ވޯލްޑް ކަޕް ކޮލިފައިން

ގުއާމް ބަލިކޮށް، ރާއްޖެއިން އުންމީދު އާކޮށްފި

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް ބަލިކޮށް، ރާއްޖެއިން އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގުއާމް އަތުން ރާއްޖެ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ގުއާމްގައި ކުޅުނު މެޗުން ރާއްޖެ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ކުރީކޮޅު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ހާފުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ގިނަ ފައުލަތަކެއް ފެނިގެންދިޔަ އިރު، މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ގުއާމްގެ ދެ ކުޅުންތެރިޔަކަށް ރީނދޫ ކާޑެއް ވެސް ދެއްކިއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ކޯނަރަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ފެނިގެންދިޔަ އެ ލަނޑަކީ ގުއާމްގެ ޑިފެންޑަރު ޓްރޭވިސް ނިކްލޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭނާ އަތުން އެ ލަނޑު ބައިކޮޅަށް ވަދެފައިވަނީ ހައިޝަމް ހަސަން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ރާއްޖެއަށް ތިން ލަނޑުގެ ލީޑެއް ހޯދުމަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ރީތި ކުޅުމަކަށްފަހު ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ގުއާމްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ދަގަނޑޭ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓުގެ ތެރޭގައި ގުއާމް އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ގުއާމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯން މަޓްކިންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި އަލުން ލީޑު ފުޅާކޮށްލުމަށް ރާއްޖެއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ހަމްޕު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އަހްމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ހަމަލާ އަމާޒުވީ ގުއާމްގެ ކީޕަރު ޖެފްރީ ޖަޔޭއާ ދިމާއަށެވެ.

މެޗު ނިމެން ދަނިކޮށް ގުއާމް އިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މަޓްކިން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގައި ރާއްޖެއިން ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ގުއާމްގެ ކީޕަރު ޖެފްރީ ޖަޔޭ ދިފާއުކުރަން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ދަގަނޑޭގެ ގައިގައި ޖެހިފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ "ގްރޫޕު އޭ"ގައި ރާއްޖެ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ތާވަލުގެ ފުލުގައި އޮތް ގުއާމް ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ގްރޫޕުގެ ދެވަނައިގައި އޮތް ޗައިނާ އާއި ތިންވަނައިގައި އޮތް ފިލިޕީންސް، އެއިން ކޮންމެ ޓީމަކަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޗައިނާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ކޮލިފައިންގެ މެޗަކަށް ދެން ރާއްޖެ ނުކުންނަން ޖެހޭނީ އަންނަ އަހަރުގެ މާޗް 26ގައެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ޗައިނާއާ ދެކޮޅަށެވެ.