ޚަބަރު

ސަލަފް ޖަމްއިޔާއަށް ފިޔަވަޅު އެޅިތޯ ބަލަން މަހްލޫފު މަޖިލީހަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓާ ގުޅިގެން ސަލަފް ޖަމިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭ މައްސަލައިގައި އެ ޖަމިއްޔާއަށް އެއްވެސް ފިޔަވަޅެއް އެޅިތޯ ސާފު ކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން ނިންމައިފިއެވެ.

އެކަމާ ބެހޭގޮތުން ޔޫތު މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

މަހުލޫފު މަޖިލީހަށް ހާޒިރުކޮށް ޖާބިރު ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ، ޓެރަރިޒަމާ ގުޅޭ ޖަމާއަތެއްގެ ގޮތުގައި، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ސަލަފް ޖަމިއްޔާގެ މައްޗަށް ތުހުމަތު ކޮށްފައިވާއިރު، ޖަމިއްޔާއަށް އެއްވެސް ފިޔަވަޅެއް އެޅިތޯ އާއި އެޅި ފިޔަވަޅަކީ ކޮބައިތޯ އެވެ.

މަރު ކޮމިޝަންގެ ރިޕޯޓުގައި ވަނީ އެކި ދުވަސް މަތިން ޑރ. އަފްރާޝީމާ މެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން ސަލަފް ޖަމިއްޔާއިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ސަލަފް ޖަމިއްޔާއަކީ ޓެރަރިޒަމާ ގުޅޭ ޖަމާއަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓްގައި ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި އެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން އެ ޖަމާއަތަށް މަޖިލީހުން ފިޔަވަޅު އެޅުމަށް ކުޑަ ކޮމިޓީން މިއަދު ޓޫފޯވަން ކޮމިޓީއަށް ހުށަހަޅައި ފާސް ކުރާނެ ކަމަށާއި އެ ކޮމިޓީން ފާސްކޮށް އެ މައްސަލަ ވަރަށް އަވަހަށް މަޖިލީހުގެ ތަޅުމަށް އަންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.