ކުއްލި ޚަބަރު

ރާއްޖެއަށް ނިސްބަތްވާ ހަނގުރާމަވެރިންތަކެއް އަފްގާނިސްތާނުން ހައްޔަރުކޮށްފި

ރާއްޖެއަށް ނިސްބަތްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންތަކެއް އަފްގާނިސްތާނުގެ ސަރުކާރުން ހައްޔަރުކޮށްފި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އަފްގާނިސްތާނުގެ އެންމެ ބޮޑު މިނިވަން ނޫސް އެޖެންސީ ކަމަށްވާ ޕަޖްހޮކް އަފްގާން ނިއުސް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަފްގާނިސްތާނުގެ އިރުމަތީގައި އޮންނަ ނަންގަރްހާރުން 243 އައިއެސް ހަނގުރާމަވެރިން މިހާރު ތިބީ އެގައުމުގެ ސަރުކާރުގެ ހައްޔަރުގައި ކަމަށެވެ.

ހައްޔަރުގައި ތިބި ހަނގުރާމަވެރިންގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވާ ބަޔަކާއި ޕާކިސްތާން، ތަޖިކިސްތާން، އުޒްބެކިސްތާން، އީރާން، އަޒަރްބައިޖާ އަދި ކަޒިކިސްތާން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެ މީހުންގެ ތެރެއިން ހައްޔަރުގައި ތިބީ ރާއްޖެއަށް ނިސްބަތްވާ ކިތައް މީހުން ކަމެއް ބުނެފައެއް ނުވެއެވެ.

އަފްގާނިސްތާނުގެ އަސްކަރިއްޔާގެ ބަޔާނަކާ ހަވާލާދީ ޗައިނަގެ ޒިންހުއާ ނިއުސް އެޖެންސީ މީގެ ތިން ދުވަސް ކުރިން ބުނެފައިވަނީ، ނަންގަރްހަރް އިން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ އަމިއްލައަށް އަމާން ދިނުމުން ކަމަށް ބުނެފައިވެއެވެ.

"އައިއެސް މެންބަރުން އަދި އެޖަމާއަތަށް ވަފާތެރި ޖުމްލަ 241 މީހުން ވޭތުވެދިޔަ ތިން ދުވަސް ތެރޭގައި އަޗިން އަދި މޮހްމާން ޑާރާ ޑިސްޓުރިކްޓުން އަފްގާނިސްތާނުގެ އިދާރާތަކާ ވަނީ އަމިއްލައަށް ހަވާލުވެފައި. އެމީހުން ތެރޭގައި 71 ފިރިހެނުން، 63 އަންހެނުން އަދި 107 ކުޑަކުދިން ހިމެނޭ،" ބަޔާނުގައި ބުނެފައިވާ ކަމަށް ޒިންހުއާގައި ރިޕޯޓް ކޮށްފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހައްޔަރުކުރި ހަނގުރާމަވެރިން އެމީހުން ގެންގުޅުނު 67 ހަތިޔާރުވެސް އަފްގާނިސްތާނުގެ އަސްކަރިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަފްގާނިސްތާނުގެ އޮފިޝަލުން ބުނާ ގޮތުން، މިއީ މިހާ ގިނަ އަދަދެއްގެ އައިއެސްގެ ހަނގުރާމަވެރިންތަކެއް އަމާންދީ އެމީހުންގެ ހަތިޔާރު ބެހެެއްޓި ފަހަރެވެ.