ ބުނެލިއެވެ.
"ކިހިނެއްވީ؟ އައި މީން އަޒް ބުނިގޮތުން ހީވީ ވަރަށް ބޮޑު ކަމަކުއޭ" ނާހިދް ބުނެލިއެވެ.
"ހެހެހެ. ނޫން. ފަޒާދައްތަ ޑޮކްޓަރަކަށް ވެގެން އަތުވެއްޖެ. ހާދަ ދުވަހަކު ބޭރުގަ އުޅެފައޭ އެ އައީ. ބޭރު މީހަކާ އިނދެގެން. ވަރަށް ލޯބި ބޭބީއެއްވެސް އެބައޮތް މިހާރު. އެހެންވެ ނަތާ އެދުނީމަ ނޫނެކޭ ބުނަން ނުކެރުނު" އަޒްކާ ވާހަކަދެއްކިއެވެ.
"އިނގޭތަ ނަތާ ބުނި އެއްޗެއް. ރިއާނާ އާ ކައިފް ބޮޑުވީމަ ވާނެޔޯ މެރީކުރުވަން. އެހެރީ ނަތާ ކިޔާ އެއްޗެހި. އަސްލަށް އެހެންވިއްޔާ މަޖާވާނެ ދޯ" ހީލަމުން އަޒްކާ ވާހަކަދެއްކިއެވެ.
"އޭރުން ދެ ބެސްޓްފްރެންޑްގެ ދަރިން މެރީކުރާނީ ދޯ. ވަރަށް ވަރަށް ބޭނުން އެދުވަސް ދެކިލަން" އަޒްކާ ހުއްޓާނުލާ ވާހަކަދައްކަމުން ދިޔައެވެ. އެހުރިހާއިރު ނާހިދް އޮތީ އަޒްކާއަށް ބަލަހައްޓައިގެންނެވެ.
"ކީއްވެ އެހާ ވަރަށް ތިބަލަނީ. ނާހިދް ދުވަހަކުވެސް ބަދަލެއްނުވާނެ. މިހާރު ތިއީ ދަރިއެއްގެ ބައްޕައެއް. އިތުރު ދަރިންތަކެއް ލިބެން އެ އުޅެނީ" އަޒްކާ ބުނެލިއެވެ.
"މުސްކުޅިއެއްނުވޭ އަދިއެއް. އިސްތަށިގަނަޑުގަ އިނީ ދެތިން ނުރަ. އެއީ ނަސީބު ނުރަ" ނާހިދް ވާހަކަދެއްކިއެވެ.
"އެހެންތަ! އެހެންވެ މިބުނީ ބަދަލެއްނުވެއޭ" އަޒްކާ ބުނެލިއެވެ.
"ތާރޓީ ތްރީ. އެއީ މުސްކުޅިއެއް ނޫނެއްނު. މިހިތް އަދިވެސް އޮތީ ޒުވާންކޮށް" ނާހިދް ބުނެލިއެވެ.
"އެހެންތަ އަހަރެން ހީކުރީ ޒުވާންކޮށް ނޫންކަމަށް އޮތީ" ސަމާސާ ރާގެއްގައި އަޒްކާ ބުނެލިއެވެ.
"ވަރަށް އެހެންކަހަލަ ގޮތްތަކެއް އެބަވޭ. ކަމެއްކޮށްލާހިތް ވަނީ" ނާހިދް އަޒްކާގެ ހަށިގަނޑުގައި ބައްދައިލަމުން ބުނެލިއެވެ. އޭނާ ހެޑްބޯޑުގައި ލެގިލުމަށްފަހު އަޒްކާ ގެނެސް ބޭންދީ އުނގުގައެވެ.
"އަހަރެންނަށް ތިހާ ކެއަރ ކުރާތީ އަސްލު ވަރަށް އުފާވޭ. އަލްޙަމްދުﷲ. ބޭނުމީ 'ފުރާނަދަންދެން' ވެސް ތި އޯގާތެރިކަމުގެ ދަށުގައި ތި ދެ އަތުގެ ހިމާޔަތް ލިބިގެން ހުންނަން" އަޒްކާ ވާހަކަދެއްކިއެވެ.
ނާހިދް އަޒްކާ މޫނު އޭނާ އާ ވީ ކޮޅަށް ކުޑަކޮށް އަނބުރާލާފައި ބަލައިލިއިރު އަޒްކާގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔަތަން ފެނުނެވެ. ނާހިދް އަޒްކާގެ ކޯތާފަތުގައި ދެ ތުންފަތް ޖައްސައިލުމަށްފަހު އެތެރެއަށް ދަމައިލިއެވެ. އެހިނދު ވެއްޓެން ދިޔަ ކަރުނަތިކި ވަދެގެން ދިޔައީ ނާހިދްގެ ދެ ތުންފަތް ދޭތެރެއިން އެތެރެއަށެވެ.
"ބުނީމެއްނު އަހަރެންނަށްޓަކައި މިއީ އަގުބޮޑު ހަޒާނާއެކޭ. ބޭކާރުގޮތުގައި ނުބާލާށޭ...." ނާހިދް ލޯތްބާއެކު ބުނެލިއެވެ.
އަޒްކާ ނާހިދްގެ މޭގައި ބޯ އަޅައިލިއެވެ. އެހިނދު ނާހިދްގެ ދެއަތުން އަޒްކާގެ ހަށިގަނޑުގައި ވަށައިލިއެވެ. ދެމީހުންގެ ނަޒަރު ހުއްޓިފައިވަނީ ކައިރީގައި ނިދާފައި އޮތް ދެމީހުންގެ ލޯބީގެ ނިޝާން ކުޑަކުޑަ ދަރިފުޅަށެވެ. ދެމީހުންގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ރަމްޒުކޮށްދެނީ ދެ ހިތުގައި ދެ ހިތަށްޓަކައި އުފެދިފައިވާ ތެދުވެރި ވަފާތެރި ލޯތްބެވެ. ދެހިތުން ދެހިތަށް 'ފުރާނަދަންދެން' އެކުގައިވުމަށް ވެފައިވާ ވަޢުދެވެ.
-ނިމުނީ-