މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

އެއްބާރުލުން ނުދިނަސް، ނިންމާފައިވާ ގޮތުގެ މަތީން އެމްޑީއެން އުވާލުމުގެ މަސައްކަތް ކުރިޔަށް ދާނެ: މިނިސްޓްރީ

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން)އަށް މިހާރު އަންގާފައިވާ ގޮތުގެ މަތީން އެޖަމިއްޔާއިން އަމަލުކޮށް އެއްބާރުލުން ނުދިން ނަމަވެސް، ސަރުކާރުން ނިންމާފައިވާ ގޮތުގެ މަތީން، އެ ޖަމިއްޔާ އުވާލުމުގެ ކަންކަން ގާނޫނާއި ގަވައިދުގެ ތެރެއިން ކުރިޔަށް ގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓުން ބުނެފި އެވެ.

އެމްޑީއެން އުވާލަން ސަރުކާރުން ނިންމާފައި އޮތް ނަމަވެސް، އެކަމުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާ ކަމަށާއި އެކަން ސަރުކާރުން ނުވެސް ކުރާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މިހާރު ސަލަފު ޖަމިއްޔާ އުވާލަން އުފަން ކުރުވައިގެން އުޅޭ މައްސަލައަކީ އެމްޑީއެންގެ މައްސަލަ އޮއްބައިލަން ކުރާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

"ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު މިއަދު ވިދާޅުވީ އެ މަސައްކަތް އެ އޮތީ ފެށިފައި ކަމަށާއި އާންމުކޮށް އިއުލާނުކޮށްފައިވާ ގޮތަށް އެ މުއްދަތުތަކުގެ ތެރޭގައި އެކަން ކުރިޔަށް ދާނެ ކަމަށެވެ.

ކޮމިޔުނިޓީ އެމްޕަވަމެންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލު މިއަދު "ވަން"އަށް ވިދާޅުވީ، މިހާރު އަންގާފައިވާ ގޮތަށް އެމްޑީއެން އިން އަމަލުނުކޮށްފި ނަމަ، ދީފައިވާ މުއްދަތު ހަމަ ވުމުން، ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ދެން ހުރި ކަންކަން ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

"ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އަދި ދޭން ޖެހޭ މުއްދަތުތަކެއް ގަވައިދުގައި އެބަ ހުރޭ. އެހެންވީމަ އެ ގޮތަށް އަޅުގަނޑުމެން ކުރިޔަށް މި ގެންދަނީ. އެ މުއްދަތު ހަމަ ވީމަ ޖަމިއްޔާ އުވާލުމަށް ދެން ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދިޔުމުގެ އިޚުތިޔާރު ރަޖިސްޓްރާއަށް ލިބިވަޑައިގަންނަވާނެ. ގާނޫނާއި ގަވައިދާ އެއްގޮތަށް އެކަން ކުރިޔަށް ދާނެ." މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އެމްޑީއެން އުވާލަން ނިންމިކަން ކޮމިޔުނިޓީ އެމްޕަވަމެންޓް މިނިސްޓްރީން އިއުލާނުކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ޖަމިއްޔާ އުވާލަން ނިންމާފައިވަނީ ޖަމިއްޔާތަކާއި ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުންނެވެ.

ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފުވެއްޖެ ނަމަ، އިސްލާމްދީނަށް އިހާނެތިކޮށް ހިތައިފިނަމަ، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލައިފިނަމަ ނުވަތަ އެ އެއްބައިވަންތަ ކަމަށް އުނިކަމެއް ގެނެސްފި ނަމަ ނުވަތަ އިސްލާމްދީން ނޫން އެހެން ދީނެއްގެ ފިކުރަކާއި ޝިއާރެއް ރާއްޖޭގައި ފާޅުކޮށްފިނަމަ އެ ޖަމިއްޔާ ހެދުން މަނާ ކުރެވޭނެއެވެ. އަދި ހަމަ އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި ރާއްޖޭގެ ޖުމްހޫއްރިއްޔާގެ ގާނޫނު އަސާސީ އާއި ނޫނީ ރާއްޖޭގެ ގާނޫނާއި ހިލާފުވާ ކަމެއް ޖަމިއްޔާއަށް ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ކޮމިޔުނިޓީ އެމްޕަވަމެންޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާ އުވާލުމަށް ޓަކައި، ޖަމިއްޔާގެ މުދަލާއި ދަރަނީގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް ގާނޫނު ނަންބަރު 1/2003 (ޖަމިއްޔާތަކާ ބެހޭ ގާނޫނު) ގެ ދަށުން ހަދާފައިވާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން، 45 ދުވަހުގެ މުއްދަތެއް އެ ޖަމިއްޔާއަށް ވަނީ ދީފަ އެވެ.