ދުނިޔެ

ލަންކާގެ އާ ބޮޑުވަޒީރުގެ މަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަންކޮށްފި

އާނިފާ ހުސެއިން ސިރާޖް

ސްރީ ލަންކާގެ ރައީސްކަމުގެ ހުވާ މިދިޔަ ހޯމަ ދުވަހު ކުރެއްވި ގޯތަބަޔާ ރާޖަޕަކްސަގެ ބޭބޭފުޅު އަދި ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސަ އެގައުމުގެ އާ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ބޮޑުވަޒީރުކަމުގެ މަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަހިންދަ ރާޖަޕަކްސަ އެ ގައުމުގެ 24 ވަނަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދުގެ މެންދުރުއެވެ. އަދި އެއަށްފަހު ލަންކާ ގަޑިން ތިނެއް ޖަހާއިރު، ބޮޑު ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރަން ފައްޓަވާނެ ކަމަށް ބުނެފައިވެއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގައި ލަންކާގެ ކުރީގެ ރައީސް، މައިތިރިޕާލަ ސިރިސެނާ އާއި ކުރީގެ ބޮޑުވަޒީރު ރަނިލްގެ އިތުރުން ސިޔާސީ ބައެއް އިސް ފަރާތްތައްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރަނިލް ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވީ، މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގައި، އެމަނިކުފާނުގެ ޕާޓީން ނެރުނު ކެންޑިޑޭޓް، ސަޖިތު ޕްރޭމަދާސަ އަށް އިންތިހާބު ނާކާމިޔާބު ވުމާއި ގުޅިގެން، އިންތިހާބު ކާމިޔާބު ކުރެއްވި ގޯތަބަޔާ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ ޕާޓީއަށް ސަރުކާރު އުފެއްދުމުގެ ފުރުސަތު ދިނުމަށް ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ.

ގޯތަބަޔާއަކީ ލަންކާގެ ހަތްވަނަ ރައީސްއެވެ.