އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަފްރާޝީމްގެ މަރުގެ ރިޕޯޓު ސައްހަ ވާނީ ރައީސް ނަޝީދުގެ ބަޔާން ނެގީމަ: އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރެފައިވާ ރިޕޯޓު ސައްހަ ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނެގީމަ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެކަމުގެ އެންމެ ސައްހަ މައުލޫމާތު އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށް ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ބަޔާން ނަގަން ޖެހޭ ކަމަށެވެ.

"އަފްރާޝީމްގެ މަރުގެ ރިޕޯޓު ސައްހަ ވާނީ ކެނެރީގެ މުހައްމަދު ނަޝީދު، ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނެގީމަ. އެއީ އަފްރާޝީމް އަވަހާރަކޮށްލިތާ ގިނަ އިރުތަކެއް ނުވަނީސް ނަޝީދު އޮންނާނެ ބުނެފައި، އެކަން ކުރި މީހުން މިހާރު ފިލައިގެން ހިނގައްޖެއޭ. ތިމަންނައަށް ގަބޫލުކުރެވޭ ގޮތުގައި ނުވަތަ ތިމަންނައަށް މައުލޫމާތު ލިބޭގޮތުގައި އެކަން ކުރީ ރާއްޖޭން ބޭރުގެ ބައެކޭ. އެހެންވީމާ އޭނާގެ އެންމެ ސައްހަ މައުލޫމާތު ހުންނާނީ. އޭނާ ހާޒިރުކޮށްފައެއް ނެތް މިތަނަކަށް. އޭނާގެ ބަޔާނެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސަލަފު އުވާލަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލުނުކުރާ ކަމަށާއި ސަލަފު އުވާލަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ސަލަފަކީ ޓެރަރިޒަމަށް ހިތްވަރުދޭ ބައެކޭ ކިޔައިގެން ވާހަކަދައްކާ އިރު، މިހާތަނަށް އައިއިރު ސަލަފުގެ އެއްވެސް ބޭފުޅަކާ ދޭތެރޭ އެފަދަ ދައުވާއެއް ކޮށްފައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުއްލިއަކަށް ސަލަފު އުވާލަން ވެގެން، އެއީ ޓެރަރިސްޓުންނޭ ކިޔައިގެން ވާހަކަދައްކާ ދެއްކުމަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން. އަދި އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ސަލަފު އުވާލަން އެކުރާ މަސައްކަތަކީ ކަނޑައެޅިގެން މިގައުމުގައި ތަފާތު ދީންތަކަށް ފުރުސަތު ދިނުމަށްޓަކައި އެމްޑީޕީން ރާވައިގެން ރައީސް ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ތިއްބަވައިގެން ކުރަމުންގެންދާ ކަންތައްތަކެއް،" އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ސަލަފު އުވާލަން ނިންމާ ވާހަކައަކީ އެހެން ހުރިހާ އަޑުތަކެއް ފަނޑުކުރަން، ހާއްސަގޮތެއްގައި ޖުޑިޝަރީއަށް ދޭ ހަމަލާއާ ދޭތެރޭގައި ރައްޔިތުންގެ ސަމާލުކަން ގެއްލުވާލުމަށްޓަކައި އެއަށްވުރެ ބޮޑު އެހެން ކަމެއް ކުރިމަތިކުރުވަން ދައްކާ ވާހަކަތަކެއް ކަމަށެވެ.