ޚަބަރު

ކަރަންޓުގެ އަގު ހެޔޮކުރުމާބެހޭ ގަރާރު މަޖިލީހަށް ބަލައިގެންފި

އިބްރާހިމް ޒަކީ

ކަރަންޓް އަގު ހެޔޮ ކުރުމާބެހޭގޮތުން ރައްިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ގަރާރު ބަލައި ގަތުމުން ދިރާސާ ކުރުމަށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި މި ގަރާރުގައި ރާއްޖޭގެ ތަރައްގީއަށާއި ދިވެހިންގެ ދިރިއުޅުމުގެ ފަސޭހަ ތަކަށް ބޭނުންވާ ކަރަންޓް އުފެއްދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ކަރަންޓްގެ އަގު ބޮޑު ވުމަކީ ރައްޔިތުން ކަންބޮޑުވާ ކަމަކަަށް ވެފައި އޮތުމާއި، ކަރަންޓްގެ އަގު ރައްޔިތުންނަށް އުފުލޭނެ މިންވަރެއްގައި ދެމެހެއްޓުމަކީ ބޮޑު ގޮންޖެހުމަކަށް ވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކަރަންޓް އުފެއްދުމުގެ އަގު ބޮޑުކުރަންޖެހުމާއި، އެކަމުގެ ސަބަބުން ސަރުކާރަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ވުމާއެކު މި މުހިއްމު މައްސަލަ ހައްލު ކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް އެޅުމަށް ގަރާރުގައި ވަނީ ގޮވާލައިފައެވެ.

މިގަރާރުގައި ދެމެހެއްޓެނިވި އުސޫލުން ކަރަންޓްގެ އަގު ކުޑަ ކުރެވޭނެ ގޮތްތައް ފާހަގަކޮށް އަތްވާއި ވަޔާއި ކުނި އަދި އޯޝަން ޓެކްނޮލޮޖީ އާއި ސޯލާ އިން ކަރަންޓް އުފެއްދުމާބެހޭ ކަންތައްތައް ވަނީ ވާހަގަ ކޮށްފައެވެ.