ޚަބަރު

ޖަވާބުދާރީވާން ޕީޖީ ބިޝާމަށް ނޯޓިސް ފޮނުވަނީ

ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބު ދާރީވާން ފުރުސަތު ދިނުމަށް ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ.

ޕީޖީ ބިޝާމް މަގާމުން ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުމުން އެކޮމިޓީން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިހެއް ފޮނުވަން ފާސްކޮށްފައެވެ. އެ ހުށައެޅުމައް އެއް މެންބަރު ފިޔަވާ ހުރިހާ މެންބަރު ވެސް ވޯޓު ދެއްވިއެވެ. ވޯޓު ނުދެއްވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެކަންޏެއެވެ.

ކޮމިޓީގެ ނައިބު މުގައްރިރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ޕީޖީ ބިޝާމްގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވި ދުވަހު ވެސް އެ ކޮމިޓީއަށް ޕީޖީ ދެއްވާފައިވަނީ ދޮގު މައުލޫމާތު ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މީހެއްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވާން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހޭނެއެވެ. ޕީޖީގެ މަގާމުން ބިޝާމް ވަކިކުރެވޭނީ ސާދަ ދުވަހުގެ މުއްދަތަށް ފަހުގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމުގެ އިތުބާރު ނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ނަމަވެސް ދެފަހަރު ވެސް އެ މައްސަލަ ހުށަހެޅުއްވި، އޭރުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވަނީ މައްސަލަ އަނބުރާ ގެންދަވައިފައެވެ.