Close
ޚަބަރު

އަފްރާޝީމުގެ މަރުގެ ރިޕޯޓުގައި ސަލަފުގެ ނަން ހިމެނީ ވަކިފަރާތަކުން އެންގި އެންގުމަކަށް: ސަލަފު

ޑރ. އަފްރާޝީމު އަލީގެ މަރު ތަހުގީގުކޮށް މަރުގެ ކޮމިޝަނުން އެކުލަވާލި ތަހުގީގީ ރިޕޯޓުގައި އެ ޖަމިއްޔާއާ އަދާވާތްތެރި ވަކި ފަރާތަކުން އަންގާ އެންގުމެއްގެ މައްޗަށް ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފިއެވެ.

ޑރ. އަފްރާޝީމުގެ މަރުގެ ރިޕޯޓުގައި ސަލަފަށް ތުހުމަތުކޮށްފައިވާ ކަންކަން ދޮގުކޮށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އަފްރާޝީމު މަރާލުމުގެ ޖަރީމާ ހިންގާފައި އޮވެދާނެ ކަމަށް ބެލެވިގެން ތަހުގީގުކުރި އެއްވެސް ސިޔާސީ ޖަމާއަތަކާ ވެސް އަދި ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކާވެސް ސަލަފާ އެއްވެސް ގުޅުމެއް ނެތްކަން އެ ރިޕޯޓުން ވެސް އެނގި ކަށަވަރުވެފައިވާ ކަމަށެވެ.

އެގޮތުން ސަލަފުގެ ބަޔާނުގައި ހަތަރު ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

ސަލަފުން ބުނީ، ދީނީ ކަންކަމުގައި ޑރ. އަފްރާޝީމް ފާޅުކުރައްވަމުން ގެންދެވި ބައެއް ހިޔާލުތަކަށް ވަކިވަކި އިލްމުވެރިންނާއި ޕާޓީތަކާއި ޖަމިއްޔާތަކުގެ އިލްމުވެރިން އިލްމީ ގޮތުން ހިންގާފައިވާ ބަހުސްތަކާއި ދިން ރައްދުތައް އޭނާގެ މަރުގެ ޖަރީމާއާ ގުޅުވުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫން ކަމަށެވެ.

އެއީ ޒިންމާދާރުކަމެއް ނެތި، ބަޔަކު މީހުންގެ އަމިއްލަ ނުބައި އެޖެންޑާއެއް ކާމިޔާބުކޮށް، ރާއްޖޭގައި އޮތް އިސްލާމްދީނުގެ ހައިބަތު އެކީއެކައްޗަކަށް ފުހެލުމަށް ރޭވިގެން ހިންގާ ކަމެއް ކަމަށް ސަލަފުން ބުނެފައިވެއެވެ.

އޭގެ އިތުރުން ޑރ. އަފްރާޝީމު އިބްރާހީމް މިސްކިތުގައި ހުކުރު ކުރެއްވުމަށްފަހު ނިކުންނެވުމުން، އެމަނިކުފާނުގެ ގައިގައި ތަޅައިގަތީ ސަލަފުން ކަމަށް ބުނުމާއި، މަރު ކޮމިޝަނުން ސުވާލުކުރި ޝައިހް މުހައްމަދު ލަތީފަކީ ސަލަފުގެ އިސް ޝެއިހެއް ކަމުގައި ބުނުމާއި ތުނބުޅިޔާމެދު އަފްރާޝީމު ދެއްކެވި ވާހަކަފުޅަށް ރައްދުދީ ސަލަފުން ގަރާރެއް ނެރުނު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެކަންކަން ވެސް ސަލަފުގެ ބަޔާނުގައި ވަނީ ދޮގު ކޮށްފައެވެ.

ސަލަފުން ބުނީ، މިފަދަ ހައްސާސް މައްސަލައެއްގައި އެކަންކަމުގެ ސައްހަކަން ބެލުމެއްނެތި އަދި އަމުދުން ސަލަފުގެ އެއްވެސް މީހަކާ ސުވާލުކުރުމެއްނެތި ސަލަފާމެދު ދޮގު މައުލޫމާތު ހިމަނާފައިވުމަކީ މަރު ކޮމިޝަނުން ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވައިގެން ހިންގަވާފައިވާ ވަރަށް ޒިންމާދާރުކަންކުޑަ ހުތުރު އަމަލެއް ކަމަށެވެ.

"މިފަދަ ކަންކަމުގެ ސަބަބުން އެނގި ކަށަވަރުވަނީ ޖަމްއިއްޔަތުއްސަލަފުގެ ނަން މި ރިޕޯޓުގައި ހިމަނާފައިވަނީ ޖަމްއިއްޔަތުއްސަލަފާއި ސަލަފުގެ އިލްމުވެރިންނާއި އެބޭކަލުންގެ ފިކުރާއި މަންހަޖާއި ސަލަފުން ހިންގާ ހަރަކާތްތައްވެސް، މަރު ކޮމިޝަންއަށް ނޭނގި ތިބެ، ޖަމްއިޔްތުއްސަލަފާ އަދާވާތްތެރި، ވަކިފަރާތަކުން އަންގާ އެންގުމެއްގެ މައްޗަށް ކަމެވެ،" ސަލަފުގެ ބަޔާނުގައިވެއެވެ.

ސަލަފުން ބުނި ގޮތުގައި، އަފްރާޝީމުގެ މަރާ އެ ޖަމިއްޔާއާ އެއްވެސް ގުޅުމެއްވާ ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ނެތަސް، ފުރާނައެއްގެ މަރާގުޅުންހުރި ރިޕޯޓެއްގައި ސަލަފުގެ ނަން ހިމަނައި، އާންމުކުރުމުގެ ފަހަތުގައިވަނީ ޒަމާނުއްސުރެ އެ ޖަމިއްޔާއާމެދު ބައެއް ސިޔާސީ ބޭފުޅުންގެ ހިތުގައިވާ ނަފްރަތުކަމަށެވެ.

އެގޮތުން މިފަދަ ނުރައްކާތެރި މައްސަލައެއްގެ ރިޕޯޓުގައި ސަލަފާއި އެޖަމިއްޔާގެ ބައެއް އިލްމުވެރިންގެ ނަން ހިމެނުމަކީ އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓުވައި، ރައްޔިތުންނަށް ދެމުންދާ ދީނީ ހިދުމަތުން މަހުރޫމްކުރުމަށް ދުރާލާ ރާވަމުންދިޔަ ރޭވުމަށް ޖާގަ ހެދުމުގެ ގޮތުނދެމުންގެންދާ ހީލަތްތެރި ހަމަލާއެއް ކަމަށާއި މިއީ ރާއްޖޭގެ އެތެރެއާއި ބޭރުގެ ލާދީނީ ހަރަކާތްތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމެއްކަމުގައި ވެސް ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިފަދަ ނުރައްކާތެރި މައްސަލައެއްގެ ރިޕޯޓުގައި ހީލަތްތެރި ގޮތަކަށް ޖަމްއިއްޔަތުއްސަލަފާއި ސަލަފުގެ ބައެއް އިލްމުވެރިންގެ ނަން ހިމެނުމުގެ ބޭނުމަކީ ރާއްޖޭގައި ބަޔަކު ކުރިއަރުވައި ހިންގަންބޭނުންވާ ސެކިޔުލޅާ، ލާދީނީ އެމްޑީއެން ފަދަ ޖަމްއިއްޔާތަކާއި އެ ޖަމްއިއްޔާތަކުގެ ފިކުރަށް އޮތް ހުރަހަކަށް ޖަމްއިއްޔަތުއް ސަލަފުކަމުގައި އެބަޔަކު ގަބޫލުކުރާތީ،" ސަލަފުގެ ބަޔާނުގައިވެއެވެ.

ސަލަފުގެ ބަޔާނުގައި އިތުރަށް ވަނީ، ދިވެހިން ދީނީގޮތުން ހޭލުންތެރިކުރުވުމަށާއި ރާއްޖޭގެ އިސްލާމީވެށި ސެކިއުލާ ފިކުރުތަކުން ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރު ދިނުމުގެ ބަދަލުގައި އެމަސައްކަތްތަކުގެ އަގުވައްޓާލައި އެކަންކަން ހުރަސް އެޅުމަށް މަސައްކަތް ނުކުރެއްވުމަށް މަރު ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް ނަސޭހަތްތެރިވެފައެވެ.

އޭގެ އިތުރުން އެފަދަ ފުރުސަތު ނުދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށް، ސެކިއުލާ ފިކުރުތަކާއި ދީނީގޮތުން ހައްދުފަހަނައެޅުމުގެ އަމަލުތަކާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ދީނީ އިލްމުވެރިންނާއި ކަމާބެހޭ މުއައްސަސާތަކުގެ ލަފަޔާއި އިރުޝާދާޢެކު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ވެސް ސަލަފުގެ ބަޔާނުގައި ވަނީ ނަސޭހަތްތެރިވެފައެވެ.