ސްރީ ލަންކާގެ ރައީސްކަމުގެ ހުވާ މިދިޔަ ހޯމަ ދުވަހު ކުރެއްވި ގޯތަބަޔާ ރާޖަޕަކްސަގެ ބޭބޭފުޅު އަދި ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސަ އެގައުމުގެ އާ ބޮޑުވަޒީރުކަމުގެ މަގާމަށް މާދަމާ އައްޔަން ކުރައްވަން ނިންމައިފި ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
ބޮޑުވަޒީރުކަމުގެ މަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވަނީ، ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ރާޖަޕަކްސަގެ މީޑިއާ ތަރުޖަމާނާ ހަވާލާދީ ލަންކާގެ ނިއުސްފަސްޓު ނޫހުން ބުނެފައިވަނީ، ބޮޑުވަޒީރު ކަމުގެ ހުވާ ރާޖަޕަކްސަ ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ލަންކާ ގަޑިން މެންދުރު އެކެއްް ޖަހާއިރު ކަމަށެވެ. އަދި އެއަށްފަހު ލަންކާ ގަޑިން ތިނެއް ޖަހާއިރު، ބޮޑު ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރަން ފައްޓަވާނެ ކަމަށް ބުނެފައިވެއެވެ.
ރަނިލް ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވީ، މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގައި، އެމަނިކުފާނުގެ ޕާޓީން ނެރުނު ކެނޑިޑޭޓް، ސަޖިތް ޕްރޭމަދާސަށް އިންތިހާބު ނާކާމިޔާބު ވުމާއި ގުޅިގެން، އިންތިހާބު ކާމިޔާބު ކުރެއްވި ގޯތަބަޔާ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ ޕާޓީއަށް ސަރުކާރު އުފެއްދުމުގެ ފުރުސަތު ދިނުމަށް ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ.
ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ގޯތަބަޔާ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ %52.25 ޕަސެންޓު ވޯޓު ހޯއްދަވައިގެންނެވެ. ގޯތަބަޔާއަކީ ލަންކާގެ ހަތްވަނަ ރައީސްއެވެ.