ޚަބަރު

ލަންކާގެ ބޮޑުވަޒީރު ކަމުން ރަނިލް އިސްތިއުފާ ދެއްވައިފި

އާނިފާ ހުސެއިން ސިރާޖް

ސްރީލަންކާގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން ރަނިލް އިސްތިއުފާ ދެއްވިކަން ލަންކާގެ ބޮޑުވަޒީރުގެ އޮފީހުގެ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ރަނިލް އެމަގާމުން އިސްތިއުފާދެއްވީ، މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގައި، އެމަނިކުފާނުގެ ޕާޓީން ނެރުނު ކެނޑިޑޭޓް، ސަޖިތް ޕްރޭމަދާސަށް އިންތިހާބު ނާކާމިޔާބު ވުމާއި ގުޅިގެން، އިންތިހާބު ކާމިޔާބު ކުރެއްވި ގޯތަބަޔާ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ ޕާޓީއަށް ސަރުކާރު އުފެއްދުމުގެ ފުރުސަތު ދިނުމަށް ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ.

ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު، އިދިކޮޅު ޕާޓީގެ ކެނޑިޑޭޓް ގޯތަބަޔާ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ %52.25 ޕަސެންޓު ވޯޓު ލިބިވަޑައި ގަންނަވައިގެންނެވެ. އަދި ލަންކާގެ ހަތް ވަނަ ރައީސް ކަމުގެ ހުވާ ގޯތަބަޔާ މިހާރު ވަނީ ކުރައްވައިފައެވެ.

ރައިސް ގަޓޯބަޔާގެ ކެބިނެޓް އެކުލަވާލުމަށް މިހަރު ހަމަޖައްސާފައިވާއިރު، ކެބިނެޓް އެކުލަވާލުމުގައި އެ ޕާޓީގެ ބޭފުޅުންނަށް އިސްކަން ދެއްވުމަށް ވަނީ ނިންމަވައިފައެވެ. ނަމަވެސް ފުރިހަމަ ސަރުކާރެއް އެކުލަވާ ލެވޭނީ އަންނަ މާޗު މަހު ގާނޫނު ހަދާ މަޖިލިސް އުވުމުންނެވެ.