ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާ ބެހޭގޮތުން އެ ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމު މިހެން ވިދާޅުވީ، ޓެރަރިޒަމާ ގުޅޭ ޖަމާއަތެއް ކަމަށްބުނެ، ދީނީ ކަންތައްތައް ކުރިއަރުވަން އުފައްދާފައިވާ ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައި، މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި ހިމަނާފައިވާ ކަމަށާއި އެ ޖަމާއަތަށް މަޖިލީހުން ފިޔަވަޅު އެޅުމަށް ޓޫފޯވަން ކޮމިޓީން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
މި މައްސަލައާ ބެހެގޮތުން ނިޒާމީ މައްސަލަ ނަންގަވައި ޝިޔާމު ވިދާޅުވީ، އަފްރާޝީމްގެ މަރުގެ ރިޕޯޓަކީ ފަސް މެންބަރުން ހިމެނޭ ކޮމިޓީއަކުން ނެރެފައިވާ ރިޕޯޓެއް ކަމަށެވެ. އަދި ރިޕޯޓާމެދު ޝައްކު އުފައްދައި ޝިޔާމު ވިދާޅުވީ، އެ ރިޕޯޓަކީ ހަގީގަތުގައިވެސް އެ ފަސް މެންބަރުން ހިމެނޭ ކޮމިޓީން ނެރުނު ރިޕޯޓެއް ތޯ، އެ ފަސް މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ބޭނުން ކަމަށެވެ.
ޝިޔާމުގެ ވާހަކައާ ބެހޭގޮތުން މަޖިލިސް ރައީސް ވިދާޅުވީ، ޝިޔާމުގެ ވާހަކައަށް ސަތޭކައިން ސަތޭކަ ތާއީދު ކުރައްވާ ކަމަށާއި އެ ރިޕޯޓުގައި ވާ މައުލޫމާތު ތަކާމެދު ޝައްކު އުފެދޭނަމަ ހަމަ މެންބަރު ޝިޔާމާ އެއްވަރަށް އެކަންތައްތައް ކަށަަވަރު ކުރަން ބޭނުންވާ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު މަަސައްްކަތް ކުރައްވަނީ، ގައުމަށް ދިމާވެދާނެ ނުރައްކާތެރި، ހައްސާސް ހާލަތަކުން ގައުމާއި ރައްޔިތުން ސަލާމަތް ކުރެވޭތޯ ކަމަށެވެ.