ވެރިކަމުން ދުރަށް ޖެހުނު ނަމަވެސް، ގައުމީ ހިދުމަތުގައި އަދިވެސް ހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވަމުން މިއަދު ރައީސް ޔާމީން ވިދާޅުވީ އަންނަ ނޮވެންބަރު މަހު 17 ވަނަ ދުވަހާ ހަމައަށް ވެރިކަމުގައި ހުންނަވާނެ ކަމަށާއި، އޭގެ ފަހުންވެސް ރައްޔިތުންގެ، ގައުމީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.
" އެހެން ޒައާމަތަކަށް މަރުހަބާ ކިޔަން. އަމާން ކަމާއެކު ބަދަލުވެގެން ދާނެ. މި ގޮތުގައި ކަންތައް ކުރުމަށް އަޅުގަނޑުގެ ސަޕޯޓަރުންނަށްވެސް އިލްތިމާސް ކުރަން. ދެންވެސް އަޅުގަނޑުމެން ކުރައްވާނީ ގައުމީ މަސައްކަތެއް. ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވެރިކަމުގައި ހުންނަވާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ހިދުމަތުގެ އަގުވަޒަން ކުރާނީ ރައްޔިތުން ކަމަށެވެ.
“އިރާދަ ކުރެއްވިއްޔާ އަނެއްކާވެސް އަޅުގަނޑުމެން ކުރާނީ ރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ ދިވެހި ރައްޔިތުންގެ އަތްޕުޅު މަތީގައި އޮތް ކަމެއް. އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާނީ އަދިވެސް އަޅުގަނޑު ހުންނަވާނީ ގައުމީ މަސައްކަތުގައި،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ޒައާމަތުގައި ކޮށްދީފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައިފައިވާ އިރު، އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިލައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް ހަމަޖައްސައިދިން ކަމަށާއި، ޒުވާނުންނަކީ ގިންތިއެއް ގޮތުގައި އޮތް ބައެއްކަން ބަލައިގަތް ސަރުކާރަކީ އެމަނިކުފާނުގެ ސަރުކާރު ކަމަށެވެ.