ޚަބަރު

ތިލަފުށި ހާބަރު ރީހެބިލިޓޭޝަންގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ތިލަފުށީގެ ހާބަރު ރީހެބިލިޓޭޝަންގެ މަސައްކަތްކުރުމަށް މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތުގެ ޖުމްލަ އަގަކީ 8،800،544.68 ޔޫއެސް ޑޮލަރު ކަމަށާއި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 480 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ.

އިންވަޔަރަމެންޓް މިނިސްޓްރީން ބުނީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކ.އަތޮޅު، އއ.އަތޮޅު އދ.އަތޮޅުގެ އިތުރުން ވ. އަތޮޅު ހިމެނޭ، ޒޯން 3 ގެ ސަރަހައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ނަމުގައި މަޝްރޫއެއް މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މަޝްރޫއުގެ މައިގަނޑު އެއް ނަތީޖާއަކަށްވާނީ ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަހައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުވުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނީ ތިލަފުށީގައި ސަރަހައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރެވޭ އިރު، އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުން ކުރިއަށްދާނީ ހާބަރު ރީހެބިލިޓޭޝަންގެ މަސައްކަތް ކަމަށެވެ.

ހާބަރު ރީހެބިލިޓޭޝަން މަސައްކަތްތަކުގެ ތެރޭގައި، ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމާއި، އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެޅުމާއި، ވަރކްޝޮޕް އަދި ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ގާއިމުކުރުމުގެ އިތުރުން ރިސައިކްލިންގ ޔާޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގ ވޯކްޝޮޕެއް ތިލަފުށީގައި ހެދަމަށް ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.